ދުއާގެ ލަވަތައް އިސްރާއިލަށް ނުފެންނަ ގޮތް ހަދައިފި

އިނގިރޭސިވިލާތުގެ މަޝްހޫރު ލަވަކިޔުންތެރިޔާ ދުއާ ލީޕާ ފަލަސްތީނަށް ސަޕޯޓު ކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކުގެ ތެރެއިން، އޭނާގެ ލަވަތައް އިސްރާއިލުގައި ނުފެންނަ ގޮތް ހަދައިފިއެވެ.

އިސްރާއިލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ދެކޮޅަށް އެންމެ ކުރިން ވެސް ވާހަކަދައްކަމުން އައި އެއް ތަރިއަކީ ޕޮޕް އައިކަން ދުއާއެވެ. އަލްބޭނިއާއަށް އުފަން ދުއާ، މިނިވަން ފަލަސްތީނަކަށް ގޮވާލަން ފަށައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވަނީ 2023 އަށްވުރެ ވެސް ކުރީން، އޭނާ މަޝްހޫރު ތަރިއަކަށް ވުމުގެ ވެސް ކުރީންނެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ފަލަސްތީނުގެ މިނިވަންކަމަށް އެކި ކަހަލަ ޕެޓިޝަންތަކުގައި އޭނާ ސޮއިވެސް ކޮށްފައިވެއެވެ.

ދުއާ، އިސްރާއިލާ އޮތް ގުޅުންތައް ކަނޑާލުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ދާދިފަހުން ވަނީ އޭނާގެ މުޅި މިއުޒިކް ކެޓަލޮގް އިސްރާއީލަށް 'ލޮކް' ކޮށްފައެވެ. އެއާއެކު އޭނާގެ މިއުޒިކް ސްޓްރީމިން ސާވިސްތަކުން އިސްރާއިލުން މިހާރު ނުފެންނާނެއެވެ.

ދުއާ ބުނިގޮތުގައި މި މަސައްކަތަށް މިހާ ދުވަސްވީ ވެސް ތަފާތު އެކި އިދާރީ މަސައްކަތްތަކުގެ މަރުހަލާ ދިގުވުމާ ގުޅިގެންނެވެ.

އިސްރާއިލަށް ކޮންޓެންޓު ލޮކު ކުރުމުގެ އިތުރުން ދުއާ ވަނީ އޭނާގެ މެނޭޖަރުވެސް މަގާމުން ވަކި ކޮށްފައެވެ. ދުއާގެ މެނޭޖަރު ފަހަކަށް އައިސް ވަނީ އިސްރާއިލަށް ސަޕޯޓު ކުރާ ކަމަށް ބުނެ ގިނަ ވާހަކަތަކެއް ހާމަކޮށްފައެވެ. އޭގެ ސަބަބުން ދުއާ ވަނީ އޭނާގެ މެނޭޖަރު މަގާމުން ވަކި ކޮށްފައެވެ.

ދުއާ އަކީ މިވަގުތު މިއުޒިކް އިންޑަސްޓްރީގައި ހުރި އެންމެ ފާހަގަކުރެވޭ ޒުވާން ތަރީންގެ ތެރެއިން އެކަކެވެ. އޭނާ ގޮވާލަނީ އިސްރާއިލަށް ފިއްތުންތައް އިތުރު ކުރުމަށެވެ. އަދި ފަލަސްތީނުގެ ހައްގުގައި ވާހަކަދެއްކުން އިތުރުކޮށް، އެކަން ހުއްޓާނުލުމަށް ދުއާ ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް