ބިލިއަނެއްގައި އޮންނަނީ ނުވަ ސުމެކެވެ. ގިނަ މީހުންނަށް ނޭނގިދާނެތީ ބުނެލީއެވެ.
ނިމިދިޔަ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ, އެމްޑީޕީގެ ވެރިކަމުގައި ފެނަކައިން 2021 އިން 2023 އަށް ހިންގި ފައިސާގެ މުއާމަލާތްތަކުގެ އަދަދު އުޅެނީ ދެ ބިލިއަން ރުފިޔާއިން މަތީގައެވެ. އެއީ، ހުސް ޚިޔާނާތޭ ބުނަނީއެއް ނޫނެވެ. އެކަމަކު، އޭގެ ތެރެއިން ބޮޑު ބައެއް ހޭދަކޮށްފައިވަނީ ބޮޑެތި ޖަރީމާތަކެއްގެ ތެރެއިންކަން އޮޑިޓާ ޖެނެރަލްގެ ތަފުސީލީ އޮޑިޓް ރިޕޯޓުގައި އެބަ ތުހުމަތުކުރެއެވެ.
އެއާއެކު އެތައް ތުހުމަތުތަކެއް އޭރު ކުރެވުނުއިރު ވެސް, އެ ވެރިކަން ފެށުނީއްސުރެ ނިމެންދެން ފެނަކަގެ ވެރިއަކަށް ހުންނެވި, އަޙްމަދު ސައީދު މުޙައްމަދަށް "ވަގަށް ގޮވުން", މި ވަނީ އަނެއްކާ ވެސް އިތުރުވެފައެވެ. ނަމަވެސް، ހަގީގަތަކާ ކުރިމަތިލާނަމަ މިއީ ސައީދާ ހިސާބުން އެކަނި ނިމޭ ކަމެއް ނޫނެވެ. ސައީދަކީ އެކަންކަން ކުރި މީހާއަށް ވެދާނެއެވެ. އެކަމަކު، އެކަމުން ނާޖާއިޒު މަންފާ ހޯދީ ހަމައެކަނި ސައީދެއް ނޫނެވެ. އެތައް ބައެކެވެ. އިންސާފުވެރިކަމާ އެކު މިކަން ބަލާނަމަ ސައީދު ކުރި ކަމަށް ތުހުމަތުކުރެވޭ މިކަންކަން ކުރުމަށް މަގުފަހިކުރެއްވި ވެރިންނާއި މި ޖަރީމާގެ ތެރެއިން ނުހައްގު މުއްސަނދިކަން ހޯދިކަމަށް ބެލެވޭ އެތައް ބައެއްގެ މައްސަލަ ބަލަން ވާނެއެވެ.
އަންނަ ހުކުރު ދުވަހު, މި ސަރުކާރާ ދެކޮޅަށް އެމްޑީޕީން އެ މުޒާހަރާއަށް ނުކުންނަނީ "ލޫޓުވައިފި, ލޫޓުވައިފި" ނަމުގައެވެ. މި ސަރުކާރުން ހަގީގަތުގައި ވެސް ކުރަން ނުވާނެ ގޮތަށް ކަންތައްތަކެއް އެބަކުރެއެވެ. އަދި، އެ ވާހަކަދެއްކިޔަ ނުދޭން ނޫސްވެރިން ތަޅުއަޅުވަން ގާނޫނެއް ވެސް އަވަސް އަވަހަށް ފާސްކޮށްފިއެވެ. ސަރުކާރުން ގޯސް ހަދާނަމަ, އެކަމާ ދެކޮޅަށް ނުކުތުމަކީ, ޑިމޮކްރަސީއެއްގައި އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ކަމެކެވެ. އެކަމަކު، ކޮރަޕްޝަންގެ ވާހަކަދައްކަން "ކޮރަޕްޓް" ބައެއް ނުކުތުން އެއީ ދެކޮޅު ޖެހޭނެ ކަމެއް ނޫނެވެ. އެހެންވީމާ ބޮޑު ސުވާލަކީ ލޫޓުވައިގެން މިހާރު މިއޮތް އެމްޑީޕީއަށް ނުކުމެވެން އެބައޮތްތޯއެވެ؟
އެ ދުވަސް ހަނދާން ކޮށްލަން!
