ދެހަފްތާ އެ ގޮތުގައި ފާއިތުވެ ދިޔަފަހުން އެ ހުރިހާ ކަމަކަށް ކެތް ނުކުރެވުނު ރައާބިލް އެންމެ ފަހުން އޭނާގެ ހިތުތެރޭގައި ރޭވުމެއް ރާވައިލިއެވެ.
ކޮންމެ ވެސް ގޮތަކުން އޭނަ އެތަނުން ނުކުންނަން އެބަ ޖެހެއެވެ. އެހެން ނޫނީ އުމުރު ދުވަހު ހުންނަން ޖެހޭނީ އެތަނުގައި ޤައިދުވެފައެވެ. އޭރުން ސަމްރާއާއި ދަރިފުޅު ދުވަހަކު ވެސް ފެނުމުގެ ނަސީބެއް ދެނެއް ނުލިބޭނެއެވެ.
ޖަލު ގޮޅީގެ ތެރޭގައި، ދެކޮޅަށް ހިނގާލަ ހިނގާލާ ހުރިއިރު ރައާބިލްގެ ފައިން ވަނީ ލޭކޮށެވިފައެވެ. އެކަމުގެ ސަބަބުން ތަޅުންގަނޑުގައި ކޮންމެވެސް ވަރަކަށް ލޭ ހޭކެމުން ދިޔައެވެ. ހުސްގަޔާ ހުރިއިރު، ގައިގެ އެކި ތަންތަންވެސް ވަނީ މަށައިގެން ގޮސްފައެވެ. އެތަނުން ނުކުންނާނެ ގޮތަކާ މެދު ވިސްނަމުން ދިޔަ ރައާބިލް ފިޔަވަޅުތައް މަޑުޖައްސައިލީ ނަމީރު އައުމުންނެވެ.
"ރައާބިލް." ނަމީރު ގޮވައިލުމާއެކު، ރައާބިލް، އޭނައަށް ބަލައިލިއެވެ. ދެން ފެނުނީ ހަލުވި ފިޔަވަޅުތަކެއްގައި ހިނގާލާފައި ގޮސް، ތޭރިތަކުގެ ކައިރީގައި ހުއްޓި ދަގަނޑުތަކުގައި އަތް އަޅުވައިލި ތަނެވެ. ނަމީރުގެ އެހީތެރިކަމަށް އެދި ރައާބިލް އާދޭސްކުރަން ފެށިއެވެ.
"ނަމީރު... ހެޔޮނުވާނެ! އަހަންނަށް އެހީވެދީ. ސަމްރާއާ ދަރިފުޅު ގާތަށް ދާން އަހަރެން ބޭނުން." ރައާބިލް ބުނެލިއެވެ. އޭނާގެ ދެލޯ އޭރުވަނީ ފެންކަޅިވެފައެވެ. "ދަރިފުޅާ ދުރުގައި ހުރުމަކީ ކެތްކުރެވޭނެ ކަމެއް ނޫން. ނަމީރުވެސް ތީ ބައްޕައެއް..."
"ރައާބިލް.. އަހަންނަށް ތިކަމުގައި ކޮށްދެވޭނެ އިތުރު ކަމެއް ނެތް. އަހަންނަށް މާފުކުރޭ..." ނަމީރު ބުނެލިއެވެ.
"ނެތޭ ބުނާކަށް ލަދެއް ނުގަނޭތަ؟ ޖުންދީގެ ވާހަކަތައް ވެސް ކިޔައިދިނީ ކަލޭ... އަހަންނަށް މި ލިބޭ އަނިޔާތަކަކީ ހަމަ ކަލޭގެ ސަބަބުން ލިބޭ އަނިޔާތަކެއް. ހުރިހާކަމެއް ސިއްރުކޮށްދިން ނަމަ މިއަދު އަހަންނަށް މި ޙާލަތެއް ކުރި މައްޗެއް ނުވީސް. އޭރުން މިއަދު އަހަރެން ހުންނާނީ ސަމްރާއާ ދަރިފުޅު ކައިރީގައި... " ރައާބިލް ގާތަށް ރުޅި އަތުވެއްޖެއެވެ. އޭނާ ދަތްކުނޑި ވިކާލަމުން ވާހަކަ ދެއްކިއިރު ދެލޮލުގެ ވިދުން ވިދުންވެސް ގަދަވެލައިފިއެވެ. ތޭރިތަކަށްވެސް އަތުން ބާރުކޮށްލައިފިއެވެ.
