އދ ގައި ރާއްޖެ: ގާނޫނުގެ ކުރިމަތީ ގައުމުތައް ތަފާތުކުރުމުން ނިޒާމު ފުނޑުފުނޑުވެދާނެ!

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް، އދ ގެ އާންމު މަޖިލީހުގައި ވާހަކަ ދައްކަވަނީ --- ފޮޓޯ: އދ

ބައިނަލްއަގުވާމީ ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރުމުގައި ދުނިޔޭގެ މުއައްސަސާތަކާ ދެކޮޅުވެ، ގައުމުތައް ތަފާތުކުރަމުން ދިއުމުގެ ސަބަބުން ގައުމުތަކުން މުޅި ނިޒާމަށް ކުރާ އިތުބާރު ކުޑަވެއްޖެ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަބްދުالله ޚަލީލް ރޭ އދ. ގައި ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކްގައި އދ ގެ އާންމު މަޖިލީހުގެ ބަހުސްގައި ރާއްޖޭގެ ފަރާތުން ދެއްވި ބަޔާނުގައި ޚަލީލް ވިދާޅުވީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުން، މުޅި ބައިނަލްއަގުވާމީ ނިޒާމަށް ގައުމުތަކުން ކުރާ އިތުބާރު ގެއްލި، ނިޒާމު އެއްކޮށް ފުނޑުފުނޑުވެގެން ދިއުމުގެ ބިރު އެބައޮތް ކަމަށެވެ.

ޚަލީލް ވިދާޅުވީ، ދުނިޔޭގެ ކޮންމެ ސަރަހައްދަކަށް ބަލާލިކަމުގައިވިޔަސް ފެނިވަޑައިގަންނަަވަނީ މި މަންޒަރު ކަމަށެވެ.

އޭގެ މިސާލެއްގެ ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިސޯރުކޮށް ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމު ނަންގަވައި ޚަލީލް ވިދާޅުވީ، އެ ގަތުލުއާންމުގައި 60،000 އަށް ވުރެ ގިނަ މީހުން އިޒްރޭލުން ޝަހީދުކޮށްލާފައިވާ ކަމަށާއި، ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށެވެ.

ހަމައެއާއެކު، ވެސްޓް ބޭންކް ސަރަހައްދުގައި ގަދަކަމުން ފަލަސްތީނު މީހުން އެ މީހުންގެ ގެތަކުން ބޭރުކޮށް، އިޒްރޭލުން ބިންތައް އަތުލަމުންދާކަން ޚަލީލް ފާހަގަކުރެއްވިއެވެ.

"އިޒްރޭލުން ވަނީ އެއްވެސް ލަދެއްނެތި ތަކުރާރުކޮށް ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާއި ޔޫއެންގެ ސަލާމަތީ ކައުންސިލްގެ 100އަށް ވުރެ ގިނަ ނިންމުންތަކާ ވަނީ ޚިލާފުވެފައި، އަދި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ ނިންމުން ބަލައިގަންނަން ދެކޮޅު ހަދާފައި،" އޭނާ ވިދާޅުވިއެވެ.

އިޒްރޭލަށް އެންމެ ބޮޑަށް ފަންޑުކޮށް ހަތިޔާރު ފޯރުކޮށްދެނީ އިންސާނީ ހައްގުތައް ހިމާޔަތްކުރާ ކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ގައުމުތަކުން ކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

"މީގައި އެންމެ ބޮޑު ނިފާގުކަމަކީ ގަތުލުއާންމު ހިންގަމުންދަނީ އިންސާނީ ހައްގުތައް ހިމާޔަތްކުރާކަމަށް އެންމެ ބޮޑަށް ވަކާލާތުކުރާ ގައުމުތަކުގެ ފައިސާއާއި ހަތިޔާރުން، މި ގައުމުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހަމަތައް ވުޖޫދުކުރުމުގެ ފަހަތުގައި ތިބި ގައުމުތައް،"

ޚަލީލް ވިދާޅުވި ގޮތުގައި އެ ގައުމުތަކުން ފަލަސްތީނުގެ ރައްޔިތުންނަކީ އެހެން މީހުންނާ ހަމަހަމަ، މިނިވަންކަމާއެކީ އުޅެވޭނެ ބައެއްގެ ގޮތުގައި ބަލައިގަންނާކަށް ބޭނުމެއް ނުވެއެވެ. އެއާއެކު، އިޒްރޭލުން ފަލަސްތީނުގައި ގަތުލުއާންމު ހިންގުމަށް އެ ގައުމުތަކުން ފުރުސަތުދީގެން ތިބޭ ތިބުމަކީ މި 'ގަރުނުގެ އެންމެ ބޮޑު ލަދު'ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިޒްރޭލުގެ ގަތުލުއާންމު ހުއްޓުވުމަށް ގައުމުތަކުން ނުކުޅެދުމުގެ ސަބަބުން އިޒްރޭލުގެ ހަމަލާތައް ގަތަރާއި ޔަމަނާއި އީރާނަށް ފޯރާނެކަމަށް ވެސް ޚަލީލް ވިދާޅުވިއެވެ.

އެއާއެކު ޚަލީލް ވިދާޅުވީ، އދ ގެ 80ވަނަ އާންމު މަޖިލިސް ވާންވާނީ އދ ގެ އުސޫލުތަކާއި ހިންގުން ހަރުދަނާވާ މަޖިލީހަކަށް ކަމަށެވެ. ޚަލީލް ވިދާޅުވި ގޮތުގައި މިއަދު ކަންކަން އިސްލާހުކުރުމަށް ވަނީ މަޖުބޫރުވެފައެވެ.

"އަޅުގަނޑުމެން ގާނޫނުތަކާއި ހަމަތައް އަލުުން ބިނާކުރަންވީ... އެއްވެސް ހަމައެއް ލަމައެއް ނެތް ދުނިޔެއެއްގައި ފުރަތަމަ ހުރިހާ ރޯޅިއެއް އަންނާނީ ކުދި ގައުމުތަކަށް، އެކަމަކު އެކަމުގެ ސަބަބުން ވޭނާއި ކެކުޅުން ތަހައްމަލުކުރަން ޖެހޭނީ ހަމައެކަނި ކުދި ގައުމުތަކެއްނޫން، ކުދި އަދި ބޮޑެތި ގައުމުތަކަށްވެސް އެއްވެސް ރައްކާތެރިކަމެއް ނޯންނާނެ،" ޚަލީލް ވިދާޅުވިއެވެ.

comment ކޮމެންޓް