"މާ ގިނަ ވާހަކަތައް އަނެކަކާއި ހިއްސާ ނުކުރާށެވެ. އަމިއްލަވަންތަކަމަކީ ހިމާޔަތެކެވެ. ހިމޭންކަމަކީ ހަތިޔާރެކެވެ. ދުޢާއަކީ ތިބާގެ ރައްކާތެރިކަމެވެ. އެސްފީނާއަކީ އޮންނަ އެއްޗެކެވެ."
***
"އެންމެ ފިޔަވަޅެއް އަޅާ.އެންމެ ނަމާދެއް..އެންމެ ފަހަރަކުނަމަވެސް އެނބުރި އާދޭ...ﷲ ތައާލާ ބައްލަވާވޮޑިގެންވޭ...ހަމަ ގަބޫލުކުރައްވާނެ...އެހެން ކަންތައް އޭގެ ފަހަތުން އަންނާނެ.."
އޭނަގެ ހިތުގެ ކަނުގައި ކޮންމެވެސް ކަހަލަ އިހުސާސެއް އުތުރިއަރައިގަތެވެ. ސިގްރެޓުގެ އަގެއްނެތް ހިތްހަމަޖެހުމެއްނޫނެވެ. އަނދިރި ކޮޓަރިތަކުގެ ހުނުމެއްނޫނެވެ. އުއްމީދުގެ އަލި ދޯދިފަށެކެވެ.
ވާރޭގެ ރަހުމެއްނެތް ތިކިތަކުން ކުޑަދޮރަށް ހަމަލާދެމުން ދިޔައިރު ލައިލާއަށް ކިޔުނީ އޭނަ އެ އެ ބަސްތަކާއި ދުރަށް ދިޔަ ކަލިމައެވެ.
"لَا إِلَٰهَ إِلَّا ٱللَّٰهُ........"
މިރިއަމް ތެމިފައިވާ ޕޭމެންޓްމަތިން ދުވެފައި ދިޔައީ ހޭ ކަނޑާލާފައެވެ. ވާރޭގެ ބޮޑެތި ތިިކިތައް ރަހުމެއްނެތި އޭނަގެ މޫނަށް ހަމަލާދިނެވެ. ފައިވާން ފައިތިލަ ދޫވިއެވެ. ބުރުގާވެސް ތެމިގެން ކޮނޑިގައި ތަތްލަވާފައެވެ. އޭނަގެ ސިކުނޑީގައި ގުގުމަމުން ދިޔައީ ލައިލާގެ ލަފުޒުތަކެވެ. ޒުބޭރުވަނީ ނުރައްކަލުގައެވެ. ކޮންމެވެސް ބަޔަކު އޭނައަށް ފާރަލަނީއެވެ. އެބަޔަކަށް ވާސިލުވުމުގެ ކުރިން އޭނަ ކޮންމެގޮތެއް ހަދައިގެންވެސް ދާން އެބަޖެހެއެވެ.
ނުރައްކާ.. އެ ލަފުޒު އޭނަގެ ހިތުގައި ވަޅި އަޅައިގަތެވެ.
އޭނަ ސިކުނޑީގައިވާ ޚިޔާލުތައް އެއްފަރާތްކޮށްލާ ވިސްނަންފެށިއެވެ. ޒުބޭރު އެމީހެއްގެ ނަން ފޯނުން ކިއެވެ. ބޫޓުގެ ނާޑުވާ އައްސަމުން ދިޔައިރު އެ ނަން ބުނި ހަދާނެއްވެއެވެ.
"އަހަރެން އޭނައާއި ހާބަރު ކައިރީގައި ހުންނަ ކެފޭއިން ބައްދަލުކުރާނަން.. މާ ލަސްނުކުރައްޗޭ...."އެ ޖުމްލަ ހަނދާންވުން އެއީ ތޫފާނީ ކަނޑެއްގައި އެއްލައިލެވުނު ވާފަށެއްހެ އެތިކޮޅެއްގައި ހިފުނުފަދައެވެ. އޭނަގޮސް ބޮޑުމަގަށް ނިކުތްއިރު ހެޑްލައިޓްތައް ފެނުގެ ޝީޓުތައް ކަފަމުންދަނީއެވެ. އޭނަ ބޭގަރާރުކަމާއެކު އަތް ހޫރައިގަތުމުން ޓެކްސީއެއްގެ ދުވެލި މަޑުކޮށްލިއެވެ. ކާރުގެ ވައިޕަރު އަވަދިނެތި މަސައްކަތްކުރީ ފެން ފޮހުމަށެވެ. އެއަށްވެސް އެކަމަށް ކުޅަދާނަނުވާވަރަށް ވާރޭ ބޯކުރަމުން ދިޔައެވެ. ޑްރައިވަރު ބިއްލޫރިތިރިކޮށްލިއެވެ. ތެމިގެންހުރި އެ ޒުވާން އަންހެންކުއްޖާގެ ހާލަތުން ކަންބޮޑުވެފައެވެ.