"ނޫން ރައާބިލް! ތީ ކުށް ހީއެއް. އަހަރެން ކަލޭގެ ސިއްރު ރައްކާތެރިކޮށްދިނީން. ޖުންދީގެ އެއްވެސް ވާހަކައެއް އިތުރު މީހެއްގެ ގާތުގައި ނުބުނަން. ބައްޕައަށް އެކަންތައް އެނގުނީ އެހެން ޖިންނިއެއްގެ ފަރާތުން. ކަލޭ ސަމްރާއާ ބައްދަލުކުރަނިކޮށް ފެނުނު ޖިންނިއަކު އެހުރިހާ ވާހަކައެއް ކިޔައިދިނީ..." ނަމީރު އޮޅުން ފިލުވައިދޭން މަސައްކަތްކުރިއެވެ.
"ހުސް ދޮގު..." ރައާބިލް ދެބުމަ ގޮށް ޖަހައިލިއެވެ. ނަމީރުގެ ވާހަކަ ޤަބޫލުކުރަން އޭނާގެ ޒަމީރު އުޒުރުވެރިވިއެވެ. ނަމީރަށް އޭނަ ކުރީ އިތުބާރު މިހާރުވަނީ ގެއްލިފައެވެ.
"ޤަަބޫލު ނުކުރިޔަސްމީ ހަޤީޤަތަކީ.." ނަމީރު ބުންޏެވެ.
" އެހެންވީއިރު ކަލޭ ކީއްވެ އަހަރެން ހައްޔަރުކުރަން ދިޔައީ؟... އެވެސް އެންމެ އިސް މީހެއްގެ ގޮތުގައި ހުރެ!" ރައާބިލް ސުވާލުކޮށްލިއެވެ. "ކަލޭގެ ބައްޕަގެ އެދުމަށް ކީއްވެ އަހަންނަށް މިކަހަލަ އަނިޔާއެއް ތިދެނީ؟"
"އަހަންނަށް އިތުރު ގޮތެއް ނެތީތީ. އެކަމަކު ވީވަރަކުން އަހަރެން ކަލެއަށް އެހީވީން. ސަމްރާއާ ދަރިފުޅު ގާތު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދިނީން... އެކަމަކު އަހަރެންގެ ބައްޕަ..." ނަމީރު ވާހަކަ ދައްކަ ދައްކާ ހުއްޓާ، ރައާބިލް މަލާމާތުގެ ޒާތަކަށް ހޭން ފެށުމުން، އޭނަ ވާހަކަ މެދު ކަނޑައިލިއެވެ.
"ކަލޭގެ ބައްޕައަކީ އެހާ އިންސާފަށް ލޯބިކުރާ މީހަކަށް ވަންޏާ މިއަދު މި އަނިޔާ ތަޙައްމަލް ކުރަން ޖެހޭނީ ހަމައެކަނި އަހަންނެއް ނޫން. އަހަންނެކޭ އެއްގޮތަށް ކަލޭއަށް ވެސް އަދަބު ލިބެން ޖެހޭނެ." ރައާބިލްގެ ބަސްތައް ހީވީ ނަމީރުގެ ކޯތާފަތް މަތީގައި ވީއްލައިލި އެތިފަހަރެއް ހެންނެވެ. ރައާބިލް އެބުނީ ތެދެކެވެ. އެކަމަކަށް އޭނާއަށް ދެކޮޅު ހެދޭކަށް ނެތެވެ.
