ވޮޝިންޓަން (ސެޕްޓެންބަރު 25، 2025): ޣައްޒާގެ އާންމުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތަކާ ގުޅިގެން 2026 ވަނަ އަހަރުގެ ވޯލްޑްކަޕުން އިސްރާއީލު ސަސްޕެންޑް ކުރަން ފުޓްބޯޅައާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ (ފީފާ)އިން މަސައްކަތްކުރާތީ އެ ޖަމިއްޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު "ނިޔު ޔޯކް ޓައިމްސް"އަށް ދެއްވި ބަސްދީގަތުމެއްގައި ފީފާއަށް ބިރުދައްކަވަމުން ވިދާޅުވީ، 2026 ވަނަ އަހަރުގެ ވޯލްޑްކަޕުން އިސްރާއީލުގެ ފުޓްބޯޅަ ޓީމު ސަސްޕެންޑްކުރަން މަސައްކަތްކުރާނަމަ އެމެރިކާއިން ފީފާއާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމުގައެވެ. ނަމަވެސް، އިތުރު ތަފުސީލެއް ނުދެއްވައެވެ.
ފުޓްބޯޅައާ ބެހޭ އެތައް ގައުމެއްގެ ތަޖުރިބާކާރުންނާއި ސަރަހައްދީ އަދި ވަކިވަކި ގައުމުތަކުގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުންވަނީ 2026 ވަނަ އަހަރުގެ ވޯލްޑްކަޕުން އިސްރާއީލު ސަސްޕެންޑްކުރުމަށް ފީފާގެ ކިބައިން އެދިފައެވެ.
މި ފަރާތްތަކުންވަނީ ފީފާގެ އިތުރުން ޔޫއެފާގެ ކިބައިން ވެސް އިސްރާއީލު ސަސްޕެންޑްކުރުމަށް އެދިފައެވެ. އިސްރާއީލު ސަސްޕެންޑްކުރަންޖެހެނީ ޣައްޒާގައި އިންސާނީ ނަސްލު ނައްތާލުމުގެ ޖަރީމާ ހިންގުން ހުއްޓާލުމަށް ގޮވާލައި 2024 ވަނަ އަހަރުގެ ޖޫން މަހު އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން އިސްރާއީލުގެ މައްޗަށް ނެރެފައިވާ ވަގުތީ އަމުރަށް ރިއާޔަތްކޮށްގެންނެވެ.
މީގެ އިތުރުން، ޣައްޒާގައި އިސްރާއީލު ސިފައިން ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް ހިންގާ މައްސަލައިގައި އިސްރާއީލުގެ އިސްވެރިން ހައްޔަރުކުރުމުގެ އަމުރު ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވެސް ވަނީ ނެރެފައެވެ.
އިސްރާއީލުގެ ނޫހެއް ކަމަށްވާ "ވާލާ"ގައި ބުނާ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ފީފާގެ ރައީސް ޖީއާނީ އިންފަންޓީނޯއަށް ފޯނުން ގުޅުއްވައި އިސްރާއީލާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް ފީފާއަށް އިންޒާރު ކުރައްވާފައެވެ.
ފީފާއިން އިސްރާއީލު ސަސްޕެންޑްކުރުމަށް އެއްވެސް ފިޔަވަޅެއް އަޅައިފިނަމަ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން 2026 ގައި އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ މެޗުތައް ބޭއްވުމުގެ ފުރުސަތު ނުދޭނެކަމާއި ފީފާގެ މަސްއޫލުވެރިންނަށް އެމެރިކާއަށް ވަނުމުގެ ވިސާ ވެސް ނުދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިކަމަށް އިސްރާއީލުގެ ނޫހެއް ކަމަށްވާ "ވާލާ" ބުނެއެވެ.
އެމެރިކާއަކީ އިސްރާއީލުގެ ޓެރިޒަމް ސްޕޮންސާކުރާ ކަމަށް ތުހުމަތުކުރެވޭ މައިގަނޑު ގައުމެވެ. ޣައްޒާގެ އާންމުންގެ ނަސްލު ނައްތާލުމަށް އިސްރާއީލު ހިންގާ ގަތުލުއާންމުތަކަށް ބޭނުންވާ ހަތިޔާރާއި މައުލޫމާތާއި ވަސީލަތްތައް ފޯރުކޮށްދޭ މައިގަނޑު ގައުމަކީ ވެސް އެމެރިކާއެވެ.
އެމެރިކާގެ އިތުރުން ދެން މި ޖަރީމާއަށް އެހީތެރިވަނީ ޖަރުމަނާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތް ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކެވެ. އެކަމަކު، ސްޕެއިނާއި އަޔަލޭންޑް އަދި ސްލޮވީނިއާ ފަދަ ޔޫރަޕްގެ ބައެއް ގައުމުތަކުންވަނީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ގަތުލުއާންމުތައް އިސްރާއީލުން ހިންގާތީ އިސްރާއީލާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާފައެވެ.
އެމެރިކާއިން ވަނީ އިސްރާއީލުން ހިންގާ ޖަރީމާތައް ބަލައި ތަހުގީގު ކުރާތީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓަށް ވެސް ބިރުދައްކައި، އެ ކޯޓުގެ ފަނޑިޔާރުންނާއި ޕްރޮސެކިއުޓަރާ ދެކޮޅަށް ދަތިކުރުމުގެ އެތައް ފިޔަވަޅުތަކެއް އަޅައި ބައިނަލްއަގުވާމީ އަދާލަތަށް ހުރަސްއަޅާފައެވެ. އަދި، ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކާއި ނަސްލު ނައްތާލުމުގެ ޖަރީމާތައް ތަހުގީގުކުރާތީ އެމެރިކާއިން ގެންދަނީ އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް ވެސް ބިރުދައްކައި އިސްރާއީލުގެ ހިމާޔަތުގައި ބައިނަލްއަގުވާމީ އިންސާފަށް ހުރަސްއެޅުމަށް ހުތުުރު އަމަލުތަކެއް ހިންގަމުންނެވެ.