ތިން ސަތޭކައެއްހައި މީހުން ދިރިއުޅޭ ތ. ގާދިއްފުށީގެ ބިން ހިއްކުމަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓު މިނިސްޓަރު ހަސަން ރަޝީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ ހަވާލުކުރީ، އެ ރަށުން ދިހަ ހެކްޓަރުގެ ބިން ހިއްކުމަށެވެ. އޭގެއިތުރަށް، 100 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓާ ޖެހުމަށާއި 704 މީޓަރުގެ ބޮޑުހިލަ ރިވެޓުމަންޓުގެ އިތުރަށް 100 މީޓަރުގެ ގްރޮއިން މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ޖަހާނެއެވެ.
އެ ކުންފުންޏާ މި މަޝްރޫއު ހަވާލުކޮށްފައި ވަނީ، 110.4 މިލިއަން ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރައީސް ޑރ. މުޙައްމަދު މުއިއްޒު މިހާރު އަތޮޅުތެރެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އަންނަނީ، އެކި ރަށްތަކުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އެމްޓީސީސީއާ ހަވާލުކުރަމުންނެވެ.