ގައުމުގެ ޚަޒާނާ ލޫޓުވާ މީހުންނަށް މާފު ނުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ: އެމްޕީ ސައްތާރު

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދާއި ރައީސް ޑރ. މުހައްމަދު މުއިއްޒު: ގައުމުގެ ޚަޒާނާ ލޫޓުވާ މީހުންނަށް މާފު ނުދެވޭ ގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދައުލަތުގެ ފައިސާ ލޫޓުވާ މީހުންނަށް މާފު ނުދެވޭ ގޮތަށް ގާނޫނުތައް އިސްލާހުކުރަން ޖެހޭ ކަމަށް، ރައްޔިތުންގެ މަޖިލީހުގައި ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީއަސް ނިސްބަތްވެވަޑައިގަންނަވާ، މިއަދު ވިދާޅުވެއްޖެއެވެ.

ސައްތާރު އެހެން ވިދާޅުވީ، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމްކުރި ފަހުންނެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ފެނަކައިގައި ސައީދު ހުންނެވިއިރު އެ ކުންފުނިން އެތައް މިލިއަން ރުފިޔާއެއް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ބުނާ އޮޑިޓް ރިޕޯޓެއް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނެރެފައެވެ.

އެ މައްސަލަތަކާ ގުޅުވައި ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ސައްތާރު ވިދާޅުވީ ރާއްޖެއަށް ޕާޓި ނިޒާމް ތައާރަފުކުރި ފަހުންނާއި އޭގެ ކުރިން ވެސް، ގައުމަަށް ޚިޔާނާތްތެރިވުމާއި ވައްކަން އަންނަނީ އިތުރުވަމުން ކަމަށެވެ. އެގޮތުން ދައުލަތުގެ ބާރުގަދަ މަގާމުތަކުގައި ތިބޭ މީހުން، އެ މަގާމުގެ ނިވަލުގައި ތިބެ އެފަދަ ކަންކަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތީ ޕީއެންސީއަށް ކަމުން، އެ ޕާޓީއަށް ގާނޫނަށް ކޮންމެ ބަދަލެއް ގެނައުމުގެ ބާރު އޮވޭ -- ފޮޓޯ/ މަޖިލިސް

ސައްތާރު ވިދާޅުވީ ދައުލަތުގެ ޚަޒާނާއަށް މުސްތަގުބަލުގައި ވަންނަން ހުންނަ ފައިސާއާއި ދައުލަތުގެ މުދާ އެއްވެސް ހަމައެއް ލަމައެއްނެތި ވިއްކައި ހުސްކޮށް، ބައިތުލްމާލު އެއްކޮށް ލޫޓުވާލައިގެން ބަޔަކު ތިބި ކަމަށެވެ. އެއީ "އިންސާނުންގެ ސިފައިގައި ތިބި ޑްރެކިއުލާތަކުގެ" ގޮތުގައި ސިފަކުރައްވައި އޭނާ ވިދާޅުވީ، އެ މީހުން އެއްވެސް ބިރެއް، ޖެހިލުމެއް ނެތި މުޖުތަމައުގައި ދިރިއުޅެމުން އަންނަ ކަމަށެވެ.

ސައްތާރު ވިދާޅުވީ އެ ފުރުސަތު އެ މީހުންނަށް ލިބެނީ، އެ މީހުންނަށް ކުށެއް ސާބިތުވިޔަސް މާފު ލިބޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

"އެއީ ކޮންމެ ހާލަކުން ކޮންމެ ގޮތެއް ހަދައިގެންވިޔަސް ވެރިކަން ބަދަލުކޮށްގެން ތިމާމެން ރައްޔިތިންގެ ފައިސާއިން ވަގަށްނެގި ބައިން ބައިއެޅި މީހަކު ވެރިކަމަށް ގެނެވިއްޖެނަމަ، އެ ފަރާތަކަށް އިމެއް ހުދޫދެއް ނެތް މިންވަރަށް ލިބިފައި އޮންނަ ބާރުގެ ތެރެއިން މާފު ލިބި، އިއްޒަތާއި ލައްޒަތާއެކު ދުނިޔޭގެ އުމުރުގައި ބާކީ އޮތްބައިގައި އުޅެވޭނެ ކަމެވެ." އޭނާ ވިދާޅުވިއެވެ.