"އަހަންނަށް މާފުކުރޭ ރަޙްމަތްތެރިޔާ!" ނަމީރު މާފަށް އެދުނެވެ.
"ރަޙްމަތްތެރިޔާއޭ.... އަހަރެން މީ މިހާރު ކަލޭގެ ރަޙުމަތްތެރިއެއް ނޫން......މާފު ތި ލަފްޒު ތި ކަހަލަ މީހެއްގެ ދުލުން އަޑު އެހުމަކީވެސް ލަދުވެތިކަމެއް. އަހަންނަށް ރަނގަޅީ ދެން ކަލޭ މިތަނަށް ނައިއްޔާ.!" ރައާބިލް ނަމީރަށް ފުރަގަސް ދިނެވެ. ނަމީރުގެ އެއްވެސް އެހީއެއް ނުލިބޭނެކަން އޭނައަށް ޔަޤީންވީއެވެ.
"މިފަދަ އަނިޔާއެއް ތަޙައްމަލް ކުރަން ޖެހުމަކީ ކިހާ ވޭނީ ކަމެއްކަން އެނގޭނީ ޚުދު ކަލޭއަށް ވެސް މި ކަހަލަ އަނިޔާއަކާ ކުރިމަތިލާން ޖެހުނީމަ." ރައާބިލް އެ ލަފުޒުތައް ބުނެލީ ކިތަންމެ މަޑުން ނަމަވެސް، ނަމީރަށް ރީއްޗަށް އެ އަޑު އިވުނެވެ. އޭނާ ރައާބިލް އިތުރު އެއްޗެއް ބުނޭތޯ މަޑުކުރި ނަމަވެސް، އިތުރު އެއްޗެއް ނުބުންޏެވެ. ކުޑަ މިނުން ފަސް އެނބުރި ނަމީރަށް ބަލައިވެސް ނުލިއެވެ.
ނަމީރު ލަސް ފިޔަވަޅުތަކެއްގައި ގޮސް ބިންގަރާހުން ނުކުތެވެ. ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގައިލަމުން، ފުން ނޭވާއެއް ދޫކޮށްލިއެވެ.
*****
ގަދަ ހަދައިގެން ވާނެ ފައިދާއެއް ނެތްކަން ޔަޤީންވާތީ ރައާބިލް އެންމެފަހުން ގަދަ ހެދުން ހުއްޓައިލިއެވެ. ތަނުގެ ފާރަވެެރިންގެ އަމުރަށް އޭނާ ކިޔަމަން ވާން ފެށިއެވެ. އެންމެފަހުން އެ ވާހަކަތައް އިންޖާބުގެ ކަންފަތާ ހަމައަށް ވެސް ފޯރައިފިއެވެ. ރައާބިލްގެ ޚަބަރު އޭނަ އޮޅުން ފިލުވަނީ ނަމީރުގެ ކައިރިންނެވެ.
އެ ހާދިސާއަށްފަހު، ނަމީރު ވެސް ގިނަ ވަގުތު ހޭދަކުރަމުން ދަނީ ގަނޑުވަރުގައެވެ. ބޭރަށް ދަނީ ކޮންމެހެން ދާން ޖެހިއްޖެ ޙާލަތެއްގައެވެ. ވެދިޔަ ހުރިހާ ކަމަކުން ނަމީރަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައެވެ. އެންމެ ގާތް އެކުވެރިޔާ ނެތުމުގެ ފަޅުކަން ކިތަންމެ ވަރަކަށް ވެސް އިޙްސާސްކުރެވެއެވެ. ހިތަށް ހަމަޖެހުން ލިބެނީ ޝައިސްތާގެ ބަސްތަކުންނެވެ. އަދި މަންމަގެ ހިތްވަރުގެ ބަސްތަކުންނެވެ.
