10،000 ރުފިޔާ ދެއްކުމުން ކަފާލާތުގެ ދަށުން ފޭޒްލީން ދޫކޮށްލައިފި

ފޭޒްލީން: ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ވަނީ ހައްޔަރުކޮށްފައި، ނަމަވެސް 10،000 ރުފިޔާ ދެއްކުމުން ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ --

ހުއްދަނެތި ގެއަށް ވަދެ، ކުޑަކުދިންތަކެއްގެ ކުރިމަތީ ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި ޓިކްޓޮކް ތަރި އާމިނަތު ފޭޒްލީން ކަފާލާތުގެ ދަށުން މިއަދު ދޫކޮށްލައިފިއެވެ.

މިދިޔަ ބުދަ ދުވަހުގެރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދީ މާރާމާރީ ހިންގި މައްސަލައެއްގައި އުމުރުން 49 އަހަރުގެ ފޭޒްލީން ހައްޔަރުކުރީ އިއްޔެ މެންދުރުފަހު 2:32 ހާއިރެވެ.

ފުލުހުން މިއަދު މީގެކުރިން ބުނީ، ފޭޒްލީންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، 10 ގަޑިއިރުތެރޭ 10،000 ރުފިޔާ ދައްކައިފިނަމަ، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް، އަދި 10 ގަޑިއިރު ހަމަވުމުގެ ކުރިން އެ ފައިސާ ނުދައްކައިފިނަމަ 15 ދުވަހަށް އޭނާ ބަންދުކުރުމަށް ކޯޓުން ނިންމިކަމަށެވެ.

އޭގެ ފަހުން ފުލުހުން މިރޭ ބުނީ، 10 ގަޑިއިރުތެރޭ ފޭޒްލީން ފައިސާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށާއި، އެހެންވެ، ކަފާލާތުގެ ދަށުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ނަމަވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހްގީގުކުރަމުންނެވެ.

މަދުން ނަމަވެސް މިފަދަ މައްސަލަތައް ރަށްރަށުގައި ވެސް ހިނގައިގެން ރިޕޯޓުކުރާއިރު، ގެވެށި އަނިޔާކުރުމާއި، ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ފެންނަހެން އެ ފަދަ ކަމެއް ކުރުމާއި، މީހުންނަށް ބިރުދެއްކުމާއި އިންޒާރުދިނުމަކީ ކުށެކެވެ.

comment ކޮމެންޓް