ލިލީގެ ޓީޒަރު ބަލައިފިންތަ؟

ދިވެހި ޕްރޮޑިއުސަރު އަޒްހާން އިބްރާހީމްގެ އާ ފީޗާ ފިލްމު "ލިލީ"ގެ ރަސްމީ ޓީޒަރު އާންމުކޮށްފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅުގައި ގެނެސްދިން ލޯބީގެ ފިލްމު "މީ އިޝްގު"އަށް ފަހު މިހާރު އަޒްހާން މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ދެވަނަ ފީޗާ ފިލްމު ނެރުމަށެވެ. މި ފަހަރު ވެސް މި ތައްޔާރުވަނީ ފޭނުންގެ ހިތްތައް އަތުލާނެ ފިލްމެއް ނެރުމަށެވެ.

ނޮވެމްބަރު މަހުގެ 20ގައި އޮލިމްޕަހުގައި ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ރަސްމީ ޓީޒަރު އާންމުންނަށް ދޫކޮށްލިއިރު ފިލްމުގެ މައިގަނޑު ތީމު މި ޓީޒަރުން ފެނެއެވެ.

ޓީޒަރުން ފެންނަ ގޮތުގައި ލިލީއަކީ ފިލްމުގެ ލީޑް ކެރެކްޓަރުގެ ނަމެވެ. ހިންނަވަރަށް މަޝްހޫރު ލިލީ އަކީ "ފިސާރި" އަންހެނެއް ކަން ޓީޒަރުން ވެސް ދައްކާލައެވެ. ފިލްމުގެ ލީޑް ކެރެކްޓަރުން ފެންނާނީ އައިޝާ އަލީއެވެ.

ފިލްމުގައި ފެންނާނީ ޒުވާން އަންހެނެއްގެ ހަޔާތެވެ. އޭނާއަށް ދިމާވާ އެކި ދަތިތަކަށް ފަހު އިންސާފު ހޯދުމަށް މަސައްކަތް ކުރާތަން މި ފިލްމުން ފެންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

އައިޝާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ފެންނާނީ މަރިޔަމް ޝިމާގެ އިތުރުން މުހައްމަދު އިޝްފާނާއި އަހުމަދު ޝާރިފެވެ.

މި ފިލްމުގެ ގިނަ މަސައްކަތްތަކެއް މިހާރު އޮތީ ނިމިފައެވެ. މި އަހަރުގެ ކުރީކޮޅު ފިލްމުގެ ޝޫޓިން ނިންމާލާފައިވާއިރު ޕޯސްޓް ޕްރޮޑަކްޝަން ވެސް ގާތްގަނޑަކަށް ނިމިއްޖެއެވެ.

މިހާރު ކުރިއަށްދަނީ ތަފާތު އެކި ޕްރޮމޯޝަނަލް މަސައްކަތްތަކެވެ. އެގޮތުން، ދާދިފަހުން ހުދު ލިލީ މާ ބޭނުންކޮށްގެން ފިލްމަށް ހައިޕް އުފައްދައި ފިލްމާ ގުޅޭގޮތުން އެކި މީހުންގެ މެދުގައި ޝައުގުވެރިކަން އުފެއްދުމަށް ޚާއްސަ ކެމްޕެއިނެއް ކުރިއަށްގެންދިޔައެވެ. މިއީ ފިލްމުގެ ޓައިޓަލް ރިވީލްކުރަން ކުރި ކަމެކެވެ.

comment ކޮމެންޓް