އެމްޑީޕީ އުފެއްދި އެންމެ އަސާސީ އެއް ސިފައަކީ ވެސް ކޮރަޕްޝަނާއި ބާރުތައް އެއް ކުރުމާ ދެކޮޅު ހެދުމެވެ. ގަދަފަދަ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިގު 30 އަހަރުގެ ވެރިކަން އެ ޕާޓީން ބަދަލުކުރީ އެ ހުވަފެން ރައްޔިތުންނަށް ދައްކައިގެންނެވެ. ނަމަވެސް، އެމްޑީޕީން އެ ވައުދު ފުއްދިއެކޭ ބުނެވޭކަށް ނެތެވެ. ކޮރަޕްޝަނަށް އޮތީ "ޒީރޯ ޓޮލެރެންސް" ކަމަށް ޞާލިޙް ވިދާޅުވި ނަމަވެސް, އަމަލުކުރެއްވީ އެގޮތަށް ކަމަށް ގަބޫލެއް ނުކުރެވެއެވެ. ވެރިކަން ހޯއްދެވުމަށް 2018 ގައި ޞާލިޙް އެންމެ ބޮޑަށް ވިއްކެވީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންތަކުގެ ވާހަކައެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ޖެއްސެވި ކާލާ މަންނައަކީ އެ ޚިޔާނާތުގައި ގެއްލުނު އެތައް ބިލިއަން ރުފިޔާއެއް ހޯދައި ދެއްވާނެ ވާހަކައާއި އެކަން ކުރި މީހުންނަށް އަދަބު ދެއްވާނެ ވާހަކައެވެ. ނަމަވެސް، އެ ފައިސާ ނުހޯދުނުތާ، ދައުރު ނިމެން ދެތިން ދުވަހަށްވެފައި ވަނިކޮށް ޞާލިޙް ކުރެއްވި ކަމަކީ އެ ބޮޑު ޚިޔާނާތް ހިންގެވި ކަމަށް އަމިއްލައަށް އިއުތިރާފުވެވަޑައިގެންފައިވާ, ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މިނިވަންކުރެއްވުމެވެ.
އެމްއެމްޕީއާރުސީގެ މައްސަލައަށް ވައުދާ އެއްގޮތަށް އަމަލުނުކުރެއްވި ވާހަކަ ބާއްވާއިރު، ދެން ކަން ހިނގީވެސް ދެރަވަރު ކޮށެވެ. އެމްޑީޕީގެ ދެވަނަ ވެރިކަން ނިމިގެން ދިޔައީ ކޮރަޕްޝަންގެ ގިނަ ކަންކަން ތުހުމަތުކުރެވޭ ގޮތަށެވެ. ފެނަކައަށް ކުރެވޭ ބިޔަ ބޮޑެތި ތުހުމަތުތަކުގެ އިތުރުން, ވެންޓިލޭޓަރު ވައްކަމާއި އާރުޑީސީއަށް ކުރެވޭ ތުހުމަތުތަކާއި ރިޔާސީ އިންތިޚާބަށް ކައިރިވެފައި ވަނިކޮށް ހުޅުމާލެއާއި ނުހިކި ހުރި ފަޅުފަޅުން ބަހާލި ބިންތަކާއި 4000 ފްލެޓް ބަހާލި ގޮތް މިހެން ގޮސް އެތައް ކަމެކެވެ. އެމްޑީޕީއަށް ސަރުކާރާއެކު މަޖިލިސް އޮތީ ބޭނުން ކަމެއް ކުރެވޭ ގޮތަށް ލިބިފައެވެ. އެކަމަކު، އެ މައްސަލަތަކެއް ނުބެލިއެވެ.
