ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ގުރައިދޫގައި ހުޅުވައިފި

ގުރައިދޫގައި ހުޅުވި ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ----

ސެނަހިޔާ ހައިޕާބެރިކް ސެންޓަރުގެ ނަމުގައި ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ތ. ގުރައިދޫގައި މިއަދު ހުޅުވައިފިއެވެ.

ތ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގައި މި ޗެމްބަރު ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. މި ޗެމްބަރު ހަދިޔާކޮށްފައި ވަނީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ.

ރޭ އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި، ރައީސް ވިދާޅުވީ، މިއީ 100 މީޓަރު އަޑިން ޑީކޯވި ނަމަވެސް ފަރުވާ ދެވޭ ފެންވަރުގެ ޗެމްބަރެއް ކަމަށެވެ. އޮކްސިޖަން ތެރަޕީ ފަދަ ޚިދުމަތްތައް ދެވޭ މި ޗެމްބަރަކީ، ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރެވެ.

ގުރައިދޫގައި ހުޅުވި ސަރުކާރުގެ ފުރަތަމަ ޑީކޯ ޗެމްބަރު ----

ރައީސް ވިދާޅުވީ، މި ޗެމްބަރު ބަހައްޓަން ވައުދުވެވަޑައިގެންނެވި ހުރިހާ ރަށްތަކުގައި ކުރިއަށް ހަ މަހުގެ ތެރޭގައި ޗެމްބަރުތައް ބަހައްޓައި ނިމޭނެ ކަމަށެވެ.

ހަ ސަރަހައްދެއްގައި އެ ޗެމްބަރުތައް ބަހައްޓާއިރު، އެ ރަށްތަކުގައި ހިމެނެނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއާއި އއ. ރަސްދޫއާއި ގއ. ވިލިނގިލީގެ އިތުރަށް މާލެއެވެ.

ޑީކޯ ވެގެން ފަރުވާދެވޭނެ ޗެމްބަރުތައް ހުންނަނީ ރިސޯޓުތަކުގައެވެ. މި ޗެމްބަރުތައް ހުންނަނީ ބަނޑޮސް އައިލެންޑް ރިސޯޓާއި ކުރެއްދޫ އައިލެންޑް ރިސޯޓުގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓާއި ކަނޑިންމަ މޯލްޑިވްސްގައެވެ.

comment ކޮމެންޓް