ފެނަކަ ރިޕޯޓް ނެރުނީ އޮޑިޓާ ޖެނެރަލަށް ބިރުދައްކައިގެން, އެއްވުން ބާއްވާތީ ޖެހިލުން ވެގެން: އެމްޑީޕީ

ރައީސް މުއިއްޒާއި، އޮޑިޓާ ޖެނެރަލް ނިޔާޒީ: ފެނަކަ ރިޕޯޓް ނެރުނީ އޮޑިޓާ ޖެނެރަލަށް ބިރުދައްކައިގެން, އެއްވުން ބާއްވާތީ ޖެހިލުން ވެގެން ކަމަށް އެމްޑީޕީން ތުހުމަތު ކުރޭ --

އެމްޑީޕީ ސަރުކާރުގެ ފަހު ތިން އަހަރު ފެނަކަ ކޯޕަރޭޝަން ހިންގިއިރު ހިންގާފައިވާ ކޮރަޕްޝަންގެ އެތައް ކަމެއް ތިލަކޮށް, އޮޑިޓް އޮފީހުން ނެރުނު ރިޕޯޓަކީ, އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް ބިރު ދައްކައިގެން ސަރުކާރުން ކުރި ކަމެއް ކަމަށް, އެމްޑީޕީން މިއަދު ތުހުމަތު ކޮށްފިއެވެ.

އެ ތިން އަހަރު ފެނަކައިން ދެ ބިލިއަން ރުފިޔާއަށް ވުރެން ގިނަ މުއާމަލާތް ހިންގާފައިވާއިރު އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ޚަރަދު ކޮށްފައިވަނީ ރަނގަޅު އުސޫލަކުން ނޫން ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެގޮތުން ބިލިއަނަކަށް ވުރެން ގިނަ ރުފިޔާގެ މަސައްކަތް ބިޑް ކުރުމެއް ނެތި އެކިއެކި ކުންފުނިތަކާ ހަވާލު ކޮށްފައިވާކަން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

https://www.sun.mv/211939

މި އޮޑިޓް ރިޕޯޓާ ގުޅިގެން ފުރަތަމަ ފަހަރަށް ރަސްމީކޮށް އެއްޗެއް ބުނުމަށް, އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރޭގަނޑު ދަންވަރުގެ ވަގުތެއްގައި މިނިވަން މުއައްސަސާއެއްގެ އޮފީސް ހުޅުވައިގެން ސިޔާސީ ބަޔަކު ލިޔެފައިވާ އޮޑިޓު ރިޕޯޓެއް އޮޑިޓާ ޖެނެރަލްގެ އޮފީހުން ޝާއިއުކުރީ ކަމަށާއި އެއީ އެ ޕާޓީން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ސަރުކާރުގައި ދައުލަތުގެ އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް ގާނޫނާއި ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިވާނަމަ އެ ކަމެއް ބަލައި އިންސާފުވެރި ޝަރީއަތަކުން ގޮތް ކަނޑައެޅުމަށް އެ ޕާޓީން މަރުހަބާ ކިޔާ ކަމަށް ބަޔާނުގައިވެއެވެ. ނަމަވެސް ސަރުކާރުގެ 'ޕްރޮޕަގަންޑާ މެޝިނުން' ފަތުރަމުން އަންނަ ތޯތޯ ވާހަކަތަކަށް އެ ޕާޓީން ޖަވާބުދާރީވާނީ އިންސާފުވެރި ޝަރީއަތުގެ މަޖިލީހެއްގައި ކަމަށް އެ ބަޔާނުގައިވެއެވެ.

"[ރައީސް ޑރ. މުޙައްމަދު] މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ދައުލަތުގެ ހުރިހާ ބާރެއް މުށުތެރެއަށް ވަނީ ނަންގަވާފައި. ރައްޔިތުންގެ މަޖިލީހާއި ކޯޓުތަކުގެ މައްޗަށް ފުރިހަމަ ބާރު މުއިއްޒު ހިންގަވަމުން ގެންދަވާއިރު އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީއަށް މަގާމުން ވަކިކުރާނެ ކަމުގެ ބިރު ދައްކައިގެން މުއިއްޒު ބޭނުންވާ ގޮތަށް ރިޕޯޓުތައް ނެރެމުންދިޔުމަކީ ދައުލަތުގެ އިދާރާތަކަށް ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފެއިލްވެފައިވާ ކަމުގެ ހެއްކެއް," އެމްޑީޕީން ބުންޏެވެ.

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އޮޑިޓާ ޖެނެރަލް އިބްރާހިމް ނިޔާޒީ: އެމްޑީޕީން ވަނީ ސަރުކާރުން އޮޑިޓާ ޖެނެރަލަށް ބިރު ދެއްކީ ކަމަށް ތުހުމަތުކޮށްފައި -- ފޮޓޯ/ ސީއޭ މޯލްޑިވްސް

މިފަދަ ރިޕޯޓެއް ނެރުނުއިރު އެ ކަމުގައި ޝާމިލުވާ މީހުންނާއި ކުންފުނިތަކާ އެއްވެސް ސުވާލެއް ކުރުމެއް ނެތި އެފަދަ ރިޕޯޓެއް އާންމުކުރުމަކީ ސިޔާސީ ބޭނުމެއްގައި ކޮށްފައިވާ ކަމެއްކަން ސާބިތުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެއެވެ. އަދި މިއީ ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބޮލުގައި ސާބިތު ނުހިފޭ ދޮގު އިލްޒާމް އަޅުވައި އަގު ވައްޓާލުމަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް އެމްޑީޕީން ތުހުމަތު ކުރެއެވެ.

"ފެނަކަ ކޯޕަރޭޝަންގެ އޮޑިޓު ރިޕޯޓަކީ މި ސަރުކާރުން އިދާރާތަކާއި ކުންފުނިތައް މެދުވެރިކޮށް މުޅި ދައުލަތް ލޫޓުވަމުންދާ ވާހަކަ އޮއްބާލުމަށް ސިޔާސީ ބޭނުމެއްގައި ނެރުނު ރިޕޯޓެއް ކަމަށް މި ޕާޓީން ދެކެން. އަދި އެ ރިޕޯޓަކީ ތިނެއް އޮކްޓޯބަރުގައި ބާއްވާ އެއްވުމަށް ލިބެމުންދާ ތަރުހީބު ފެނި ސަރުކާރަށް ގޮތްހުސްވެގެން ނެރުނު ރިޕޯޓެއް," އެމްޑީޕީން ބުންޏެވެ.

https://sun.mv/211841

ބަޔާނުގައި އިތުރަށް ބުނީ ރައްޔިތުންގެ ނުރުހުން ސަރުކާރަށް އިންތިހާއަށް އޮތުމާއެކު "ޕްރޮޕަގަންޑާ ފެތުރުމަށް" އަންނަ ބުރާސްފަތި ދުވަހު, ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް ވަނީ ނިންމާފައި ކަމަށެވެ.

"ސަރުކާރުން ފުލުފުލުގައި ސިޔާސީ ރިޕޯޓުތައް ނެރެ ސިޔާސީ ހުކުމްތައް ކުރަމުންދިޔަ ނަމަވެސް އަންނަ ހުކުރު ދުވަހު މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ދިވެހިރައްޔިތުން މަގުތަކަށް ނުކުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް," ބަޔާނުގައިވެއެވެ.

އަންނަ ބުރާސްފަތި ދުވަހު މަޖިލިސް ޖަލްސާ ބާއްވަނީ ޕްރޮޕަގަންޑާ ފަތުރަން ކަމަށް އެމްޑީޕީން ތުހުމަތުކުރިއިރު، އެއީ މިހާރު ޗުއްޓީގައި އޮތް މަޖިލީހުން ދައުރު ފެށުމަށް ބާއްވާ ޖަލްސާއެވެ.

ފެނަކަގެ އޮޑިޓް ރިޕޯޓްގައި ވަރަށް ސީރިއަސް ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވެއެވެ. އޭގެ ތެރޭގައި މާކެޓް އަގަށް ވުރެން މާ އަގު ބޮޑުކޮށް މަސައްކަތް ހަވާލު ކުރުމާއި ބިޑަށް ލުމެއް ނެތި ޕްރޮޖެކްޓްތައް ދިނުން ފަދަ އެތައް ކަމެއް ހިމެނެއެވެ.

މިފަދަ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ, ފެނަކައިގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސައީދު މުޙައްމަދު, ހަތަރު އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

comment ކޮމެންޓް