އެމްޑީޕީގެ ވެރިކަމުގައި ފުރަތަމަ އެކުލަވާލި, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި ރައީސަކަށް މަރްޔަމް ޝިއުނާ, ހުންނެވިއިރު އެ ކޮމިޝަނުން ވަނީ ފެނަކައިން އޭރު ހިންގި ޚިޔާނާތް ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ސީދާ ރައީސް ޞާލިޙުގެ ސަމާލުކަމަށް ގެންނަވައިފައެވެ. ނަމަވެސް، ފުރަތަމަ ވެސް އެކަށީގެންވާ ފިޔަވަޅެއް ނާޅުއްވައި އެކަން އޮތީ ބާއްވަވާފައެވެ. އޭގެ ސަބަބުތައް ވެސް ގިނައެވެ.
"އަސްލު ވީގޮތަކީ ފެނަކަ މެދުވެރިކޮށް އޭރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިފަހައްޓަމުން އައީ. އެހެންވީމާ ސައީދަށް ފިޔަވަޅު އެޅޭކަށް ނޯންނާނު. މެންބަރުންނަށް ލިބޭ ބައި ނުލިބޭނެއެއްނު ސައީދު ވަކި ކުރީމާ," އޭރު އެ ކޮރަޕްޝަންގެ މައްސަލަތައް ގާތުން ބައްލަވަމުން ދިޔަ ބޭފުޅަކު ވިދާޅުވިއެވެ.
އޭނާގެ އެ ވާހަކައަށް ބާރު ލިބޭ އެތައް ހެއްކެއް އޮޑިޓް ރިޕޯޓުން އެބަ ހާމަވެއެވެ. ބިޑަކަށް ނުލައި ފެނަކައިން ސަތޭކަ މިލިއަން ރުފިޔާއަށް ވުރެ އަގު ބޮޑު ޕްރޮޖެކްޓްތައް ހަވާލުކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އޭރު އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ކުންފުނި ހިމެނެއެވެ. މީގެ އިތުރުން، ކާކުގެ ކަމެއް ނޭނގޭ ގޮތަށް ރާއްޖޭން ބޭރުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ވެސް ހިމެނެއެވެ. މި ސަރުކާރުން މީޑިއާ ކޮންޓްރޯލްކުރެވޭ ގޮތަށް ފާސްކޮށްފައިވާ ގާނޫނާ ހެދި އެ ތަފުސީލު ހާމަކުރަން ދަތީއެވެ. އެކަމަކު، މި ދެންނެވި ބައެއް މެންބަރުންނާއި އެމްޑީޕީގެ އެ ވެރިކަމުގެ ނުފޫޒު ގަދަ ބައެއް ބޭބޭފުޅުން ހޯދި ކުއްލި މުއްސަނދިކަމުގެ ހެކިތައް އެ ހުރީ ފެންނާށެވެ.
އޭރުގެ އޭސީސީން ފެނަކައިގެ މައްސަލަ ހުށަހެޅުމުން އަސްލު އަޅަން ވާނެ ފިޔަވަޅު ނާޅުއްވައި، ކުޅުއްވީ ޑްރާމާއެއް ކަމަށް ބެލުމުގެ ފުރުސަތު އޮޑިޓް ރިޕޯޓުން އެބައޮތެވެ. އޭސީސީގެ ތުހުމަތުތަކާ އެކު މާރިޗު, 10, 2021 ގައި އޭރުގެ ރައީސް ޞާލިހް ވިދާޅުވީ، ފެނަކައިގެ ކޮރަޕްޝަން ހާލަތާ ގުޅޭ ގޮތުން އޭސީސީން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކޮށް ކުންފުނި އިސްލާހުކުރަން ދޭމުއްދަތުގައި އެކަން ނުކޮށްފި ނަމަ، ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެއާއެކު ކަންކަން އިސްލާހު ކުރެއްވި ކަމަށް ސައީދު ވިދާޅުވި ނަމަވެސް އޮޑިޓު ރިޕޯޓުން ބުނެދެނީ އެކަން ނުކުރާ ކަމެވެ.