ނަމީރުގެ މިޒާޖަށް އައި ބަދަލުތަކުން ޝައިސްތާ ކަންބޮޑުވި ނަމަވެސް އޭނަ މަސައްކަތްކުރަމުން ދިޔައީ އަމިއްލަ ކަންބޮޑުވުންތައް އެއްފަރާތްކޮށްފައި ނަމީރުގެ ހާސްކަމަށް ލުޔެއް ގެނެސްދެވޭތޯއެވެ.
ނަމީރުގެ އާދަޔާ ޚިލާފު ހިމޭންކަމާއި މިޒާޖުގެ ސަބަބުން އޭނާގެ ހިތަށް ވެސް އުނދަގޫވަމުން ދިޔައެވެ. ގިނަ ވަގުތު ހޭދަކުރަނީ އެކަނި މާ އެކަންޏެވެ. ހީވަނީ ސިކުނޑީގެ ހާސްކަމާ ކުރިމަތިލާނެ ގޮތެއް ނޭނގިގެން އުޅޭހެންނެވެ.
ނަމީރު އިނީ އެކަނި މާއެކަނި ގަނޑުވަރުގެ ކުތުބުޚާނާގައި ހުރި ގޮނޑިއެއްގައި އިށީނދެލައިގެން ދެލޯ މަރާލައިގެންނެވެ. ގޮނޑި ހެއްލަމުން ދިޔައިރު އިރުއިރުކޮޅަކާ ފުންނޭވާއެއް ދޫކޮށްލައެވެ. ޝައިސްތާ އެތެރެއަށް ވަނުމަށްފަހު، ނަމީރަށް ގޮވައިލާ ވާހަކަ ދެއްކިއެވެ. އޭރު އޭނަގެ އަތުގައި މުށި ކުޑަ ތައްޓެއް ހުއްޓެވެ. އޭގައި ހުރީ މަޑުމަޑު ފެހި ކުލައެއްގެ ދިޔާ އެއްޗެކެވެ. އޭރުވެސް އޭގެން ކޮންމެވެސް ވަރަކަށް އާވި އަރަމުން ދިޔައެވެ. ހީވަނީ ކޮންމެވެސް ވައްތަރެއްގެ ސައެއް ހެންނެވެ. ފަތްފިލާވެލިން ދުވާފަދަ މީރުވަރެއް ވެސް އޭގެން ދުވަމުން ދިޔައެވެ.
"ނަމީރު. ދެން ފިކުރުނުކުރޭ. ނަމީރު ތިއުޅޭ ގޮތުން އަހަރެން އެބަ ވަރަށް ކަންބޮޑުވޭ." ޝައިސްތާގެ އަޑުގައިވެސް މަޑުމޮޅިކަމެއް ވެއެވެ. ނަމީރު ލޯ ހުޅުވާލާފައި ޝައިސްތާއަށް ބަލައިލިއެވެ.
"ޝައިސްތާ. އަހަރެން ވެސް އެބަ މަސައްކަތްކުރަން މި ޚިޔާލުތަކާ ދުރުވާން... އެކަމަކު.... " ނަމީރަށް ބުނެވުނެވެ.
ޝައިސްތާ އޭނަގެ އަތުގައި އޮތް މުށި ބޯ ތަށި ނަމީރަށް ދިއްކޮށްލިއެވެ. ނަމީރު އޭގައި ހިފަމުން އެތި ފޮދެއް ބޮއިލިއެވެ.
ނަމީރު އިތުރު އެއްޗެއް ނުބުނުމުން ޝައިސްތާ ކޮޓަރިން ނުކުތުމަށްފަހު، ދޮރު ލައްޕާލާފައި ތިރިއަށް ދިޔައިރު ބަތީލާ ސޯފާގައި އިނެވެ. ޝައިސްތާ ގޮސް ސޯފާގައި އިށީނުމާއެކު، އެ މޫނުމަތީގެ ހާސްކަން ބަތީލާއަށް ފާހަގަ ކުރެވުނެވެ. އޭނަ ޝައިސްތާއާ ސުވާލުކޮށްލިއެވެ.
