އެމެރިކާގެ ކެލިފޯނިއާގެ ސިޓީއެއް ކަމަށްވާ ސެން ރަމޮންގައި ހުރި ޖަވާހިރު ވިއްކާ ފިހާރަ، ހެލާ ޖުވެލާސްއަށް ދުވާލުގެ ވަގުތެއްގައި 25 މީހުންގެ ގްރޫޕެއް ވަދެ, އެއް މިލިއަން ޑޮލަރުގެ މުދާ ވަގަށް ނަގައިފިއެވެ.
ފުލުހުން ވަނީ އޭގެ ތެރެއިން ބައެއް މީހުން އަތުލައިގެންފައެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ސިޓީ ސެންޓަރުގައި ހުންނަ އެ ފިހާރައަށް އެ މީހުން ވަނީ މެންދުރު ފަހު 2 ޖަހާކަށްހާއިރު، ތިން ބަޑިއާއި ދަގަނޑު ބުރިތަކެއް ވެސް ހިފައިގެންނެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހުން ވަނީ ފިހާރައިގައި ހުރި ޑިސްޕްލޭ ކޭސްތައް ތަޅާލައި ގަހަނާތައް ނަގާފައެވެ. އެ ތަނުން އެކަކު ވަނީ ފިހާރައިގެ ބިއްލޫރި ގަނޑަށް ބަޑި ވެސް ޖަހާފައެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށް ފުލުހުން ބުނެއެވެ.
އޭބީސީ ނޫހުން ބުނި ގޮތުގައި ޝައްކުކުރެވޭ މީހުން ތިބީ ފިހާރައިގައި އަލަށް ހަރުކުރި ސެކިއުރިޓީ ދޮރުތަކުގެ މެދުގައި ވަގުތުކޮޅަކަށް ތާށިވެފައެވެ. އެ ދޮރުތަކަކީ 2023 ވަނަ އަހަރު ފިހާރަ ބަންދުކުރުމަށް ފަހު އަލުން ހުޅުވުމަށް ފިހާރަ މާރާމާތު ކުރިއިރު ހަރުކޮށްފައިވާ ދޮރުތަކެކެވެ.
ތަހުގީގު ކުރާ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި މި ވައްކަން ކޮށްފައިވަނީ ވަރަށް ފަރުވާތެރިކަމާއެކު ދުރާލާ ރާވައިގެންނެވެ. އެ ގްރޫޕް އައިސްފައިވަނީ ހަ ވެހިކަލެއްގައެވެ. ވެހިކަލްތައް ޕާކްކޮށްފައިވަނީ ވެލެޓް ޒޯނުގައި އެތެރެއަށް ވަންނަ ދޮރާއި 100 ފޫޓަށް ވުރެ ކުޑަ ދުރުމިނެއްގައެވެ.
ވައްކަންކުރުމަށް ފަހު ވެހިކަލްތަކަށް އަރައިގެން ފިލަން ފެށުމުން ފުލުހުން ވަނީ އެ މީހުންގެ ފަހަތުން ދުއްވާފައެވެ. ޑްރޯން ފޫޓޭޖާއި ބައިސްޓޭންޑަރުންގެ ވީޑިއޯތަކާއި ސަވައިލެންސް ކެމެރާތަކުގެ އެހީގައި ފަހުން ފުލުހުން ވަނީ ޝައްކު ކުރެވޭ ހަތް މީހަކު ހައްޔަރުކޮށްފައެވެ.
އުމުރުން 17 އަހަރާއި 31 އަހަރާ ދެމެދުގެ މި އެންމެންނަކީ ވެސް އޮކްލޭންޑްގެ މީހުން ކަމަށާއި އެހެން ފޭރުންތަކުގައި ވެސް ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ފުލުހުން ބުނެއެވެ. ދެ ބަޑިއާއި ވަގަށް ނަގާފައިވާ ގަހަނާގެ ބައެއް ފެނިފައިވާއިރު، އެ މީހުން ދުއްވި ބައެއް ކާރުތައް ވެސް ފެނިފައިވެއެވެ. އެ ކާރުތަކަކީ ވަގަށް ނަގާފައިވާ ކާރުތަކެއް ކަމަށް ވެސް ރިޕޯޓުކޮށްފައިވެއެވެ.