އެކަންކަމުގެ ވާހަކަދެކެވުމުން އޭރު އޮތް އޭސީސީއަށް ވީގޮތް ވެސް ބައްލަވާށެވެ. އެމްޑީޕީގެ އެ ސަރުކާރުގެ ވެރިންގެ ކޮރަޕްޝަން ފައިލްތައް ހުޅުވައިގެން އުޅުނީމާ، އެ ޕާޓީގެ މެޖޯރިޓީ އޮތް މަޖިލީހުން އޭސީސީގެ ކަންކަން ބަލަން ފެށިއެވެ. މަޖިލީހުގެ ކޮމިޓީތަކަށް ކޮމިޝަންގެ މެންބަރުން ހާޒިރުކޮށް, ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ފާޑުކިޔަން ފެށީ ފާޅުގައެވެ. "އޭސީސީއަށް ކުޑަކުދިންތަކެއް ލީމާ މައްސަލައެއް ނުބެލޭނެއޭ" ވިދާޅުވުންފަދަ އެތައް ކަމެކެވެ. އެންމެ ފަހުން ޕާފޯމްނުކުރާ ކަމަށް ބުނެ، އެ މެންބަރުން މަޖިލީހުން ވަކިކުރީއެވެ.

މާޗް 28، 2021: އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަޖިލީހުގެ ކޮމެޓީގެ އެ ނިންމުމަށް އޭރު އޮތް އޭސީސީން ރައްދު ދެމުން ނެރުނު ބަޔާނުގައި ބުނީ، ތަހުގީގުތަކުގައި ނުފޫޒު ފޯރުވިޔަ ނުދޭން ކޮމިޝަނުން ސާބިތުވެތިބުމުން ފާޑުކިއުން އަމާޒުކޮށް ފެއިލްކޮށްލަން މަސައްކަތްކުރި ކަމަށާއި އިތުބާރު ނެތް ކަމުގެ ވޯޓެއް ތަކުރާރުކޮށް ނަގަން މަސައްކަތް ކުރީ ވެސް އެ ސަބަބާ ހެދި ކަމަށެވެ.
އެއަށް ފަހު އަލުން އޭސީސީ އެކުލަވާލައި އިސް ބޭފުޅަކަށް ހެއްދެވީ, މިހާރު ވެސް އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި އާދަމް ޝާމިލެވެ. މި އޭސީސީ ފާހަގަކުރެވެނީ "ވަރަށް ބަސް އަހާ" ކޮމިޝަނެއްގެ ގޮތުގައެވެ. އެމްޑީޕީގެ ވެރިކަމުގައި ވެސް އަދި މި ވެރިކަމުގައި ވެސް އެގޮތަށް އެ އޮވެވެނީ އެހެންވެ ކަމަށް ވެދާނެއެވެ.
އިތުބާރު ބޭނުންނަމަ "ވަގުން" ބޭރުކޮށް, ދޮވެ ސާފު ކުރަން ޖެހޭ!
އާރާއި ބާރުގައި އޮތް ސަރުކާރަކަށް ރައްޔިތުން ނޫނެކޭ ބުނާނީ ގިނަ ސަބަބުތަކެއް އޮތީމައެވެ. އެހެންވީމާ ރައްޔިތުން ނުރުހުނު ކަންކަން ރަނގަޅުކުރުމަކީ ތަހުޒީބީ ގައުމުތަކުގައި ވަރަށް އިސްކަންދޭ ކަމެކެވެ. އެހެންކަމުން ޕާޓީއަކަށް ވެރިކަން ގެއްލުނީމާ، އެ ގެއްލުނު ސަބަބު ހޯދައި, ގޯސްތައް ހެއްދެވި ކަމަށް, ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން އަމިއްލައަށް ވެސް ޕާޓީގެ ކަންކަމުން ދުރަށް ޖެހޭނެއެވެ. އިސްވެ އެކަން ނުކޮށްފި ނަމަ، ޕާޓީން ވެސް އެކަން ކުރާނެއެވެ. އެއީ، ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައެވެ.