"ޝައިސްތާ! ކިހިނެއް ވީ؟ ކޮބާ ނަމީރު؟" ބަތީލާ ވާހަކަ ދެއްކިއެވެ.
"މަތީގައި އެބައިން.... މަންމާ!" ޝައިސްތާ ބަތީލާއާ އޭނަގެ ކަންބޮޑުވުން ހިއްސާކުރަން ނިންމިއެވެ. "ނަމީރާމެދު އަޅުގަނޑު ކަންބޮޑުވޭ. މަންމަ އަޅެ އޭނައާ ވާހަކަ ދައްކާލަންވީނުންތޯ؟ ނާވީއާއެކީ ނޫނިއްޔާ އަބަދު ވެސް އެ އިންނަނީ އެކަނި މާ އެކަނި."
ބަތީލާ ބޯ ޖަހައިލި ނަމަވެސް އޭނަ އިތުރު އެއްޗެއް ނުބުނެއެވެ. އެހެންނަމަވެސް އެ ވާހަކަ އިންޖާބާ ދައްކަން ބަތީލާ ނިންމިއެވެ. އޭނާއަށް އެ ފުރުސަތު ލިބުނީ ވަޒީރުންނާއެކު އޮތް ކުއްލި މަޖިލީހެއް ނިންމާލާފައި އިންޖާބު ގަނޑުވަރަށް އައިފަހުންނެވެ. އޭރު ރޭގަނޑު އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ބަތީލާ ފެނުމުން އިންޖާބު ހިނިތުންވެލިއެވެ.
"އަހަރެންގެ އިންތިޒާރުގައިތަ؟" ލުއި ހިނިތުންވުމަކާއެކު، އިންޖާބު ސުވާލުކޮށްލުމުން ބަތީލާ ބޯ ޖަހައިލިއެވެ. އިންޖާބު އައިސް އޭނާގެ ގާތަށް ހުއްޓުމުން ބަތީލާ ވެސް ހިނިތުންވާން މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނަގެ މޫނުން ނުތަނަވަސްކަން ފާޅުވަމުން ދިޔައެވެ.
"ކިހިނެއްވީ؟ ނަމީރާ މެދު ދޯ ތި ކަންބޮޑުވަނީ؟" ބަތީލާގެ ހިތުގައި ވި އެއްޗެއް އެނގޭ ފަދައަކުން އިންޖާބު ސުވާލުކޮށްލުމާއެކު، ބަތީލާ ބޯ ޖަހައިލިއެވެ.
"ކަންބޮޑުނުވޭ. ވަރަށް އަވަހަށް ހުރިހާކަމެއް ވެސް ހަމައަކަށް އެޅިދާނެ. އެއީ އަދި ޒުވާނެއް... އަހަރެމެންގެ ވިސްނުން ތޫނު ތަޖުރިބާކާރު ސިކުނޑިން ވިސްނާ ގޮތަށް އަދި ނުވިސްނެނީ. ވަގުތަކީ ހުރިހާކަމެއްގެ ފަރުވާއޭ ބުނެއެއްނު. ދުވަސް ވާވަރަކުން ނަމީރު ވެސް އެނބުރި ކުރީގެ ދިރިއުޅުމަށް ހިނގައިދާނެ!" އިންޖާބު ބުނެލިއެވެ.
"އެކަމަކު އިންޖާބު. އޭނަ...." ބަތީލާ އެއްޗެއް ބުނަން އުޅުނު ނަމަވެސް، އިންޖާބު ބަތީލާގެ ކޮނޑުގައި އަތް ޖައްސައިލުމުން އޭނަ ހިމޭންވިއެވެ.
"އަހަންނަށް އިތުބާރުކުރޭ. ދެން ކަންތައް ކުރަންވީ ގޮތްވެސް އަހަންނަށް އެނގޭ." އިންޖާބު އެހެން ބުނެލުމާއެކު، ބަތީލާގެ މޫނުމަތީން ހާސްކަމެއް ފެނިލިއެވެ. އިންޖާބު ނަމީރަށް އަނިޔާކޮށްފާނެތީ އޭނަ ޖެހިލުންވީއެވެ.