"ކޮންތަނަކަށް ގެންގޮސްދޭންވީ؟" އޭނަ ތަންކޮޅެއް ބާރަށް އެހީ ވާރޭގެ އަޑުހަރުކަމުންނެވެ.
"ހާބަރުގައި ހުންނަ ކެފޭއަށް.." އޭނަ އަވަހަށް ފަހަތު ސީޓަށް އެރުމާއެކު ސީޓުގެ ގޮދަޑިއަށް ވާރޭގެ ތިކިތައް އޮހިގަތެވެ.
"ޕްލީޒް ތަންކޮޅެއް އަވަހަށް.."
ޑްރައިވަރު ކުޑަކޮށް ބޯ ޖަހާލާފައި ކާރުގެ ދުވެލި ބާރުކޮށްލީ އަންހެންކުއްޖާގެ ރާގުން ކުއްލި ހާލަތެއް ދިމާވެގެން އުޅޭކަން ޔަގީންވުމުންނެވެ.
އޭނަގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އޭނަގެ ޚިޔާލަށް އަންނަނީ ޒުބޭރުއެވެ. ކްލައިންޓާއި ވާހަކަދައްކައިލަން ހަމަޖެހިލައިގެން އިންއިރު ވަށައިގެންވާ ޖެހެމުންދިޔަ ނުރައްކަލުގެ ރަގަބީލުގެ އަޑެއް ނީވޭނެއެވެ. ފަހަރެއްގައި އޭނަ ކޮންމެވެސް މަޖާ އެއްޗެއް ބުނެފައި ހެނީކަމަށްވެސް ވެދާނެއެވެ. ވަގުތާއި ރޭސްޖެހުގައި އިންއިރު އޭނަގެ ނަފުސްވަކީ ބަލިކަށިވެފައެވެ. އެހިސާބުން ހަނދާންވީ ﷲތައާލާއެވެ. އޭނަ ހިތާހިތުން ދުޢާކުރަންފެށިއެވެ.
މޫދާއި ކައިރިވުމާއެކު ދުވެލި މަޑުކޮށްލިއެވެ. ފުސްވެފައިވާ ބިއްލޫރިތަކުން އޭނައަށް ކެފޭގެ އަލި ފެނުނެވެ. އެ ކުޑަދޮރުގެ ބިއްލޫރިތައްވެސް އެތެރޭގެ ހޫނުކަމުގެ ސަބަބުން ދުންފިނި ހިފާފައިފަދައެވެ.
އޭނައަށް ޒުބޭރު ފެނުނީ ކުޑަ މޭޒެއްގެ ކައިރީގައި އެހެން ފިރިހެނަކާއި ވާހަކަދައްކަން އިންދައެވެ. ބަލާބެލުމަށް ހަމަ އާދައިގެ ވާހަކައެއްގައެވެ. މޫނުމަތިން ފެންނަނީ ހަމަޖެހުމެވެ. ނުރައްކަލެއް އެއްވެސް ނިޝާނެއް ނެތެވެ. އޭނަގެ މެޔަށް ލުއިވިއެވެ. އެކަމަކު ހިތަށް ފަސޭހަވެގެންދިޔަލެއް އަވަސްކަމުން ތަދެއްވެސް އެރިއެވެ. ވާރެއާއި ފެންގަނޑުތައް ހުރަސްކޮށް ޕެނިކްވުން ހަމަ މުޅިން ބޭކާރެވެ. ޒުބޭރު އެއިނީ ސަލާމަތުންނެވެ. ހަމަޖެހިލައިގެންނެވެ.
