ބިޗަޑުގެ ހިތްގައިމު ފްރީކިކުން ވިކްޓްރީއަށް ފުރަތަމަ ލީގު މޮޅު

ލަނޑު ޖެހުމަށްފަހު ބިޗަޑު އުފާފާޅުކުރަނީ-- ފޮޓޯ: ސިޑިބަރި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް ކޮޅަށް ހިލޭޖެހުމަކުން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ވައްދާލި ހަމައެކަނި ލަނޑާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން ލީގުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ލީގުގައި ވިކްޓްރީ ކުޅުނު ފުރަތަމަ މެޗުގައި ވަނީ އޮޑި ސްޕޯޓްސް ކުލަބު އަތުން ބަލިވެފައެވެ. އަނެއްކޮޅުން މިއީ ގްރީންގެ ދެވަނަ ބައްޔެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ކުލަބު ވެލެންސިއާ އަތުން ބަލިވެފައެވެ.

މިއީ 2019 ގައި ސަސްޕެންޝަނާ ކުރިމަތިލުމަށްފަހު 2022 ވަނަ އަހަރު އެނބުރި އައި ޓީމުން ލީގުގައި ހޯދި ފުރަތަމަ މޮޅެވެ.

މެޗުގައި ވިކްޓްރީއަށް ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށްވެފައި ވަނިކޮށް ބިޗަޑަށް ލިބުނު ބޯޅައެއް އޭނާ ފޮނުވާލަން ޖެހި ބޯޅަ ވަނީ ދަނޑިއަށް އަމާޒުވެފައެވެ.

މި ލަނޑަށްފަހު ވެސް ވިކްޓްރީއަށް ދެވަނަ ހާފުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތައް ލިބުނެވެ. ނަމަވެސް ނިންމާ ނުލެވެނީއެވެ.

މި މެޗުގައި ވިކްޓްރީ މޮޅުވި ލަނޑު ބިޗަޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ތެރޭގައެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބޯޅައަކުން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންނަ ހަފްތާގައި ވިކްޓްރީ ނުކުންނާނީ އޮޑި ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

comment ކޮމެންޓް