"ނޫން ނޫން. އަހަރެން އޭނައަށް އަނިޔާވެެރިއެއް ނުވާނަން." ބަތީލާގެ މޫނުމަތީންް ފެނުނު އަސަރުތަކާއެކު އިންޖާބު ނިކަން އަވަސް އަވަހަށް ވާހަކަ ދެއްކިއެވެ. ބަތީލާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައީ ދެނެވެ. އޭނާ ބޯ ޖަހައިލީ އިންޖާބަށް އިތުބާރުކުރަމޭ ބުނާ ފަދައަކުންނެވެ.
*****
ބަނަ ދުވަހެކެވެ. މަތިމައްޗަށް ނަގަމުން ދިޔަ ކަޅު ވިލާތަކުގެ ސަބަބުން އިރުގެ އަލިން ދުނިޔެމަތި ވަނީ މަޙުރޫމް ކޮށްލާފައެވެ. ހިނދެއް ހިނދަކަށް ބާރުވަމުން ދިޔަ ވައިރޯޅިތަކުގެ ޒޫމްއަޑުން ނާމާންކަމެއް ވެރިވެފައިވާއިރު، މުޅި މާހައުލުން ދެމުން ދިޔައީ ތޫފާނެއްގެ އިންޒާރުތަކެވެ. ހާމަ ފެންޑާގައި ހުރި އިންޖާބު އުޑު މައްޗަށް ބަލައިލިއެވެ. އެހެން ހުއްޓާ ގަނޑުވަރުގެ ޚާދިމެއް އައިސް މަޑުކޮށްލިއެވެ. އިންޖާބު އޭނައަށް އިރުޝާދުތަކެއް ދީފައި ފޮނުވާލަމުން، ނަމީރަށް ގޮވާލުމަށްވެސް އެދުނެވެ.
އެއާއެކު ކިޔަމަންތެރިކަން އަދާކުރަމުން ޚާދިމު ދިޔައެވެ. އޭގެ އިރުކޮޅެއްފަހުން ނަމީރު އަތުވެއްޖެއެވެ.
"ބައްޕާ! ކިހިނެއް ތޯ ވީ؟" ނަމީރު ސުވާލުކޮށްލިއެވެ.
"އިށީނދޭ!" އެތަނުގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ނަމީރުވެސް އިށީނުމަށް އިންޖާބު އަމުރު ކުރި އެވެ. ނަމީރު އިށީނދެ ހަމަ ޖެހިލުމާއެކު އިންޖާބު ވާހަކަ ދައްކަން ފެށިއެވެ.
"ބައްޕަ ބޭނުން ގަނޑުވަރުގެ ބައެއް ޒިންމާތައް ދަރިފުޅާ ހަވާލުކުރަން." އިންޖާބު ބުނެލިއެވެ. ނަމީރުގެ ސިކުނޑި އެ ކަންތައްގަނޑުގެ ތެރެއިން އެހެން ދިމާލަކަށް އަނބުރައިލަން އިންޖާބަށް ފެނުނު އެންމެ މޮޅު އުކުޅަކީ އެއީއެވެ. މަސައްކަތުގައި މަސްއޫލުވުމުން، ވިސްނާ ފިކުރު ކުރުމަށް ލިބޭ ވަގުތު މަދުވާނެެއެވެ. އެކަމުގެ ސަބަބުން ސިކުނޑިއަށް ވެސް ލުއިވެގެން ދާނެއެވެ. އޭރުން މަޑުމަޑުން އަމިއްލަ ނަފްސު ހަމައަކަށް އެޅިދާނެއެވެ. އެހެން ނޫނަސް ނަމީރު އެހުރީ މިހާރު ޒިންމާ ނަގަން ޖެހޭ ވަރުވެފައެވެ. މީހަކާ އިނދެގެން ދަރިއެއް ވެސް އެބައޮތެވެ. އޭނައަށްފަހު ރަސްކަމާ ހަވާލުވާން ހުރީ ނަމީރަށް ވީ ހިނދު މިހާރުން ފަށައިގެން ރަސްކަމުގެ ކޮއިލުގެ ކަންތައްތައް ދަސްކޮށް އެކަންތައްތަކަސް ހޭނެން ޖެހެއެވެ. ދުޝްމަނުންނާއި އެކިއެކި ރަސްރަސްކަލުންނާ ޚާންދާންތަކުގެ ވާހަކަތައް ދަސްކުރަން ޖެހެއެވެ.