އެފަދަ މައްސަލަތައް ސާބިތުވަނީ ވެސް ދައުލަތުގެ ތަހުގީގީ އިދާރާތަކުން އެތައް ވަގުތަކާއި ވަސީލަތްތަކެއް ހޭދަކޮށްގެންކަން ފާހަގަކުރައްވައި ސައްތާރު ވިދާޅުވީ، އެފަދަ މުޑުދާރު ކުށެއް ސާބިތުވެފައިވާ ބަޔަކަށް މާފު ލިބިގެން މިނިވަންވުމަކީ ރައްޔިތުންނަށް ހަޖަމުވާނެ ކަމެއް ނޫން ކަމަށެވެ.

"މިކަންކަމަށް ބަލާއިރު، ކުށަށް މާފު ނުލިބޭ ގޮތަށް އޮންނަންވީ ހަމައެކަނި ކުޑަކުދިންނަށް ޖިންސީ އަނިޔާ ދޭ މީހުންނާއި ޑުރަގު ވިއްކާ އެތެރެ ކުރާ މީހުނަކަށް ނޫނެވެ. ގައުމުގެ ޚަޒާނާ ލޫޓުވާ ލުޓެރުންނާއި ޑާކޫންނަށް މާފު ނެދެވޭ ގޮތަށް ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ދެކެމެވެ." އޭނާ ވިދާޅުވިއެވެ.

https://sun.mv/211929

ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ނިމެން އުޅެނިކޮށް އެ މަނިކުފާނު ވަނީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އެއް ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ކުށުގައި އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ, ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބަށް މާފު ދެއްވައި މިނިވަންކުރައްވައިފައެވެ. އަދި އެ މައްސަލައިގައި ޖަލު ބަންދުގައި ހުންނެވި އެމްއެމްޕީއާރުސީގެ ކުރީގެ ވެރިޔާ އަބްދުﷲ ޒިޔަތަށް ވެސް މާފު ދެއްވިއެވެ.

އެ ސަރުކާރުން އެމްއެމްޕީއާރުސީގެ ފައިސާ ހޯދަން ވައުދުވި ނަމަވެސް އެ ފައިސާ ހޯދިފައެއްނުވެއެވެ. އަދި އަދީބާއި ޒިޔަތަށް މާފު ދިނުމުން ޞާލިޙާއި އެމްޑީޕީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވިއެވެ. އޭގެ ފަހުން، އަދީބުގެ މެސެޖު ރެކޯޑުތައް ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުވެ، އަނެއްކާވެސް ކުރީ ސަރުކާރާއި މި ސަރުކާރުގެ ބައެއް ބޭފުޅުންނަށް ވެސް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ރައީސަށް ލިބިދީފައިވާ ބާރުން މާފު ދިނުމުގެ ގާނޫނަށް އިސްލާހު ގެންނަން ޖެހޭ ކަމަށް ސައްތާރު ވިދާޅުވިއިރު، ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހަށް މިހާރު ގާނޫނާއި ގާނޫނުއަސާސީއަށް ކޮންމެ އިސްލާހެއް ވެސް ފާސްކުރުމުގެ ބާރު އެބަ އޮތެވެ.

https://sun.mv/211862

ފެނަކައިގެ އޮޑިޓް ރިޕޯޓު އާންމު ކުރުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު ސަރުކާރުން ހުށަަހަޅައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެ ކަމަށެވެ.

މިހާރު ޗުއްޓީގައި އޮތް މަޖިލީހުގެ އައު ދައުރު ފެށުމުގެ ޖަލްސާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް