ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު ސަރުކާރުން ހުށަަހަޅައި، އެ ބިލު ގާނޫނަކަށް ވުމާއެކު ވައްކަންކޮށްފައި ތިބި އެންމެންގެ ފަހަތުން ސަރުކާރުގެ އިދާރާތައް ބާރަށް ދާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ތ. ތިމަރަފުށީގައި އޮތް ޖަލްސާގައި ވާހަަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރު ފެށުމާއެކު އެސެޓް ރިކަވަރީ ބިލު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެ ބިލު މަޖިލީހުން ފާސްވެ، ތަސްދީގުކުރައްވަން ފޮނުވާ ދުވަހު އެ ބިލު ތަސްދީގުކުރައްވާނެކަމަށް ވިދާޅުވިއެވެ.
އަދި އެ ގާނޫނު ވުޖޫދުވާ ދުވަހުން ފަށައިގެން، މީގެ ކުރިން ބޮޑެތި ވައްކަންތައް ކޮށްފައިވާ ހުރިހާ އެންމެންގެ ފަހަތުން، ސަރުކާރުގެ އިދާރާތަކުން ވަރަށް ބާރަށް ދާނޭކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އެސެޓް ރިކަވަރީ ބިލެއް ހުށަހެޅުއްވުމުގެ މަޤްޞަދަކީ، މިދިޔަ ދުވަސްތަކުގައި ޤައުމުގައި ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަމުގެ ބޮޑެތި މައްސަލަތައް ބެލުމެވެ. އަދި އެ ކަން ނިމޭއިރު، އެ ވައްކަންތަކުގައި ޝާމިލުވާ ފަރާތްތަކުގެ އަތުން ބަދަލު ނެގޭނެ ގޮތެއް ނެތުމުން، އެކަން ބަދަލުކުރެއްވުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒު ތިމަރަފުށީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ކޮރަޕްޝަން ނައްތާލުމަށް އެމަނިކުފާނުގެ ސަރުކާރު އޮތީ ވަރަށް ވަރުގަދައަށް ތައްޔާރުވެ ކަމަށާއި، މޯލްޑިވްސް 2.0 ގެ ޑިޖިޓަލައިޒޭޝަން މަޝްރޫޢަކީ ވެސް އެ ބޭނުމުގައި ނިޒާމަށް ގެންނަ ބޮޑު ބަދަލެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
މިއީ ކުރިއަށް އޮތްތަނުގައި ކޮރަޕްޝަން ނައްތާލުމަށް ހިންގާ އެންމެ ބޮޑު މަޝްރޫޢުކަމަށާއި، ވެރިކަން ހިންގުމުގެ ނިޒާމުގެ ކަންކަން ޑިޖިޓަލައިޒް ކުރައްވަނީ ވެސް ކޮރަޕްޝަން ނައްތާލުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ އަތުން ހިފޭނެ އެއްޗެއް ނޫން ކަމަށާ، ނަމަވެސް މިއީ އިޙްސާސްވާނެ ކަމެއްކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މިފަދައިން ރައީސް ވިދާޅުވިއިރު، މިއަދު ވަނީ މިދިޔަ އެމްޑީޕީ ސަރުކާރުގައި، ސަރުކާރު ކުންފުންޏެއްކަމަށްވާ ފެނަކައިން ދެ ހާސް މިލިއަން ރުފިޔާގެ ވައްކަމާއި ޚިޔާނާތް ކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެފައެވެ.
އެ ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، ފެނަކައަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ކުންފުނި ކަމަށެވެ.
އަދި އެ ރިޕޯޓާއެކު ދިވެހި ފުލުހުންގެ އިދާރާއިން ކުރަންޖެހޭ ކަންކަން ކުރަން ފަށާފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮރަޕްޝަން ނައްތާލުމަށްޓަކައި ކުރަންޖެހިވަޑައިގެންނެވި ކޮންމެ ކަމެއްވެސް ކުރައްވާނެކަމަށާއި އެކަމުގައި ވަކި މީހަކަށް ނުބައްލަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެއީ ކޮންމެ މީހަކު ކަމުގައިވިޔަސް، ޢަމަލުކުރައްވާނީ އެކަމެއްގައި އޮންނަ އެންމެ ޢަދުލުވެރި ގޮތަށް ކަމަށާއި ސިޔާސީ މަސައްކަތްތައް ކުރުމަށް ރާއްޖޭގައި މިހާރު ފުރިހަމަ މިނިވަންކަން ދެވިފައި އޮތްކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.
ފެނަކައިގެ ބޮޑު ޚިޔާނާތް މިއަދު ހާމަވީއިރު، މިއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެއް ބިލިއަން ރުފިޔާގެ އެމްއެމްޕީއާރްސީ ޚިޔާނާތަށް ވުރެ ވެސް ބޮޑު ވައްކަމެކެވެ.
އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އެންމެ އިސްކޮށް ހުންނެވިކަން ޝަރީއަތަށް ސާބިތުވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބަށާއި، އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތަށް މާފު ދިނީ ވެސް މިދިޔަ ވެރިކަން ނިމެން ތިން ދުވަހަށް ވެފައި އޮއްވައެވެ.
މިހާތަނަށް ވެސް އެ ޚިޔާނާތުގެ ފައިސާ ދައުލަތަށް ރިކަވާ ކުރަން މާ ބޮޑު މަސައްކަތެއް ކުރެވިފައިނުވާއިރު، މިދިޔަ ސަރުކާރުގައި ހެދި އެސެޓް ރިކަވަރީ ކޮމިޝަނަށް ވެސް މާ ބޮޑު މަސައްކަތެއް ނުކުރެވެއެވެ.