"އެކަމަކު ބައްޕާ... އަޅުގަނޑު..." މީގެ ކުރިން ނަމީރަކީ އެފަދަ އެއްވެސް ކަމަކާ ދުވަހަކުވެސް ހަވާލުވި މީހަކަށްނުވާތީ އޭނަ ކަންބޮޑުވިއެވެ. އެހެން ނޫނަސް އެފަދަ ބޮށު ޒިންމާއެއް ނެގުމަކީ އޭނަ ބޭނުންވާ ގޮތެއް ނޫނެވެ.
"ބައްޕަ ނެތް ދުނިޔެއަކު ހުރިހާކަމެއް ކުރަން ހުރި މީހަކީ ތީ. މިހާރުން ފެށިގެން އެކަމަށް ތަމްރީނުވާން ޖެހޭނެ." އިންޖާބު ބުންޏެވެ.
އެފަދަ ވާހަކަތަކެއްގައި ނަމީރާ އިންޖާބު އިރުގަނޑަކު ތިއްބެވެ.
އެހެން ތިއްބާ ކުއްލިއަކަށް ބިންގަރާހުގެ އިސް ފާރަވެރިއަކު އަތުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތީން ފެންނަނީ ކަންބޮޑުވުމާ ހާސްކަމުގެ އަސަރުތަކެވެ.
"ކިހިނެއްވީ؟" އިންޖާބު ސުވާލުކޮށްލިއެވެ. އެއާއެކު ފާރަވެރިޔާ ރައާބިލްއާ ބެހޭގޮތުން ބުނެލި ވާހަކައާއެކު، ރުޅިވެރިކަމާއެކު އިންޖާބު ތެދުވެއްޖެއެވެ.
"ކީކޭ؟ އޭނަ ފިލީއޭ؟"
"ލައް... ލައްބަ...." ޖެހިލުންވުމާއެކު، ބިންގަރާހުގެ ފާރަވެރިޔާ ބުންޏެވެ.
"އަހަރެން ނުބުނަންތަ އޭނައަށް ރަނގަޅަށް ފާރަވެރިވެ ތިބޭށޭ. އޭރުވެސް އަހަންނަށް ހީވިއޭ މަޑުމަޑުން ހުރެފައި ކޮންމެވެސް ނުބައެއް އޭނަ ހަދާނެޔޭ..." އިންޖާބުގެ ރުޅިވެެރިކަން އިންތިހާއަށް ދިޔައެވެ. އޭނަގެ ރުޅިވެރިކަން ފެނި ފާރަވެރިޔާ ވެސް ހުރީ ޖެހިލުންވެފައެވެ.
