މީޑިއާ ކޮމިޝަންގެ އިންތިޚާބަށް ކުރިމަތިލާ މީހުން ރެކޯޑު ސާފުކުރުމަށް ވަގުތު އޮއްވައި ހުށަހެޅުމަށް ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) މިއަދު އެދިއްޖެއެވެ.
ޖުމުލަ ހަތަރު މަގާމަކަށް އެ ކޮމިޝަނަށް ކުރިމަތިލާން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވެހެވެ. އެއީ، ބްރޯޑްކާސްޓަރުން ތަމްސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމްސީލްކުރަން ދެ ގޮނޑިއަކަށެވެ. އެ މަގާމުތަކަށް ކުރިމަތިލެވޭނީ އަންނަ މަހު ހަތަރުވަނަ ދުވަހުގެ 14:00ގެ ނިޔަލަށެވެ.
އޭގެފަހުން، މިއަދު ޑީޖޭއޭއިން ނެރުނު އިއުލާނެއްގައި ވަނީ، އެ އިންތިޚާބަށް ކުރިމަތިލާން ރެކޯޑު ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑުގެ ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށް ކޯޓުތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކަން ކުރެވޭނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުން ކަމަށްވިޔަސް ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، 'ރެކޯޑް ޕޯޓަލް'އަޅައި، އަދާހަމަ ކުރެވިފައިނުވާތީ ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށް އެ ޑިޕާޓުމަންޓުން ބުންޏެވެ.
އެހެންވެ، ރެކޯޑު ސާފުކުރުމަށް ވަގުތު އޮއްވައި ހުށަހަޅަން ޑީޖޭއޭއިން ވަނީ އެދިފައެވެ.
އެ ޑިޕާޓުމަންޓުން ވަނީ، މީޑިއާ ކޮމިޝަން އިންތިޚާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ 13:00ގެ ފަހުން ހުށަހަޅާ މީހުންގެ ރެކޯޑު އީސީން ކަނޑައަޅާފައިވާ ސުންގަޑިއަށް ނުނިމޭނެ ކަމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި، އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ އީ-މެއިލަށެވެ.
އާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވައިދު އީސީން އާންމުކުރީ މިދިޔަ ބުދަ ދުވަހެވެ.
އެ ކޮމިޝަނުން ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށެވެ.
ގަވައިދުގައިވާ ގޮތުން، އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެ މުއްދަތުގައި ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކުން ކުރިމަތިލާތާ ދެ ދުވަހުގެ ތެރޭ އަންގަންވާނެއެވެ.