ޒުބޭރުވެސް އެނބުރުނީ ފަހަރެއްގައި އޭނަ ހުރިކަމުގެ އިހުސާސްވެގެން ކަމަށްވެދާނެއެވެ. ދެމީހުން ހަތަރުކަޅިހަމަވުމުން ޒުބޭރު ލޯބޮޑުކޮށްލިއެވެ. އޭނަ އެތާ ތެމިފޯވެގެން ހުރުމުން ސުވާލު އުފެދި ކޮޅަށް ތެދުވެ ގޮނޑި ދުރުކޮށްލުމުން ތަޅުންމަތީގައި ކޭއްތިލައިގެން ދިޔައެވެ.
"މިރިއަމް؟" ޒުބޭރުއަށް ގަބޫލުކުރަން ދަތިވިއެވެ. ބޯ ވާރޭ ކޮންމެވެސް ވަރަކަށް މަޑުވެލާފައި އެއްރާގަކަށް ހިފަހައްޓައިލިއެވެ.
ޒުބޭރުގެ އަޑު ކަންފަތުގައި ޖެހުމާއެކު އޭނައަށް ހިނިގަނޑެއް ޖަހައިލެވުނެވެ. އެހުނުން ރުއިމަކަށްބަދަލުވެ ކަރުނަތައް ވާރޭގެ ތިކިތަކާއެކުވިއެވެ.
"އަހަރެން ހީކުރީ....ޒުބޭރުއަށް ކޮންމެވެސް ކަމެއް ވީކަމަށް ހީކުރެވުނީ.."
ޒުބޭރުގެ ހައިރާންކަން ބަދަލުވީ އެހެން އިހުސާސްތަކަކަށެވެ. މަޑުމަޑުން މިރިއަމްގެ ކޮނޑުގައި އަތް ޖައްސައިލެވުނެވެ."އަހަރެން މިހިރީނު...ވަޓްސް ރޯންގް؟ ކިހިނެއްވީ؟ އަހަންނަށް ކަމެއްވިއޭ ބުނީ ކާކުތަ؟"
އޭނަ ކިޔައިދިނީ ލައިލާ އެގެއަށް އައިއިރު ހުރި ހާލަތެވެ. ހުދުކަމުން ކަފަކޮޅެއްފަދައެވެ.ލޮލުގައިވީ ސާފު ބިރެވެ. އޭނަ އިންޒާރުދިނީ ޒުބޭރުއަށް ގެއްލުމެއްދޭން ބަޔަކު ރާވާ ފަހަތުން އުޅޭކަމެވެ. ސަމާލުވާން އެދުނެވެ.އެ ޚަބަރު އަހާފައި އޭނައަށްވެސް އަމަލީގޮތުން ފިޔަވަޅެއްނާޅާ ކެތްނުކުރެވުނީއެވެ. ކޮންމެ ލަފުޒެއް ކަޅިވެފައިވަނީ ޒުބޭރުއަށްޓަކާއި ހިތުގައި އުފެދުނު ބިރުވެރިކަމުންނެވެ. އެ ލަފުޒުތައް ވާރެއާއިއެކުވެސް އޭނަގެ ލޮލުގެ އެސްފިޔަތަކުން ތިކިޖަހާހެން ހީިވިއެވެ.
އިރުގަޑެއްވާންދެން އެއްޗެއް ނުބުނު ޒުބޭރުއަށް ބަލަން ހުރެވުނީއެވެ. އެއާއެކު އަޖައިބުވެގެން ގޮތަކަށް ޒުބޭރު ހޭންފެށިއެވެ. މަލާމާތުގެ ހުނުމެއްނޫނެވެ. އެހިތަށް އަސަރުކޮށްގެންފަދައެެވެ."މިހުރިހާ ވާރެއަކާއި ވައިގެ ތެރޭގައި ދުވަމުން އައީ....ސަބަބަކީ އަހަރެން ނުރައްކަލުގައި ކަމަށް ހީކޮށް؟"
އޭނަގެ ކޯތާފަތަށް ރަތްވުމާއެކު ދުރަށް ބަލަންފެށިއެވެ.