"ކަލޭމެންގެ އިހުމާލެއް އޮތްނަމަ ކަލޭމެން އެންމެންނަށް ވެސް އަދަބުދޭނަން." އެހެން ބުނެލާފައި އިންޖާބު ހިނގައިގަންނަމުން ނަމީރަށް އޭނާއާއެކު، އައުމަށް އަމުރު ކުރިއެވެ. ގަނޑުވަރުން އެހާ ރުޅި އައިސްފައި އިންޖާބު ނުކުތްތަން ބަތީލާއަށް ފެނުމުން އޭނާ ވެސް ހާސްވިއެވެ. ވީގޮތެއް ނޭނގޭތީއެވެ. އެހެންނަމަވެސް އެމީހުންގެ ފަހަތުގައި ހުރި ބިންގަރާހުގެ ފާރަވެރިޔާ ލޮލުގައި އަޅައިގަތުމާއެކު، ބިންގަރާހުގައި ކަމެއް ވީކަމުގައި ޔަޤީން ކުރެވުނެވެ. އޭނަގެ ސިކުނޑިއަށް އެންމެ ފުރަތަމަ ވެސް އައީ ރައާބިލްގެ ނަމެވެ. ރައާބިލް އަނެއްކާ ކަމެއް ކުރީ ހެއްޔެވެ؟
އިންޖާބާ ނަމީރާ ދެމީހުންނަށް ބިންގަރާހާ ހިސާބަށް ދެވުނު އިރު ބިންގަރާހުގެ ސިފައިންތަކެއް ރައާބިލް ހައްޔަރުކޮށްގެން އުޅެއެވެ. ވަރަ ހުޅުވާލައިގެން އުދުހިގެން ދާން މަސައްކަތް ކުރަމުން ދިޔަ ރައާބިލް، އޭނާގެ ފުރިހަމަ ބާރު ދައްކަން މަސައްކަތް ކުރަމުން ދިޔައެވެ.
"ދޫކުރޭ.... ބުނެފީމެއްނު ދޫކުރާށޭ. އަހަރެން ދާން ވެއްޖެއޭ." ރައާބިލް މޮޔައެއްހެން ހަޅޭއްލަވަމުން ދިޔައެވެ. ރުޅިއައިސް ރަތްވެފައިވާ ޙާލު އޭނާގެ ނޭވާ ވެސް ވަނީ އަވަސް ވެފައެވެ.
"އޭނަގެ އަތްފައި ބަދެގެން ބިންގަރާހަށް ހިނގާ..." އިންޖާބުގެ ބާރު އަޑު ގުގުމައިލިއެވެ. އޭނާ ރުޅި އައިސް ރަތްވެފައިވާ ޙާލު ސިފައިންނަށް އަމުރު ކުރިއެވެ. އެއާއެކު ލަސްނުކޮށް އެމީހުން އެބުނި ގޮތަށް އަމަލުކުރުމަށް އަވަސްވެގަތެވެ.
"ކިޔަމަން ތެރިކަން އަދާކުރާގޮތް ދައްކަމުން ކަލޭ ރޭވި ރޭވުމަކީ މިއީ ދޯ!" ރައާބިލްއަށް ބަލައިލަމުން ހަރުކަށިކަމާއެކު، އިންޖާބު ބުނެލިއެވެ. " ތިކަމުގެ ހިތި ނަތީޖާއަށް ތައްޔާރުވޭ!"
ރައާބިލް އެއްމިޔަކަށް ހީލީ އިންޖާބު އިތުރަށް ރުޅި އަރުވައިލުމުގެ ބޭނުމުގައެވެ.
" އޭނަ ގޮވައިގެން އެތެރެއަށް ހިނގާ..." އިންޖާބު އަނެއްކާވެސް ބުނެލިއެވެ.
ރައާބިލް ގޮވައިގެން ސިފައިން އެތެރެއަށް ވަތްއިރު ވެސް އޭނަ ދިޔައީ ގަދަ ހަދަމުންނެވެ. ގޮޅިއަށް ވައްދާފައި ހިލަ ހިލާ ޖަހާ އެމީހުން ގުޑިނުލެވޭވަރަށް ރައާބިލް ހައްޔަރުކުރިއެވެ.
"އޭނަގެ ވަރަ އަންދާލާ..." އިންޖާބުގެ އަޑާއެކު، ސިފައިންނަށް އެކަކު އަނެކަކަށް ބަލައިލެވުނުއިރު ނަމީރަށް ވެސް ދެލޯ ބޮޑުކޮށްލެވުނެވެ.
"ބައްޕާ...."
(ނުނިމޭ)