ނަމަވެސް، އެއީ މި ރާއްޖޭގައި ވާކަމެއް ނޫނެވެ. ވަކި އެކަނި އެމްޑީޕީއެއް ނޫނެވެ. ހުރިހާ ޕާޓީއެއްގެ ވެސް ހާލެވެ. ވެރިކަން ލިބުނީމާ އެއް ފަސް އަހަރު އޮންނަނީ ޚިޔާނާތް ހިންގުމެވެ. ދެން ވެރިކަން ގެއްލުނީމާ، އަނެއް ފަސް އަހަރު އޮންނަނީ އެހެން މީހުންނަށް ވަގަށް ގޮވުމެވެ. ދެން މިހެން މި ބުރު ހަމަ ވަށައި ޖައްސަޖައްސައި ތިބެނީއެވެ. އެކަމަކު، މިއީ އެކަން އޮންނަން ވާނެ ގޮތެއް ނޫނެވެ. މިއަދު ސިޔާސީ މީހުންނަށް ރައްޔިތުން އިތުބާރު ނުކުރަނީ މިހެންވެއެވެ.
މިފަދަ ކަންކަން ހައްލުކުރުމަށް ދުނިޔޭގެ ތަހުޒީބީ ގައުމުތަކުން އަމަލުކުރާ އުސޫލުތަކެއް ހުރެއެވެ. އެފަދަ އެއް މިސާލަކީ ސިޔާސީ މީހުން ދިވެހީންނަށް އެންމެ ބޮޑަށް މިސާލަކަށް ދައްކަވާ ސިންގަޕޫރެވެ. ސިންގަޕޫރުގެ ނަސީބު ކަމަށްވާ, އިޚުލާސްތެރި ލީޑަރު ލީ ކުއާން ޔޫ ވެރިކަމުގައި ހުންނެވިއިރު 1980 އާއި 1990 ގެ އަހަރުތަކުގެ ތެރޭގައި ވެރިކަންކުރާ, ޕީޕަލްސް އެކްޝަން ޕާޓީ (ޕީއޭޕީ)ގެ ބައެއް ވަޒީރުންނަށް ވެސް ކޮރަޕްޝަނުގެތުހުމަތުތައް ކުރެވުނެވެ. އެއީ، އެންމެ ގާތް މީހުން ނަމަވެސް, ބޮޑުވަޒީރު ލީ ކުއާން ޔޫ ވަނީ އެ މީހުންގެ މައްޗަށް ފުރިހަމަ ތަހުގީގެއް ހިންގުމުގެ ހުއްދަ ދެއްވާފައެވެ. މިކަމުގެ ސަބަބުން އެއްވެސް މީހަކީ ގާނޫނަށްވުރެ މަތީގައި ހުރި މީހެއް ނޫންކަން ރައްޔިތުންނަށް އިހުސާސްވިއެވެ. ނަތީޖާއެއްގެ ގޮތުން ޕީއޭޕީއަކީ މިއަދާ ހަމައަށް ވެސް ސިންގަޕޫރުގެ ނަން ދަމަހައްޓައި، ސާފު ތަސައްވުރެއް ހޯދައިދީގެން ހިންގާ, ރައްޔިތުންގެ ފުރިހަމަ ލޯތްބާއި އިހުތިރާމު ލިބިފައިވާ ޕާޓީއެކެވެ.