ޒުބޭރުގެ ނަޒަރުގައިވެސްވީ ކިޔައިލަން އުދަގޫ ޝުއޫރެކެވެ. ނަމަވެސް މަޑުމޮޅިކަން ފެނުނެވެ. ފުރަތމަ ފަހަރަށް އޭނަ ފެނިގެން ބަލާފަދައިން ޒުބޭރު އޭނައަށް ބެލިއެވެ. ޒުބޭރު ބޯ ހޫރައިލިއެވެ. ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ." އެހުރިހާކަމެއް ހަމަ ވޯތްހެން ހީވޭ..."
އޭނަގެ ހުވަފެނުގައި ވި އަންހެންކުއްޖާ ގެ ހިތް ހާސިލުކުރެވުނުކަމުގެ ކުޑަ އަލިކޮޅެއް ފެނުނެވެ.
އޭރު ވާރޭ ހުއްޓާލާފައިވުމުން ދެމީހުންވެސް ގަސްތުކުރީ ހިނގާލާފައި ގެއަށް އައުމަށެވެ. މިރިއަމް ފަހަރެއްގައިވެސް "އަލްހަމްދުލިﷲ"ކިޔަން ހަނދާން ނައްތާނުލައެވެ. ވާރޭވެހޭއިރު ކުރާ ދުޢާ އިޖާބަވާނެކަން އެނގޭތީ އޭނަ ހުއްޓުމެއްނެތި ދުޢާކުރިއެވެ.
ގެއަށްވަދެ އޭނަ ދެބައިކޮޅު އެއްބައި ހިކިފައިވާ ހެދުން ބާލާފައި ގަޔަށް ދޫ ހެދުމެއްލިއވެެ. އޭރު ޒުބޭރުވެސް އޭނަ ބޭރުގައި ބަހައްޓާފައި ހުރި ވަށިގަނޑި ހިފައިގެން އަންނަނީއެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ ލަސް ފިޔަވަޅުތަކެއްގައެވެ.
***
ޖަމީލާގެ ކޮޓަރިން ބޭރަށް ފައްދާލާފައިވާ މަޑު ރަން އަލިކަމެއް ފިޔަވާ ގެ ވަނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. މިރިއަމް މަޑުމަޑުން ދޮރު ހުޅުވާލިއިރު މަންމަ އޮތީ ގަދަ ނިދީގައެވެ. އެކަމަކު އެނދުކައިރީގައިވާ ގޮނޑި ހުރީ ހުހަށެވެ. ގޮނޑީގެ އަތްގަނޑުގައި ޝޯލެއް އަޅުވާފައިވާއިރު ސިގްރެޓްގެ ވަސް އެތަނުގައި ހަރުލާފައިވިއެވެ. އޭނަ އަންނަންދެން މަޑުކޮށްދިނުމަށް އެދުނަސް ލައިލާ ދިޔައީއެވެ.
ފަހަރެއްގައި މަންމަ ނިދުމުން އޭނަ ނައްޓައިލީ އުޒުރެއް އޮވެގެންކަމަށް ވެދާނެއެވެ. އޭނައަށް ލައިލާގެ ހަޔާތާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭގެއެވެ. ލައިލާ ކުއްލިއަކަށް އޭނަގެ ގެއަށް އަންނަން ވިސްނީ ކީއްވެހެއްޔެވެ؟ އޭނަ ދެއްކި ވާހަކައިގާ އެއްވެސް އޮށްޓަރެއް ނެތެއްނޫންހެއްޔެވެ؟ އެއްވެސް ވަރަކަށް އެ ބުނި އެއްޗެއްގައި ހަގީގަތެއް ވޭބާވައެވެ. ނޫނީ އޭނަގެ އެކުވެރިންނާއި ގާތް މީހުންނަކީ ކޮންކަހަލަ ބަޔެއްހެއްޔެވެ؟ އެމީހުންނާއި ޒުބޭރުއާއި ދެކޮޅުވެރިކަމެއް އޮތީހެއްޔެވެ؟ ލައިލާ އެވަރުން އެގެއަށް އިންޒާރެއް ހިފައިގެން އައުމުގެ ފަހަތުގައި ކޮންމެވެސް ކަމެއް އޮވެދާނެކަމަށް ހިތް ބުނަންފެށިއެވެ.
ޒުބޭރު އޭނަގެ ފަހަތުން އައެވެ. މަންމަ ހޭލެވިދާނެތީ ކިރިޔާ އިވޭވަރަށެވެ." އޭނަ ނެތްތަ؟"
"އާނ...ހިނގައްޖެ."އޭނަ ބޯ ހޫރައިލިއެވެ.
ހަގީގަތަކީ ލައިލާގެ އެ އިންޒާރާއެކު އެލޮލުން އޭނައަށް ފެނުނު ބިރުވެރިކަމެވެ. މޮޅިވެރިކަމެވެ.ހިތާމަކުރާފަދައެވެ. މަސްހުނި އިހުސާސްތަކުން ފުރިފައިވިއެވެ. އެކަމަކު މިރޭ އެ ސުވާލުތަކުގެ ޖަވާބު ފަހާ ދުވޭވަރަށްވުރެ ވިއްސާރައެވެ. ވަގުތެއްނެތެވެ. އޭނަ މަންމަގެ ގައިގާ އޮތް ރަޖާ ރީތިކޮށްލަދިންއިރުވެސް އިނގިލިތައް ތުރުތުރުލައެވެ. ޒުބޭރު ގާތުގައި ހުރުމުން ހިތުގައި އުފެދިފައިވާ ބިރުވެރިކަމަށް ކުޑަ ލުޔެއްލިބުނެވެ.
***
ލައިލާ މަގަށް ނިކުތްއިރު ވާރޭ ތުނިކޮށްލިނަމަވެސް އޭނަ ތެންމާލައިފިއެވެ. އޭނަ ލައިގެން ހުރި ޓީޝާޓް ގަޔަށް ހިފައިލިނަމަވެސް އޭނައަށް އެކަމެއް ފާހަގައެއްނުވިއެވެ. ކޮންމެ ވާރޭގެ ތިއްކަކީވެސް އަދަބެއްކަމުގައި ދެކުނެވެ. އޭނަ ވެއްޓިފައިވަނީ ކޮންފަދަ ފުން ވަޅަކަށްހެއްޔެވެ؟ އަތުގައި ހިފާ މައްޗަށް ނަގާދޭނީ ކާކުހެއްޔެވެ؟
އެކުޑަ ގެއިން ޖަމީލާއާއި ދިމާވުމުން ތަފާތު އިހުސާސެއްކުރެވުނެވެ. ކުރީގެ އެ ވަރުގަދަ ޝަޚުސިއްޔަތުގެ ވެރިޔާއެއް ނޫނެވެ. ނާޒުކް އަދި ފަނޑުވަމުންދާ ޖިސްމެކެވެ. އެލޮލުގައި ކުރިން ހުންނަ ފައިސަލާކުރާ ގޮތް ކެނޑިއްޖެއެވެ. ތޫނ ނަޒަރެއްނެތެވެ. ނުރުހުމުގެ ހިމޭންކަމެއްވެސް ނެތެވެ. ހަމައެކަނި ފެނުނީ ކުލުނެވެ. މަންމައެއްގެ ލޯތްބެވެ. މާޒީއިން ލޯބި ފިޔަވާ އެހެން ހަނދާންތަކެއް ގެއްލިފައިވާ މަންމައެކެވެ. އެކަމުގެ ސަބަބުން އޭނަގެ ހިތަށް ނޭގޭ އަސަރެއްކުރުވިއެވެ.
އަހަރުތަކެއްކުރިން އޭނަ ޖަމީލާގެ ނުރުހުމަށް ނަފްރަތުކުރިއެވެ. އޭނައަށް އެ ނުރުހުމާއި ދުރަށްގޮސް ދުނިޔޭގެ މަޖާކަމުގެ ތެރެއަށް ޣަރަގު ވެވުނީއެވެ. އެއީ ދެމިގެންދާނެ އުފަލެއްނޫނެވެ. މިރޭ ލައިލާއަށް އަސަރުކުރީ ޖަމީލާގެ އެ "ނުރުހުންތެރިކަން" ހަޔާތުން މަދުވުމުންނެވެ. ދަރިން ކުރާ ގޯސްކަންތައް ހުއްޓުވާނެ މީހެއްގެ ނަސީބު ނެތުމަކީ ގެއްލުމެވެ.
އޭނައަށްވެސް ފިލާވަޅެއް ލިބިއްޖެއެވެ.
ތަންކޮޅެއް ލަހުންނެވެ.
