ބޮލީވުޑް އެކްޓަރު ޖޯން އަބްރަހަމް އަލަށް މަސައްކަތް ފަށާ ފިލްމު "ފޯސް 3"ގެ ބަތަލާގެ ރޯލަށް ފިލްމު "ލަކީ ބާސްކަރު"އިން ބޮޑު މަގުބޫލުކަމެއް ލިބުނު ބަތަލާ މީނާކްޝީ ޗައުދަރީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން މީނާކްޝީއަށް "ފޯސް 3"ގެ ލީޑް ރޯލް ކަށަވަރުވީ ބަތަލާއަށް ހުށަހެޅުނު ރޯލަށް ވަރަށް ގިނަ އޮޑިޝަން ސެޝަންތަކެއް ފުރިހަމަ ކުރުމަށް ފަހެވެ.
މި ފިލްމަކީ ޖޯން ވެސް ވަރަށް ގިނަ އެކްޝަން ސީންތަކުން ފެންނާނެ ފިލްމެކެވެ. ހަމައެއާއެކު މީނާކްޝީގެ އެކްޝަން ސީންތަކެއް ވެސް ފިލްމުގައި ހިމެނިފައިވާއިރު އެ މަންޒަރުތަކަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ތަމްރީނުތަކެއް މީނާކްޝީ ފުރިހަމަ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖޯން އަދި ފިލްމު "ފޯސް 3"ގެ ބަތަލާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާ މީނާކްޝީ---ފޮޓޯ/ބޮލީވުޑްހަންގާމާ
ޕްރީ-ޕްރޮޑަކްޝަން މަރުހަލާގައި އޮތް މި ފިލްމުގެ މަސައްކަތް ޖޯން ފަށާނީ ޖޯން ސޮއިކޮށްފައިވާ ރާކޭޝް މާރިއާގެ ބަޔޮޕިކްގެ މަސައްކަތް ނިމުންނެވެ. އެ ފިލްމަކީ ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމެކެވެ.
އެ ބަޔޮޕިކްގެ މަސައްކަތް ކުރިއަށް އޮތް އޮކްޓޯބަރު މަހުގެ ފަހުކޮޅު ނިމޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޖޯންގެ ކެރިއަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭ ހިމެނޭ "ފޯސް 3" ބެލުންތެރިންނަށް ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަނީ އަންނަ އަހަރުގެ ކުރީކޮޅެވެ.
ފިލްމު "ފޯސް 3" އަކީ 2016 ވަނަ އަހަރު ޑައިރެކްޓަރު އަބީނޭ ޑިއޯ ޑައިރެކްޓްކުރި ފިލްމު "ފޯސް 2"ގެ ސީކުއަލްއެކެވެ. އެ ފިލްމުން ޖޯނާ އެކު ދެން ފެނުނީ ސޮނާކްޝީ ސިންހާ އަދި ތާހިރު ރާޖް ބަސީންއެވެ.