މިދިޔަ ބުދަ ދުވަހުގެ ރޭ، ގދ. ތިނަދޫގައި ހުއްދަ ނެތި ގެއަކަށް ވަދެ، ކުޑަކުދިންތަކެއް ކުރިމަތީ ހުތުރުބަހުން ޒުވާބުކޮށް އިންޒާރުދިން މައްސަލައެއްގައި ހައްޔަރުކުރި، ޓިކްޓޮކްގައި މަޝްހޫރު އަންހެނަކު ކަފާލާތަށް 10،000 ރުފިޔާ ބަހައްޓަން އަންގައިފިއެވެ.
ފުލުހުން އިއްޔެ ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ފޫޓް ލައިޓް އާގޭ، އުމުރުން 49 އަހަރުގެ އާމިނަތު ފޭޒްލީން ކަމަށެވެ. އޭނާ ހައްޔަރުކުރީ އިއްޔެ 14:32 ހާއިރުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރީ ހުއްދަ ނެތި ގެއަކަށް ވަދެ، އެ ގޭގައި ކުޑަކުދިން ތަކެއް ތިއްބައި ހަޑިހުތުރު ބަހުން ޒުވާބުކޮށް، މާރާމާރީ ހިންގައި އިންޒާރު ދިންކަމަށް ބުނެ ހުށަހަޅައިފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
މިއަދު ފުލުހުން ބުނީ، ފޭޒްލީން ކޯޓަށް ހާޒިރުކުރުމުން، ކަފާލާތުގެ ދަށުން އޭނާ ދޫކުރުމަށް 10 ގަޑިއިރުތެރޭ 10،000 ރުފިޔާ ކޯޓުގައި ބަހައްޓަން އަންގައިފައިވާ ކަމަށެވެ. އޭނާއަށް އެ ފައިސާ ނުބެހެއްޓިއްޖެ ނަމަ 15 ދުވަހަށް ބަންދުގައި ބަހައްޓާނެ ކަމަށް ކޯޓު އަމުރާ ހަވާލާދީ ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
މަދުން މިފަދަ މައްސަލަތައް ރަށްރަށުގައި ވެސް ހިނގައިގެން ރިޕޯޓުކުރާއިރު، ގެވެށި އަނިޔާކުރުމާއި، ކުޑަކުދިންނަށް ގެވެށި އަނިޔާގެ އަމަލެއް ފެންނަހެން އެ ފަދަ ކަމެއް ކުރުމަކީ ވެސް ގާނޫނީ ކުށެކެވެ. އަދި މީހުންނަށް ބިރުދެއްކުމާއި އިންޒާރު ދިނުމަކީ ވެސް ކުށެކެވެ.