ފެނަކައިގެ ހިންގުން ކުރިއަށްވުރެ ރަނގަޅު، މައްސަލަތައް ތަކުރާރުވޭތޯ ބަލަން: ޕީސީބީ

ޕީސީބީގެ ރައީސް މުހައްމަދު އަނަސް: ފެނަކައިން މީގެ ކުރިން ކުރި އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ ކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވި --

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ހާލަތު ގޯސް އެއް ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ކުރިން ހިންގި ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން އާންމުކުރި ރިޕޯޓުގައިވާ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ ކަންކަން ބަލަމުން އަންނަ ކަމަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޮޑިޓަރު ޖެނެރަލްގެ އޮފީހުން ނެރުނު ފެނަކަ ކޯޕަރޭޝަންގެ ޚާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން، ތިން އަހަރު ތެރޭ ބީލަމަށް ނުލައި އެ ކުންފުނިން 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އަދި ކުންފުންޏަށް ބޭނުންވާ ބައެއް މުދާ އަގުބޮޑުކޮށް ގަނެފައިވާކަމާއި، ބިޑުކުރުމެއް ނެތި މަސައްކަތްތައް މިދިޔަ އެމްޑީޕީ ސަރުކާރާ ސިޔާސީ ގޮތުން ގުޅުމެއް ނެތް ކުންފުނިތަކާ ހަވާލުކޮށްފައިވާކަން، އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެ ކަންކަން ބަލައި ތަހުގީގުކުރުމަށް އޮޑިޓް އޮފީހުން ލަފާވެސް ދީފައިވެއެވެ.

https://sun.mv/211841

މިކަމާ ގުޅިގެން 'ސަން'އިން ސުވާލުކުރުމުން، ޕީސީބީގެ ރައީސް މުހައްމަދު އަނަސް ވިދާޅުވީ، އެ ބޯޑުން އެ މައްސަލަ ބަލަމުން އަންނަ ކަމަށާއި، ޕީސީބީން މިވަގުތު ބަލަމުން އަންނަނީ އެފަދަ އެއްވެސް މައްސަލައެއް ތަކުރާރުނުވާނެ ފަދަ ގޮތަކަށް ފެނަކައިން އަމަލުކުރޭތޯ ކަމަށެވެ.

އެ ކޯޕަރޭޝަނާ ގުޅޭ އެއްވެސް މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވަން ޖެހޭ ނަމަ، އެކަން ކުރުމަށް ފެނަކައިގެ ބޯޑަށް ޕީސީބީން ލަފާދީފައިވާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

"މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަދި ފޮނުވަންޖެހޭ މައްސަލަތައް އޭސީސީއަށް [ފެނަކައިގެ] ބޯޑުން ފޮނުވައިތޯ ޕީސީބީން އެބަ ބަލަން،" އޭނާ ވިދާޅުވިއެވެ.

ފެނަކަ ކުންފުނީގެ ކުރީގެ އެމްޑީ، ސައީދު: ޕީސީބީން ބުނީ ފެނަކައިން މީގެ ކުރިން ކުރި އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އެ ކުންފުނިން ކުރަމުންދާ ކަންކަން ބަލަމުން އަންނަ ކަމަށް -- ސަން ފޮޓޯ/ މުހައްމަދު ނާއިލް ހުސައިން

އަނަސް ވިދާޅުވީ، ފެނަކައިގެ އެތެރޭގެ ހިންގުން ކުރިއަށްވުރެ ރަނގަޅުކަމަށް ޕީސީބީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި، އޮޑިޓް ރިޕޯޓުގައި ފާހަގަވާ މައްސަލަތައް ހިނގިއިރު ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު މުހައްމަދު މިއަދު ވަނީ، ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށާއި، އޮޑިޓް ރިޕޯޓު ގޯސް ކަމަށް ވިދާޅުވެފައެވެ.

https://sun.mv/211922

ފާޑުކިޔުންތަކަށް ރައްދުދެއްވައި، ތުހުމަތުތަކަށް އިންކާރުކުރައްވަމުން ސައީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މަގާމާ ހަވާލުވި ދުވަހުން ފެށިގެން މަގާމުން ވަކިވަންދެން ފެނަކައިގެ ބޭނުމަށް ހިންގި އެންމެހާ ޕްރޮކިއުމަންޓް މުއާމަލާތްތައް ހިންގާފައިވާނީ ކުންފުނީގެ އެންމެހާ ގަވާއިދުތަކާއި އުސޫލުގެ ތެރެއިން ބޯޑުން އެކުލަވާލާފައިވާ އިދާރީ އޮނިގަނޑުގެ ވެސް ތެރެއިން ކަމަށެވެ.

ކޮރަޕްޝަނުގެ މައްސަލަތަކެއްގައި މީގެ ކުރިން ސައީދަށް ދައުވާކޮށް، އޭގެ ތެރެއިން ބައެއް މައްސަލަތަކުގައި ދަނީ ޝަރީއަތް ހިންގަމުންނެވެ. އެގޮތުން އެއްވެސް މަސައްކަތެއް ނުކުރަނީސް، ބްލޭޒަން އިންކް ނަމަކަށް ކިޔާ ކުންފުންޏަކާ އެކު ސެޓްލްމަންޓް އެއްބަސްވުން ހަދައި ފައިސާ ދޫކުރި މައްސަލައެއްގައި އޭނާގެ މައްޗަށް މިއަދު ވަނީ ކޮރަޕްޝަނުގެ ދައުވާ ސާބިތުވެފައެވެ.

comment ކޮމެންޓް