އެމެރިކާގައި ޓިކްޓޮކް ހިންގުމަށް 'ޓިކްޓޮކް ޔޫއެސް'ގެ ނަމުގައި އާ ކުންފުންޏެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އެމެރިކާގެ އިސް އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެފިއެވެ.
ޓެކްކްރަންޗްގެ ރިޕޯޓެއްގައި ބުނެފައިވާގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރަށްފަހު، ޗައިނާގެ ބައިޓްޑާންސް ކުންފުންޏަށް ނިސްބަތްވާ ޓިކްޓޮކްގެ އެމެރިކާގެ އޮޕަރޭޝަންތައް ހިންގުމަށްޓަކައި "ޓިކްޓޮކް ޔޫއެސް" ގެ ނަމުގައި އާ ކުންފުންޏެއް އުފައްދައި، އެމެރިކާގެ ކުންފުނިތަކަށް މި ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލުމުގެ މަސައްކަތްވެސް މިހާރުވަނީ ފަށައިފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކުރެއްވި މި އަމުރަކީ، ޓިކްޓޮކްގެ މިލްކުވެރިކަން އެމެރިކާގެ ކުންފުންޏަކަށް ބަދަލުނުކޮށްފިނަމަ އެޕްލިކޭޝަން އެޤައުމުގައި ބޭނުންކުރުން މަނާކުރާ ޤާނޫނަށް އަމަލުކުރުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.
ޓެކްކްރަންޗްގެ ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ޓިކްޓޮކް ޔޫއެސްގެ އަގު 14 ބިލިއަން ޑޮލަރަށް އަރާނެކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސް ވިދާޅުވި ކަމަށެވެ. އެމެރިކާގެ ކުންފުނިތަކުން މި ކުންފުނީގެ 65 އިންސައްތަ ހިއްސާ މިލްކުކުރާއިރު، ޓިކްޓޮކްގެ މައި ކުންފުނި، ބައިޓްޑާންސްއަށް ލިބޭނީ 20 އިންސައްތައަށްވުރެ މަދު ހިއްސާއެކެވެ.
މި އެއްބަސްވުމުގައި ހިމެނޭ މުހިންމު ބައެއް އިންވެސްޓަރުންނަކީ އެމެރިކާގެ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ އޮރެކަލްއާއި، އަބޫދާބީގެ ރޯޔަލް ފެމިލީއާ ގުޅުންހުރި އިންވެސްޓްމަންޓް ފަންޑެއް ކަމަށްވާ އެމްޖީއެކްސް އާއި ޕްރައިވެޓް އިކުއިޓީ ކުންފުނި ސިލްވާ ލޭކް އެވެ.
އޮރެކަލްއިން ޓިކްޓޮކް ޔޫއެސްގެ ޑޭޓާ ސެކިއުރިޓީ ބަލަހައްޓައި، އެލްގޮރިދަމް ހިންގުމުގެ ހުއްދަ ލިބިގެންދާނެއެވެ. މީގެ އިތުރުން، ފޮކްސް ކޯޕަރޭޝަންގެ ރުޕާޓް މާޑޮކް އަދި ޑެލް ޓެކްނޮލޮޖީސްގެ މައިކަލް ޑެލް ފަދަ އިންވެސްޓަރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.
އެމެރިކާގެ އޮފިޝަލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ޗައިނާގެ ސަރުކާރުން ޓިކްޓޮކް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންގެ ޑޭޓާއަށް ޖާސޫސްކޮށް، އެޕްލިކޭޝަންގެ ކޮންޓެންޓަށް ނުފޫޒު ފޯރުވަފާނެކަމުގެ ބިރެވެ. މި އެއްބަސްވުމުގެ ދަށުން، އެމެރިކާގެ ރައްޔިތުންގެ ހުރިހާ ޑޭޓާއެއް އޮރެކަލްއިން ހިންގާ އެމެރިކާގެ ސާވަރތަކުގައި ރައްކާކުރެވޭނެއެވެ. އަދި ޓިކްޓޮކް ޔޫއެސްގެ ބޯޑުގައި ހިމެނޭ ހަތް މެމްބަރުންގެ ތެރެއިން ހަ މެމްބަރުންނަކީ އެމެރިކާގެ ރައްޔިތުންނަށް ވާނެއެވެ.
މި ބަދަލުތަކާއެކު، ޓިކްޓޮކްގެ މިލްކުވެރިކަން ބައިޓްޑާންސްއިން ވަކިކުރުމުގެ މަސައްކަތް ކުރިއަށް އޮތް 120 ދުވަހުގެ ތެރޭގައި ނިމޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.