އަނެއް މިސާލަކީ ސައުތު ކޮރެއާއެވެ. އެ ގައުމުގެ ވެރިން 2017 ހިސާބުގައި ހިންގި ކޮރަޕްޝަނުގެ ސަބަބުން ސިޔާސީ ބައެއް އިސް ލީޑަރުންނަށް ޖެހުނީ ފަހަތަށް ޖެހިވަޑައިގަންނަވާށެވެ. މައްސަލަތައް ބެލުމަށް ފަހު، އެ ގައުމުގެ ކުރީގެ ރައީސުން ކަމަށްވާ ޕާކް ގުން-ހޭ އާއި ލީ މިޔުންގް-ބަކް ވަނީ ޖަލުގައި ބަންދުކޮށްފައެވެ. ވެރިކަމުގައި ކުރެއްވި ވައްކަންތަކުގެ ނަތީޖާއަކީ އެ ބޭފުޅުން އިސްވެ ހުންނެވި ޕާޓީތަކުގެ އިތުބާރު ގެއްލުމެވެ. އެކަން އިސްލާހުކުރަން ސައުތު ކޮރެއާއިން އޭރު ފެނުނީ ތަފާތު ނާމޫނާއެވެ. ސިޔާސީ ޕާޓީތަކުން ކޮރަޕްޓް މީހުން ބޭރުކުރީއެވެ. އެއަށް ފަހު، ޕާޓީތައް އާ ނަމާއި އާ ގަވާއިދުތަކާ އެކު ރީބްރޭންޑްކުރުމަށް ފަހު، ހިންގުމާ ހަވާލުވީ އާ ބޭބޭފުޅުންނެވެ. އެކަމުގެ ނަތީޖާ ރަނގަޅެވެ. އަލަށް އުފެއްދި ޕާޓީތަކުން ރައްޔިތުންގެ އިތުބާރު ހޯދައި އަލުން ވެރިކަން ހޯދިއެވެ.

އެމްޑީޕީން ކުރިއަށް ގެންދިޔަ ގައުމީ މަޖިލީހުގެ ތެރެއިން: --- ސަން ފޮޓޯ/ ހުސައިން ހާފިޒު
ދެން މިސާލަކަށް އިންޑޮނޭޝިއާއަށް ބަލަމާތޯއެވެ. އެ ގައުމުގެ ނުފޫޒު ގަދަ ލީޑަރު ސުހާޓޯގެ ވެރިކަން 1998 ވަނަ އަހަރު ނިމުނުއިރު މުޅި ގައުމުގައި އޮތީ ކޮރަޕްޝަން އިންތިހާއަށް އާއްމުވެފައެވެ. ނަތީޖާއަކަށްވީ އޭރު އެ ގައުމުގައި ސިޔާސީ ގޮތުން ލީޑް ކުރެއްވި ގިނަ މީހުންގެ އިތުބާރު ގެއްލުމެވެ. ރައްޔިތުން އެ މީހުން ބަލައެއް ނުގަތެވެ. އެކަން އެ ގައުމުން ބަދަލުކުރި ގޮތް އެއީ މި ގައުމަށް މިސާލެކެވެ. ޕާޓީތަކުގެ ތެރެއިން އިސްލާހީ މަސައްކަތްތައް ފެށިއެވެ. އެކަންކުރުމަށް އެ ގައުމުން ކުރި ކަމަކީ, ޒުވާން ލީޑަރުން ބާރުވެރިކުރުވައި، ޓްރާންސްޕޭރެންސީ އުސޫލުތައް, ޕާޓީތަކުގެ ތެރޭގައި ވެސް ތަންފީޒުކުރަން ފެށުމެވެ. އޭގެ ނަތީޖާ ވަރަށް ރަނގަޅެވެ. މުސްލިމު އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއަކީ މިއަދު ދުނިޔޭގެ އެންމެ ކުރިއަރަމުން އަންނަ އެއް އިގްތިސާދެވެ.
މިއީ ގައުމުތަކުން ވަގުންނާ ދެކޮޅަށް ކަންކަން ކޮށްފައި ހުރި ގޮތެވެ. އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން އެމްޑީޕީން ވެސް ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުން ނަމަ، މިފަދަ ބަދަލުތަކެއް ވަރަށް މުހިންމެވެ.
އެމްޑީޕީއަށް ވާންވީ ކިހިނެއް؟
ކޮރަޕްޝަނާ ދެކޮޅަށް ހެޔޮ ނިޔަތެއް އޮވެގެން މަސައްކަތް ކުރަން ބޭނުންނަމަ, އެމްޑީޕީން ވެސް ފުރަތަމަ ކުރަންވީ ކަމަކީ އެ ޕާޓީގެ އެތެރެ އިސްލާހުކުރުމެވެ. އެހެން ގައުމުތަކުން އެ މިސާލު ލިބިގަނެގެންނެވެ.
