ދެހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާކުރި މަޝްހޫރު މިލިއަނަރު، ޖެފްރީ އެޕްސްޓީންއާ ގުޅުންހުރި ލިޔެކިޔުންތަކުގައި ބިލިއަނަރު އީލޯން މަސްކްއާއި އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫގެ ނަން އޮތް ކަން ހާމަވެއްޖެއެވެ.
އެޕްސްޓީންއާ ގުޅުންހުރި ލިޔެކިޔުންތަކެއް މީގެ ކުރިން ވެސް އާންމުވެފައިވާއިރު، އޭނާގެ މައްސަލަތަކެއް ބަލަމުން އަންނަ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން އާ ލިޔެކިޔުންތަކެއް އާންމުކޮށްފައެވެ.
އެ ފައިލްތަކުން އެނގޭ ގޮތުގައި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެޕްސްޓީން ވަނީ އޭނާގެ ރަށަށް ދިޔުމަށް މަސްކަށް ދައުވަތު ދީފައެވެ.
އެ ރަށަކީ، އެޕްސްޓީން ގަނެފައިވާ، އަދި އޭނާ ކުޑަކުދިން ޓްރެފިކް ކުރުމަށް ބޭނުންކުރި ރަށެއް ކަމަށް ތަހުގީގުތަކުން ވަނީ ހާމަވެފައެވެ.
އެ ރަށަށް ދާން މަސްކްއަށް ދައުވަތު ދިން ކަމަށް މީގެ ކުރިން ވެސް ޚަބަރު ފެތުރިފައިވާއިރު، ބައެއް މީޑިއާތަކަށް ދިން މައުލޫމާތުގައި އޭނާ ވަނީ އޭނާ އެ ދައުވަތު ގަބޫލުނުކުރާ ކަމަށް ބުނެފައެވެ.
މީގެ އިތުރުން ޕްރިންސް އެންޑްރޫ، އެޕްސްޓީންއާއި އޭނާގެ ލޯބިވެރިޔާ ގިލެއިން މެކްސްވެލްއާ އެކު މެއި 12، 2000 ގައި ނިއު ޖާޒީގެ ޓެޓަބޯރޯ އިން ފްލޮރިޑާގެ ވެސްޓް ޕާމް ބީޗަށް ދަތުރުކޮށްފައިވާ ކަމަށް ރެކޯޑުތަކުގައިވެއެވެ.
ނަމަވެސް އޭގެކުރިން 2000 ވަނަ އަހަރުގެ މެއި މަހުގެ 11 ވަނަ ދުވަހު އިނގިރޭސި ޝާހީ ގަނޑުވަރު ބަކިންހަމް ޕެލަސްގެ ވެބްސައިޓުގައި ބުނެފައިވަނީ ޕްރިންސް އެންޑްރޫ އެމެރިކާއަށް ވަޑައިގަތީ، ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ނިއުޔޯކުގައި ބޭއްވި ރިސެޕްޝަނެއްގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެންޑްރޫ އިނގިރޭސިވިލާތަށް އެނބުރި ވަޑައިގަތީ މެއި މަހުގެ 15 ވަނަ ދުވަހު ކަމަށް އެ ގަނޑުވަރުން ބުނެފައިވެއެވެ.
މެކްސްވެލްގެ މައްޗަށް ވަނީ، އެޕްސްޓީންއަށް އަންހެން ކުދިން ޓްރެފިކް ކޮށްދިނުމުގެ ދައުވާ ސާބިތުވެފައެވެ.
މީގެ ކުރިން ޕްރިންސް އެންޑްރޫ ވަނީ އޭނާ ކުށެއް ކުރުމުގައި ބައިވެރިވި ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފައެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގޭގެ އޯވާސައިޓް ކޮމިޓީގައި ހިމެނޭ، ސަރުކާރާ އިދިކޮޅު ޑިމޮކްރެޓުން ބުނާ ގޮތުގައި މިފަހަރު އާންމުކުރި ލިޔެކިޔުމުގައި، އެޕްސްޓީންއާ ގުޅުންހުރި ފޯނު މެސެޖުތަކާއި ވައިގެ ދަތުރުތަކުގެ ތަފުސީލާއި އޭނާގެ ދުވަހުގެ ޝެޑިއުލް ފަދަ މައުލޫމާތު ހިމެނެއެވެ.

ބިލިއަނަރު އެލޮން މަސްކު. އެޕްސްޓައިން ވަނީ އޭނާގެ ރަށަށް ދިއުމަށް މަސްކަށް ދައުވަތު ދީފައި. ފޮޓޯ/ގެޓީ
މަސްކާއި ޕްރިންސް އެންޑްރޫގެ އިތުރުން، ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ އެޑްވައިޒަރެއް ކަމަށްވާ ސްޓީވް ބެނަން ފަދަ ފާހަގަކޮށްލެވޭ އެހެން ފަރާތްތަކުގެ ނަންތައް ވެސް އެޕްސްޓީން ފައިލްސްގައި ހިމެނެއެވެ. އެގޮތުން އެޕްސްޓީންއާއި ބެނަން ފެބްރުއަރީ 17، 2019 ގައި ބައްދަލުކޮށްފައިވާ ކަމަށް އެ ލިޔެކިޔުމުގައިވެއެވެ.
އަދި 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު މައިކްރޮސޮފްޓްގެ ބާނީ ބިލް ގޭޓްސްއާ އެކު ޕާޓީއެއް ބޭއްވުމަށް ވަގުތީ ޕްލޭންތަކެއް ވެސް ފައިލްތަކުގައި ފާހަގަކޮށްފައިވާއިރު، 2022 ވަނަ އަހަރު ގޭޓްސް ވަނީ އެޕްސްޓީންއާ ބައްދަލުކުރުމަކީ ހެދުނު "ގޯހެއް"ގެ ގޮތުގައި ސިފަކޮށްފައެވެ.
އެމެރިކާއާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރެއް ކަމަށްވާ އެޕްސްޓީން އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާކޮށް ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި 2005 ވަނަ އަހަރު ހައްޔަރުކުރިއެވެ.
އެއަށްފަހު އޭނާ ދޫކޮށްލުމަށް ފަހު އަލުން ހައްޔަރުކުރީ 2019 ވަނަ އަހަރެވެ. އޭނާގެ މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު ވަނީ ޖަލުގައި މަރުވެފައި އޮއްވައި ފެނިފައެވެ.