މިވަގުތު ރާއްޖޭގެ މެދު ދެކުނުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ތ. ކިނބިދުއަށް އެމަނިކުފާނު ވަޑައިގެން ބޭއްވި ޖަލްސާގައި އެ ރަށު ކައުންސިލްގެ ރައީސް އަލީ ހުސައިން ވާހަކަ ދައްކަވަން އޮތް އޮތުން ކެންސަލްކޮށް، ޖަލްސާގައި ރައްޔިތުންގެ ކަންބޮޑުވުން ހިއްސާކުރަން ފުރުސަތު ނުދިނުމުން، ޖަލްސާގައި ބައިވެރިނުވެ އޭނާ ގެއަށް ވަޑައިގެންފިއެވެ.
'ފޭސްބުކް'ގައި މިއަދު މެންދުރު ކުރެއްވި ޕޯސްޓެއްގައި އަލީ ލިޔުއްވި ގޮތުގައި، އޭނާ ޖަލްސާގައި ބައިވެރިވެވަޑައިނުގަތީ، ޖަލްސާގައި ވާހަކަދައްކަން ތައްޔާރުވަމުން އަންނަނިކޮށް އޭނާއަށް ގުޅައި ޖަލްސާގައި ވާހަކަ ނުދެއްކޭނެކަން އެންގުމުންނެވެ. އަދި ރައްޔިތުންގެ ފަރާތުން ރައްޔިތުންގެ ކަންބޮޑުވުންތައް އިއްވުމުގެ ފުރުސަތު ނުލިބޭނެތީއެވެ.
"...ރައްޔިތުންގެ ފަރާތުން ހުރި ކަންކަން ހިއްސާކޮށް ރައްޔިތުންގެ ފަރާތުން ބަހެއް ބުނަން ފުރުސަތު ނުދޭނެކަން އެންގީމާ އެ ބައްދަލުވުމުގަ މަންޒަރު ރީތިކުރަން އިންނަ މީހެއްގެ ހައިސިއްޔަތުން ބައިވެރިވާން ބޭނުންނުވާތީ،" އޭނާ ލިޔުއްވި ޕޯސްޓުގައިވެއެވެ.
މިރޭ 'ސަން'އާ ވާހަކަ ދައްކަވަމުން އަލީ ވިދާޅުވީ، ރައީސް ކިނބިދުއަށް ވަޑައިގަންނަވާގޮތަށް އޮތީ ގާތްގަނޑަކަށް ހެނދުނު 10:40 ހާއިރު ކަމަށާއި، އޭނާއަށް ވާހަކަ ނުދެއްކޭނެކަން ރައީސް އޮފީހުން އެންގީ ޖަލްސާގައި ވާހަކަދައްކަވަން ތައްޔާރުވެވަޑައިގަންނަވަނިކޮށް 10 ޖެހިއިރު ގުޅާފައި ކަމަށެވެ. އަލީ ވިދާޅުވީ، އޭނާ ވާހަކަ ދައްކަން އޮތް އޮތުން ކެންސަލްކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އަޅުގަނޑަކަށް ހަމަ ސަބަބެއް ނޭނގޭ، އަޅުގަނޑަކީ މިރަށުގެ ޕީއެންސީ ބޭފުޅުންނާ އެކީގައި އަދި އެމްޑީޕީގެ ކައުންސިލަރެއް ކަމަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ވީމާ، އެ ދޭންޖެހޭ އިހުތިރާމާއި ގަދަރު ހަމަ ދެމުން އަންނަނީ، އަދި ސަރުކާރުގެ ޕްރޮޖެކްޓްތަކުގައި ވެސް ހަމަ އެއްވެސް ހުރަހެއް ނާޅަން، ތަފާތުކުރުމެއް ނުގެންގުޅެން،" އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ސްލޮޓެއްގައި ކިނބިދޫގެ ކައުންސިލް ތަމްސީލުކުރައްވާ އަލީ ވިދާޅުވީ، ރައީސްގެ ދަތުރުފުޅާ ގުޅިގެން ވޭތުވެދިޔަ ދެ ހަފުތާގައި އެންމެ ބުރަކޮށް މަސައްކަތްކުރީ އިދިކޮޅު މައި އެމްޑީޕީގެ ކައުންސިލަރުންކަން ވެރިކަންކުރާ ޕީއެންސީގެ މެންބަރުންނަށާއި ސަރުކާރުގެ ވެރިންނަށް އެނގޭނެ ކަމަށެވެ.
ކިނބިދޫގެ ކުރިންނާއި ފަހުން ޖަލްސާ ބޭއްވި އެހެން ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުންނަށްވެސް ވާހަކަ ދައްކަން ފުރުސަތު ދިންކަން އޭނާ ފާހަގަކުރެއްވިއެވެ.
އިތުރަށް އަލީ ވިދާޅުވީ، ޖަލްސާގައި އޭނާ އަށް ވާހަކަ ނުދެއްކޭނެކަން އެންގުމާ ގުޅިގެން ސުވާލުކުރެއްވުމުން، ކައުންސިލާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ރައްޔިތުންގެ އަޑު އިއްވުނު ނޫންތޯ، ސަރުކާރުގެ އިސްވެރިން ވިދާޅުވި ކަމަށެވެ.
އެހެން ނަމަވެސް ކައުންސިލް ބައްދަލުވުމުގައި ދެކެވޭ ވާހަކައާއި ރައްޔިތުންގެ ބައްދަލުވުމެއްގައި ރައްޔިތުން ކުރިމަތީ ކައުންސިލް ރައީސް ދައްކަވާ ވާހަކަ ތަފާތުވާނެކަން ވެސް އަލީ ފާހަގަކުރެއްވިއެވެ.
"ސީދާ ރައީސަށް ދެންނެވިން ކައުންސިލް ބައްދަލުވުމުގަ އަޅުގަނޑު ވަރަށް ހިތާމަކުރާ ކަމެކޭ މިއީ އަޅުގަނޑަށް ފުރުސަތު ގެއްލުވާލުން މި ޖަލްސާގައި، ކޮންމެ ގޮތެއްވިޔަސް އަޅުގަނޑު މި ސަރުކާރާ އެކީގައި ނުލާހިކު ރަނގަޅަށް މަސައްކަތްކުރަމުންނޭ މި ދަނީ، ރައްޔިތުންނަށް ސަރުކާރުން ދޭ އެއްވެސް ޚިދުމަތެއްގައި ތަފާތުކުރުމެއް ނުގެންގުޅެމޭ ސަރުކާރާ އެކީގައޭ މަސައްކަތްކުރަނީ،" އަލީ ވިދާޅުވިއެވެ.
ކިނބިދޫ ކައުންސިލް ރައީސަށް ވާހަކަދައްކަވަން ފުރުސަތު ނުލިބިގެން ކަންބޮޑުވުން ފާޅުކުރެއްވިއިރު، މީގެ ކުރިން ވެސް، ރައީސްގެ ދަތުރުފުޅުތަކުގައި ބާއްވާ ޖަލްސާތަކުގައި ބައެއް ކައުންސިލް ރައީސުންނަށް މި ފުރުސަތު ނުދީގެން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.