ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ޔުނިވާސިޓީއެއް ކަމަށްވާ އޮކްސްފޯޑުން, ޕީއެޗްޑީ ހާސިލު ކުރެއްވި ފުރަތަމަ ދިވެއްސެއްގެ ޝަރަފް ޒުވާން ގާނޫނީ ވަކީލު, އަޙްމަދު ޝައްފާން މުޙައްމަދު ހޯއްދަވައިފިއެވެ.
ރާއްޖޭގައި މިހާރު ވެސް ގާނޫނީ ދާއިރާއިން މަސައްކަތް ކުރައްވާ ޝައްފާން, އޮކްސްފޯޑުން ޕީއެޗްޑީ ހާސިލް ކުރައްވައި, ގްރެޖުއޭޓްވީ މިއަދުއެވެ. ޝައްފާން ޕީއެޗްޑީ ތީސީސް ނިންމެވީ އުމުރުން 29 އަހަރުގައެވެ. އޭނާ މިއަދު ގްރެޖުއޭޓްވިއިރު އުމުރަކީ 30 އަހަރެވެ.
ޝައްފާން ޕީއެޗްޑީ ތީސީސް ހެއްދެވީ ކޮޕީ ރައިޓާ ގުޅުންހުރި ޖިނާއީ މާއްދާތަކާ ގުޅޭ ދާއިރާއިންނެވެ.
ޝައްފާން ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ އިނގިރޭސި ވިލާތުގެ ކިންގްސް ކޮލެޖުންނެވެ. މާސްޓާސް ހެއްދެވީ އޮކްސްފޯޑުންނެވެ.
ސްކޫލު ދައުރުން ފެށިގެން ވެސް ތައުލީމީ ގޮތުން ވަރަށް ފާހަގަ ކޮށްލެވޭ, ޝައްފާނަކީ މަޝްހޫރު ވިޔަފާރިވެރިޔާ މުޙައްމަދު ފިރާގު (އިނަމޯލްޑިވްސް ފިރާގު)އާއި އައިމިނަތު ޝަރުމީލާ ވަހީދުގެ ބޭފުޅެކެވެ. ޝައްފާންގެ ބޭބެ ޝަހްޒާން މުހައްމަދަކީ މެޑިކަލް ޑޮކްޓަރެކެވެ.
ޝައްފާން ޕީއެޗްޑީ މި ހާސިލް ކުރެއްވި, އޮކްސްފޯޑަކީ ދުނިޔޭގެ އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް ޔުނިވާސިޓީއެވެ. އެ ޔުނިވާސިޓީގެ ކިޔަވައިދިނުމުގެ ފެންވަރާއި ރިސާޗުތަކުގެ ކޮލެޓީގެ ސަބަބުން އެ ތަނުން ކިޔަވައިގެން ނުކުންނަ ގިނަ ދަރިވަރުންތަކެއް ވަނީ ދުނިޔޭގެ ފެންވަރުގެ ލީޑަރުންނަށް ވެފައެވެ.