ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއަރުވަން އެންމެން ގުޅިގެން މަސައްކަތް ކުރުން މުހިންމު ކަމާއި ދިވެހި ސަގާފަތާއި ވެށި ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގް އިބްރާހިމް މިއަދު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާ ގުޅުވައި ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގައި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ގައުމަކަށްވީ މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.
މިހާރު ވެސް ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުން އަންނަކަން ފާހަގަކުރައްވައި ތޯރިގު ވިދާޅުވީ، އެ ދާއިރާ އިޖުތިމާއީ އަދި، އިގުތިޞާދީ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.

ރާއްޖެ ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ އެއްކޮށް މިނިސްޓަރު ތޯރިގު: ވިދާޅުވީ، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުން މުހިންމު ކަމަށް -- ފޮޓޯ/ ޓޫރިޒަމް މިނިސްޓްރީ
ވަޒީރުގެ ވާހަކައިގައި ވަނީ މިއަދުގެ ޝިއާރަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އެ ޝިއާރުގެ ދަށުން ތިމާވެށި ހިމާޔަތްކުރުމާއި ފަތުރުވެރިކަމުގެ ދާއިރާ ތަރައްގީކޮށް، ސަގާފަތް ދިރުވައި އާލާކުރުމަށް ގޮވާލާކަން ފާހަގަކުރެއްވިއެވެ.
އެކަންކަމަކީ ރާއްޖޭން ގެންގުޅޭ ސިޔާސަތުތަކާ ވަރަށް އެއްގޮތް ކަންތައްތަކެއް ކަމަށް ވިދާޅުވެ، ވަޒީރު ވަނީ، ދިވެހި ސަގާފަތާއި ވެށި ހިމާޔަތްކޮށް، ރައްކާތެރިކަމާ އެއްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.
އޭގެއިތުރަށް، ދެމެހެއްޓެނިވި ފަތުރުވެރިކަން ކުރިއެރުވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގައި އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ތޯރިގު ވިދާޅުވިއެވެ.

ފަތުރުވެރިން މާލޭގައި-- ސަން ފޮޓޯ/ މުހައްމަދު އަފްވާން
ރާއްޖެއަކީ ފަތުރުވެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް އުމްރާނީ ގޮތުންނާއި މާކެޓިން ދާއިރާއިން އިންވެސްޓުކުރައްވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ތަފާސްހިސާބުތަކާ ހަވާލާދީ ވަޒީރުގެ ވާހަކައިގައި އިތުރަށް ފާހަގަކުރެއްވީ، މިދިޔަ އަހަރު ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ހޯދި އާމްދަނީ 1.6 ޓްރިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ. އަދި، މިދިޔަ އަހަރަށް ވުރެ މިއަހަރު ފަތުރުވެރިން އެކި ގައުމުތަކަށް ދަތުރުކުރާ މިންވަރު ތިނަކާއި ފަސް އިންސައްތައަށް އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށާއި އެ ކުރިއެރުން ރާއްޖޭން ވެސް ފެންނަމުންދާ ކަމަށް ތޯރިގު ވިދާޅުވިއެވެ.
ވަޒީރު އެހެން ވިދާޅުވިއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު 2.5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ. މިދިޔަ ބުދަ ދުވަހު އެ ވުޒާރާއިން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، އެހާ ތަނަށް ރާއްޖެ ޒިޔާރަތްކުރީ 1.6 މިލިއަން ފަތުރުވެރިންނެވެ.