މަޑިފުށި ދިޔަމިގިލި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމަށް 263 މިލިއަނަށް އެމްޓީސީސީއަށް ދީފި

މަޑިފުށި ދިޔަމިގިލި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމަށް 263 މިލިއަނަށް އެމްޓީސީސީއަށް ދީފި: ފޮޓޯ/ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ތ އަތޮޅުގެ ތިން ރަށް ކަމަށްވާ ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅުވާ ކޯޒްވޭ މަޝްރޫއު 263 މިލިޔަން ރުފިޔާއަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި ތިން ރަށް ގުޅާލުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައުދީއެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ދޮޅު އަަހަރު، ނުވަތަ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ގުޅުވާ ކޯޒްވޭ އެމްޓީސީސީއާ ހަވާލުކުރީ 262,983,879.36 ރުފިޔާއަށް ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫގެ ދަށުން ދިޔަމިގިއްޔާއި މެދަފުއްޓާއި ދެމެދުގައިވާ ފަޅުން 3.9 ހެކްޓަރުގެ ބިން ހިއްކައި އެ ދެރަށް ގުޅުވާލާނެއެވެ. އަދި 143.3 މީޓަރުގެ ކޯޒްވޭއަކުން މެދަފުށި އަދި މަތިދޫ ގުޅުވާލާ، 978.2 މީޓަރުގެ ކޯޒްވޭއަކުން މަތިދޫ އާއި މަޑިފުށި ގުޅުވާލާނެއެވެ. އެއަށްފަހު 200.6 މީޓަރުގެ ކޯޒްވޭއަކުން މަޑިފުއްޓާއި އުފުރިޔާ ގުޅުވާލާނެއެވެ.

އެމްޓީސީސީ އާއި ތ.އަތޮޅުގެ ތިން ރަށް ގުޅާލުމުގެ ކޯޒުވޭގެ މަސައްކަތް ހަވާލުކޮށްފައިވާއިރު، އެ ކުންފުންޏަށް މީގެ ކުރިން ވަނީ މ. އަތޮޅު މުއްޔާއި ނާލާފުއްޓާ ދެމެެދުގައި ކޯޒްވޭ އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައެވެ.

comment ކޮމެންޓް