އެގޮތުން، އެމްޑީޕީން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިސް ސަފުގައި ތިބި, ރައްޔިތުން ބަލައި ނުގަންނަ ކޮރަޕްޓް މީހުން ދޫކޮށްލުމެވެ. ކޯޓުން ސާބިތުނުވެއޭ ކިޔައިގެން ތިބެން ވެއްޖެ ނަމަ ދުވަހަކަށް ވުރެ ދުވަހެއް ޕާޓީގެ އިތުބާރު ދާނީ ގެއްލެމުންނެވެ. ސިންގަޕޫރާއި ދެކުނު ކޮރެއާގެ މިސާލަކީ ވެސް އެއީއެވެ. ޕާޓީތައް އަމިއްލައަށް ރިފޯމްކުރީއެވެ. ރައްޔިތުންގެ އިތުބާރު ބޭނުންނަމަ އެމްޑީޕީން އެކަން ކުރަން އެބަޖެހެއެވެ.
ދެވަނަ ކަމަކީ، ދެފުށްފެންނަ ގޮތަށް ކަންކަން ސާފުކޮށްދިނުމެވެ. ޕާޓީގެ އިސް ސަފުގައި އެ ތިއްބެވި ބޭފުޅުންގެ ކުއްލި މުއްސަނދި ކަމަށް އެތައް ތުހުމަތެއް ކުރެވޭއިރު އެ ކަންކަން ހޯދި ގޮތް އާއްމުކުރަން ޖެހެއެވެ. ރައްޔިތުންގެ ޚިދުމަތުގައި ތިބެން ވާނީ ކަންކަން ހާމަކުރަން ކެރޭ ބޭފުޅުންނެވެ. މިސާލަކަށް މާލެއިން ގަތް ބިންތަކާއި ރަށްރަށުގައި އެ ކުރާ ވިޔަފާރިތަކާއި މިއީ ކިހިނެއް ކުއްލިއަކަށް އައި ކަންކަންތޯ ބުނެދޭން ވާނެއެވެ. ނޫނީ ހަމަ ވައްކަމުގެ ތުހުމަތުކޮށް, އިތުބާރެއް ނުކުރާނެއެވެ.
އެހެން ގައުމުތަކުން މިސާލަކަށް ބަލާނަމަ އެމްޑީޕީއަށް ވެސް ދެން އެންމެ މުހިންމު ކަމަކީ، އާ ލީޑާޝިޕަކަށް ފުރުސަތު ދިނުމެވެ. އެމްޑީޕީއަށް މި ފަހުން ބޭއްވި ހުރިހާ އިންތިޚާބުތަކެއްގައިހެން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިއިރު ވެސް ލީޑާޝިޕް ބަދަލެއްނުވެއެވެ. މިއީ ގޯހެކެވެ. ކިތަންމެ ވަރަކަށް ކަންކަން ރަނގަޅުކުރާ ވާހަކަދެއްކެވި ނަމަވެސް, ކޮރަޕްޝަނުގެ ތުހުމަތުކުރެވޭ މީހުން އިސްކޮށް ޕާޓީގައި ތިބޭނަމަ, އެއްވެސް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ރައްޔިތުން ގަބޫލެއް ނުކުރާނެއެވެ. އިޓަލީއާއި ކޮރެއާގެ އިތުރުން އިންޑޮނޭޝިއާއިން ޕާޓީތަކަށް ގެނައީ އެ ބަދަލެވެ. މިއަދު އިތުބާރު ގެއްލިފައިވާ އެމްޑީޕީއަށް ވެސް ބޭނުންވަނީ ކޮރަޕްޝަނުގެ އެއްވެސް ތުހުމަތެއް ނެތް، ޒުވާން އަމާނާތްތެރި ލީޑަރުންތަކެކެވެ.