އޭނަ ބޭނުންވީ އެގޭގައި މަޑުކޮށްލުމަށެވެ. އިތުރަށް ވާހަކަދެއްކުމަށެވެ. ގުޅުން ރަގަޅުކުރުމެވެ. ނަމަވެސް ބިރު އޭނަ އެގެއިން ބޭރަށް ކޮށްޕައިލީއެވެ. މިރިއަމް އޭނައަށް ޖަަވާބުނުދެވޭފަދަ ސުވާލުކުރާނެއެވެ. އޭނަގެ ބައިވެރިންގެ ނުރައްކާތެރިކަން ޒުބޭރު ދެނެގަންނާނެއެވެ.
މިރިއަމް ލޯ ބޮޑުކޮށްގެން ހާސްކަމާއިއެކު ވާރޭތެރެއަށް ނުކުތުމުން ކުރީގެ މައުސޫމްކަމާއި އުފާވެރި ސިކުނޑީގެ ކަނަކުން ފެނިލިއެވެ. އޭނަ ހީކުރީ އޭނަގެ ދިރިއުޅުމުގެ ސަކަރާތާއި އުފާވެރިކަމާއެކު ދުވަހަކުވެސް ވަޅުލާފައިވާ މާޒީ ވުޖޫދަަށް ނާންނާނެކަމަށެވެ.
ހިތާމައާއި މޮޅިވެރިކަން ހިތުގައި ގަދަވެގަތެވެ. އޭނަ އެ ދުވަސްތަކަކަށް މަލާމާތްކުރި މާޒީއަށް ދާން ހިތް އެދެނީ ހެއްޔެވެ؟ ރަށްފުށުގެ ހިމޭން ދިރިއުޅުމަށް ދާން އަލުން ހަމަ ހިތް ބޭނުންވާނެހެއްޔެވެ؟
***
ރޭ ވެހުނު ވާރޭގެ ސަބަބުން ގަސްތަކާއި ވިނަތަކުން ހިރަފުސް ދޮވެވި ފެހިކަން ގަދަވެ ހުރިހާ ދިމާލެއް ފެންނަނީ އުޖާލާކޮށެވެ. ބިންގަނޑުވެސް ތާޒާވެފައެވެ. މިރިއަމް ސިޓިންރޫމްތެރެ ސާފުކުރަން ހުއްޓާ ބޭރުން އޭނަގެ ނަން ކީ އަޑުއިވުމުން ކަންފަތް ވަގުތުން ތޫނުވެލިއެވެ. އޭގެ ކުރިން ޒުބޭރުއާއި ހަނިއްޔާ ދެއްކި ވާހަކަތަކަށް އޭނަ ސަމާލުކަމެއްނުދެއެވެ. ނަމަވެސް އޭނަގެ ނަން ކިޔުމުން މުޅި ނަފުސްވެސް ހޭލިފަދައެވެ.
"ހަމްޒާ އޭރު ކިޔަވާ ނިމިގެން އެހުރިހާ އަހަރަށްފަހު ރަށަށް އައީމަ ހަމްޒާކައިރީ މިއުޅެނީ މިރިއަމްއާއި ކައިވެނިކުރާށޭ ބުނީ؟" ހަނިއްޔާގެ އަޑުގައިވެސް ވީ އެވާހަކަ ގަބޫލުނުކުރެވިފައި ހުރިހެންނެވެ.
"ހަމްޒާއަށް ލިބުނު ޝޮކް މަންމައަށް ފެނުނުނަމަ. ހަމްޒާ ހީކުރީ ރަގަޅަށްވެސް މިރިއަމް ހަމްޒާގެ ބަދަލުގައި ޒުބޭރު ޗޫޒްކުރީކަމަށް.."
"އޭނަ އަރަބިކުއްޖަކާއެކު އުޅެނީ..އެކުއްޖާއަށް ކިޔަނީ ހަނާންހެން ހީވޭ..ވަރަށް ރީތި އިސްކޮޅުން ދިގު ދޮން ކުއްޖެއް...ކީއްވެ ޒުބޭރު އެގޮތަށް....އޭނަ ކައިރީ......................"
