ވޯލްޑްކަޕް ކުޅޭ ސިޓީތައް ބަދަލުކުރަން ޖެހިދާނެ: ޓްރަމްޕް

އެމެރިކާގައި އަންނަ އަހަރު ބާއްވަން ނިންމާފައިވާ ދުނިޔޭގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމަށްވާ ފީފާ ވޯލްޑްކަޕް ކުޅޭ ބައެއް ސިޓީތައް ބަދަލުކުރަން ޖެހިދާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގެ އޯވަލް އޮފީހުގައި ބޭއްވި މަޝްވަރާތަކުގައި ޓްރަމްޕު ވަނީ، މިހާރު މެޗުތައް ކުޅެން ކަނޑައަޅައިފައިވާ ސިޓީތަކުގެ ތެރެއިން ސިޓީއެއް ރައްކާތެރި ނޫން ކަމަށް ފެންނަ ނަމަ، މެޗު އެހެން ސިޓީއެއްގައި ބާއްވާ ގޮތަށް ބަދަލުކުރަން އަންގަވަން ނިންމަވައިފައެވެ.

ޓްރަމްޕްގެ މި ނިންމުން އައީ ގިނަ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޓްރަމްޕު ވަނީ ވޯލްޑްކަޕް މެޗުތައް ކުޅޭ 11 ސިޓީގެ ތެރެއިން ދެ ސިޓީއެއްގައި މެޗު ނުކުޅެން އަންގަވައިފައެވެ. އެއީ ޓްރަމްޕު ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީއާ އިދިކޮޅު، ޑިމޮކްރެޓިކް ޕާޓީގެ މެންބަރުން ގިނަ ދެ ސިޓީ ކަމަށްވާ ސިއޭޓަލް އާއި ސެން ފްރެންސިސްކޯ އެވެ.

މި ދެ ސިޓީން އެންމެ ބޮޑަށް ފާޑުކިޔަނީ ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތަށެވެ. އަދި ޖުމްލަކޮށް އެމެރިކާގެ އެހެނިހެން މައްސަލަތަކުގައި ވެސް ޓްރަމްޕަށް އެންމެ ބޮޑަށް ''އުނދަގޫ ފޯރުވާ'' ދެ ސިޓީއަކީ ސިއޭޓަލް އާއި ސެން ފްރެންސިސްކޯ އެވެ.

މިކަމާ ގުޅޭގޮތުން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާއިން ވަކި އެއްޗެއް ނުބުނެއެވެ. ނަމަވެސް ރިޕޯޓުތައް ބުނާގޮތުން ފީފާއިން ވަނީ ޓްރަމްޕުގެ އަވަސް ނިންމުންތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެގޮތުން ކުއްލި ކުއްލިއަށް ނިންމާ ނިންމުންތަކުގެ ސަބަބުން މުބާރާތަށް އަސަރުކޮށްފާނެތީ އިންފަންޓީނޯ ވެސް ވަނީ މީގެކުރިން ޓްރަމްޕާ ވާހަކަދައްކަވައިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު