ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، އޭނާ ހަތަރު އަހަރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
މިއީ އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެވެ. މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.
އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ސައީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެހެންވެ، އެ މައްސަލައިގައި ސައީދުގެ މައްޗަށް ވަނީ ހަތަރު އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ސައީދަށް ތުހުމަތުވާ އިތުރު މައްސަލައެއް ވެސް ކޯޓުގައި އެބައޮތެވެ. އެއީ، ފެނަކައިން އައިސްޕްލާންޓް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ގޮތަށް މުއާމަލާތް ކުރި މައްސަލައިގައި އޭނާގެ މައްޗަށް އުފުލި ދައުވާއެވެ.
އެ ފަހަރު ދެ މީހުންގެ މައްޗަށް ދެ ދައުވާއެއް އުފުލީ، ކައިޒާންގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަށް 2023 ވަނަ އަހަރު ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމުން ނިންމައިފައިވަނީ، އެ މަޝްރޫއަކީ ކުންފުންޏަށް ގެއްލުންހުރި 'އިންޓާނަލް ރޭޓް އޮފް ރިޓާން' އަދި 'ނެޓް ޕްރެޒެންޓް ވެލިއު' ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި މަޝްރޫއެއްކަން ސައީދަށް އެނގިފައި ވަނިކޮށް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި ވެސް ސައީދުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ. އެ މައްސަލަ ވެސް ކޯޓުގައި އެބަ ހިނގައެވެ.
ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ.
ފެނަކައާ ގުޅޭ ޚާއްސަ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަން:
- ތިން އަހަރު ތެރޭ ބީލަމަށް ނުލައި 1.4 ބިލިއަން ރުފިޔާ ޚަރަދުކުރުން
- 2 މިލިއަން ރުފިޔާއަށް ލިބެން އޮތް ބޭނުންކޮށްފައިވާ ޖަނަރޭޓަރުތަކެއް އާ ޖަނަރޭޓަރުގެ ގޮތުގައި 17 މިލިއަނަށް ގަތުން
- ބައެއް ކުންފުނިތަކަށް މަސައްކަތް ހަވާލުނުކުރަނީސް ފެނަކައިގެ ނަމުގައި މުދާ ގެނެސްފައި ހުރުން
- އުޅަނދެއް ނެތް ބަޔަކަށް މުދާ އުފުލަން 105 މިލިއަން ރުފިޔާ ޚަރަދުކުރުން
- އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ އާއިލީ ކުންފުނިތަކަކަށް މަސައްކަތް ހަވާލުކޮށްފައިވުން
- ސިޔާސީ ގޮތުން އެމްޑީޕީއާ ގުޅުން އޮތް ކުންފުނިތަކަށް ބިޑްކުރުމަކާ ނުލައި ގިނަ މަޝްރޫއުތަކެއް ދިނުން
އެ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ ވިދާޅުވެފައެވެ. އެހެންވިޔަސް ސައީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.