"ކޮންމެހެން ހަމްޒާ ދެރަކޮށްލާކަށް ނޫން އެހެން ބުނީ...އެކަމަކު އޭރުވެސް މިރިއަމް ކައިިރިން ކައިވެންޏަށް އެދެން ނިންމާފައިވާތީ އެގޮތަށް ބުނީ...ސީދާ ދޮގެއްނޫން...ކުޑައިރުއްސުރެ މިރިއަމް ނޫން ކުއްޖަކު ހަޔާތަށް ގެންނަން ބޭނުމެއްނުވޭ...." ޒުބޭރު އަމިއްލަ ނަފުސް ދިފާއުކުރިއެވެ. އޭނަގެ އަޑު މަޑެވެ.
"އެކަމަކު ހަގީގަތްވާނީ ހަގީގަތަށް...ޒުބޭރު މިރިއަމް ގާތު ނުބުނަމެއްނު ހަމްޒާ މިރިއަމްއާއި ކައިވެނިކުރަން މިރަށަށް އައި ވާހަކަ..."ހަނިއްޔާ ހިތްހަމަނުޖެހިފައިވާ ރާގަކަށް ބުނެލިއެވެ."މިރިއަމްއަށް އެފަދަ ކަމެއް ނިންމުމުގެ ހައްގު އޮތީ. މިރިއަމްގެ ހަޔާތުގެ ބައިވެރިޔާ ހޮވުމުގެ ފުރުސަތު ދޭން ޖެހޭނެ.....އެކަމަކު އެ ހައްގު އަތުލައިގަތީ.. ކޮންފަދަ އޮޅުވައިލުމެއް ތީ....މާފަށް އެދެން ޖެހޭނެ....."
ހިމޭންކަން ވެރިވެގެން ދިޔަ ވަގުތު އޭނައަށް އަމިއްލަ ވިންދުގެ އަޑު އިވެންފެށިއެވެ. އޭނައަށް ކުޝަން މޭގައި ޖައްސާ ބާރުކޮށްލަމުން ފާރަށް ލެނގިލެވުނުއިރު މީހަކު ހިތުގައި ހިފާ އަނބުރައިލިފަދަ ނުބައި އިހުސާސެއްކުރެވުނެވެ. އޭނައަށް ހަމްޒާާއި ޒުބޭރުގެ އެ ބައްދަލުވުމުގެ ޚަބަރެއް ނޭގުނެވެ. ހަމްޒާ އޭނަ ވައުދުވިފަދައިން އެނބުރި އައިކަމެވެ. ޒުބޭރުގެ އެ ވާހަކަތަކެވެ. އޭނައަށް އަމިއްލަށް ނިންމަން ފުރުސަތު ލިބުނުނަމަ އޭނަގެ ހަޔާތަށް އަންނާނެ ބަދަލާއި ތަފާތު ހިތަށް ގެންނަންވެސް އުދަގޫވިއެވެ.
ހަނިއްޔާއާއި ޒުބޭރުގެ ސިއްރު ވާހަކަތަކާއި ދުރަށް އޭނަ ހިނގައިގަތްއިރު އޭނަގެ ދެފައިވެސް އައްސިވަމުން ދިޔައެވެ. މުޅި މީހާއަށް ފިނިވިއެވެ. ކޮޓަރިއަށްވަދެ އެނދުގައި އިށީދެވުނީވެސް ކުޝަން ގައިގާ ޖައްސާލައިގެންނެވެ. ބީރައްޓެހި އަޖައިބެއްފަދަ އިހުސާސްތައް ހަލުވިކަމާއެކު ހިތާއި ސިކުނޑީގައި ކަޑައްތުކުރަމުން ދިޔައެވެ. ހިތްދަތިކަމާއިއެކު ބޭގަރާރުކަމެވެ.
އޭނައާއި ޒުބޭރުގެ ކައިވެނީގެ ގުޅުން ފެށުނީ އޭނައަށް މަޖުބޫރުވެގެންނެވެ. ނަމަވެސް ޒުބޭރުގެ އޯގާތެރިކަމާއި ޒިންމާދާރުކަން ފެނި މަޑުމަޑުންގޮސް އެދެމީހުންގެ ދޭތެރޭގައިވާ ގުޅުން ގާތްވިއެވެ.ލަސްލަހުންނެވެ. މިހިސާބަށް އާދެވުނުތަނާ ޝައިތާނާ އެ ގުޅުން ހަލާކުކޮށްލަން ޝައްކާއި ވަހުމް ސިކުނޑިއަށް ވައްދަން އަވަސްވެގަތީއެވެ.
ނުނިމޭ