ހޮލީވުޑްގެ އެންމެ ބޮޑު އެއް މިއުޒިކަލް އާޓިސްޓު ކަމަށްވާ ރިއާނާއަށް ތިންވަނަ ދަރިއަކު ލިބިއްޖެއެވެ.
"ޑައިމަންޑްސް" އަދި "ވޯކް" ފަދަ ބޮޑެތި ހިޓުތައް ރިލީޒްކުރި ރިއާނާ ދާދިފަހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ ގޮތުގައި އޭނާއަށް ތިންވަނަ ކުއްޖެއް ވަނީ ލިބިފައެވެ. އަދި އޭނާއަށް ތިންވަނަ ކުއްޖެއް ލިބިފައިވަނީ މިމަހުގެ 13 ގައި ކަމަށްވެސް ރިއާނާ ހާމަކޮށްފައިވެއެވެ.
ރިއާނާއަށް މިފަހަރު ލިބިފައިވަނީ އަންހެން ކުއްޖެކެވެ. މިއީ ރިއާނާ އާއި އޭނާގެ ބައިވެރިޔާ އޭސެޕް ރޮކީއަށް ލިބިފައިވާ ތިންވަނަ ދަރި ނަމަވެސް ދެމީހުންގެ ފުރަތަމަ އަންހެން ދަރިއެވެ. ރިއާނާގެ އަންހެން ދަރިއަށް ކިޔާނީ ރޮކީ އައިރިޝް މާޔާސް ކަމަށް ރިއާނާ ހާމަކޮށްފައިވެއެވެ.
ދެމީހުންނަށް އެންމެ ފަހުން ދަރިއެއް ލިބިފައިވަނީ 2023 ވަނަ އަހަރުގެ އޯގަސްޓު މަހެވެ. ރިއާނާއަށް ދެވަނަ ދަރި، ރަޔަޓް ލިބިފައިވަނީ ދެމީހުންގެ ފުރަތަމަ ދަރި ލިބުނުތާ އަހަރެއް ވެސް ނުވަނީހެވެ.
އޭނާ ތިންވަނަ ދަރިއަކަށް ބަލިވެ އިންކަން ހާމަކޮށްފައިވަނީ މިއަހަރުގެ ކުރީކޮޅެވެ. ރިއާނާ ބަލިވެއިންއިރު ލައިފައިވާ ހެދުންތަކުގެ ތެރެއިން، އެންމެ ފާހަގަކޮށްލެވޭ އެއް ލުކަކީ މި އަހަރުގެ މެޓް ގާލާއަށް ރިއާނާ ލައިގެން ދިޔަ ހެދުމެވެ.
ރިއާނާ އާއި ރޮކީގެ ލޯބީގެ ގުޅުން ހާމަކޮށްފައިވަނީ 2021 ވަނަ އަހަރެވެ. ނަމަވެސް އޭގެ އަހަރުތަކެއް ކުރީންވެސް ދެމީހުންނަކީ ގާތް އެކުވެރީންނެވެ. ގިނަ ބަޔަކު ބުނާގޮތުގައި ދެމީހުން ވަނީ މީގެ އަހަރުތަކެއް ކުރީން އެންގޭޖުވެފައެވެ. އެހެންނަމަވެސް މި މައުލޫމާތު އާންމުކޮށްފައެއް ނުވެއެވެ.