ހަމައެހެންމެ ކޮރަޕްޓް މީހުންނަށް ފުރުސަތު ނުދިނުމަށްޓަކައި ޕާޓީގެ އެތެރޭގައި ހަރުދަނާ އުސޫލުތަކެއް ގާއިމުކުރަން ޖެހެއެވެ. ކޯޑް އޮފް ކޮންޑަކްޓް ސާފުކޮށް ބަޔާންކޮށް، ކުށް ކުރާ މީހުން ޖަވާބުދާރީ ކުރުވުމާއި، ޒީރޯ ޓޮލަރެންސްގެ ސްޓޭންޑެއް ގެންގުޅެންޖެހެއެވެ. ރައީސް ޞާލިޙް ގެންގުޅުއްވި ގޮތަށް ހަމައެކަނި ވިދާޅުވާ ވިދާޅުވުމެއް ގޮތަކަށް ނޫނެވެ. އެއަށް އަމަލުކުރާ ގޮތަށެވެ.
ވައްކަމާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވުމުން، ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވީ, ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުގެ ތެރެއިން ކަމަށެވެ. އޭނާ ގޯސްކުރީ އޮޑިޓް ރިޕޯޓެވެ. ސައީދު ވަނީ އޮޑިޓް ރިޕޯޓު ނެރުނީ ވަކި މަގުސަދެއް ހާސިލުކުރަން، ހަގީގަތް އޮޅޭގޮތަށް ކަމަށް ތުހުމަތުކުރައްވާފައެވެ. އެއީ، އެހެން މީހުން ވެސް ކުރާ ތުހުމަތެކެވެ. ކުއްލިއަކަށް އޮޑިޓް ރިޕޯޓެއް ނެރުނީ ހުކުރު ދުވަހު އޮންނަ މުޒާހަރާގެ އަޑު ކަނޑުވާލުމަށް ކަމަށް ތުހުމަތުކުރެއެވެ. އެއީ ތެދަކަށް ވެސް ވެދާނެއެވެ. ނަމަވެސް، ވައްކަންކުރި ކަމަށް އެ އޮތީ ހެކިތަކެއް ދައްކައިފައެވެ. އެހެންކަމުން ބަހަނާތައް ނުދައްކައި، ފުރަތަމަ ދައްކަންވީ ވައްކަމުގެ ވާހަކައެވެ. އެކަން ކުރި މީހުންނަށް ފިޔަވަޅު އަޅާ ވާހަކައެވެ.
ސިޔާސީ މީހުންނަށް ފަހަރެއްގައި އެހާ ބޮޑަށް އިހުސާސް ނުވެދާނެއެވެ. ނަމަވެސް، ސޯޝަލް މީޑިއާގައި އާއްމުން ފާޅުކޮށްފައި ހުރި ޚިޔާލުތަކަށާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން ކޮފީ މޭޒުން ދައްކާވާހަކައިން އެ މީހުން މާޔޫސްވެފައިވާ މިންވަރު ސާފެވެ. ޕާޓީ ތެރެ ސާފުކުރަން ޖެހޭކަން ހުދު އެ މީހުން ވެސް ގަބޫލުކުރެއެވެ. އެކަން ކުރަން ލަސްވެއްޖެއެވެ. މިއަދު އެ ލީޑުކުރާ އެމްޑީޕީން ވައްކަމުގެ ވާހަކަދެއްކުން ވާނީ ގުދޯގުދޯއަށެވެ. ޒިންމާދާރު އިދިކޮޅު ޕާޓީއަކަށްވުމަށް, އަދި އަލުން ވެރިކަމަށް އަންނަން ބޭނުންނަމަ، އެމްޑީޕީގެ އެތެރެ ވަރަށް ބޮޑަށް ދޮވެ ސާފު ކުރަން ޖެހެއެވެ. ވަގުން ތިބި ނަމަ ބޭރުކުރަން ޖެހެއެވެ. ނޫނީ ލޫޓުވާތީ ނުކުމެވޭކަށް ނެތެވެ.