ރާއްޖޭގެ ޑިމޮކްރަސީ ހަލާކުވަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ކަންބޮޑުވުންތައް އީޔޫއާ ހިއްސާކޮށްފި

އެމްޑީޕީން އީޔޫއާ ބައްދަލުކުރަން ދިޔަ ވަފުދު، އީޔޫގެ މަންދޫބުންނާއެކީ ފޮޓޮއަކަށް ހުއްޓިގެން --- ފޮޓޯ: އެމްޑީޕީ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ އެކި ނިންމުންތަކުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރަސީ ހަލާކުވަމުންދާ ކަމަށް ބުނެ، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާއި އެ ޕާޓީގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރުންގެ ވަފުދެއް ވިލާތުގެ އިއްތިހާދު (އީޔޫ)ގެ އޮފިޝަލުންނާ ބައްދަލުކޮށް، އެ ޕާޓީގެ އެކި ކަންބޮޑުވުންތައް ހިއްސާކޮށްފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ބޭއްވި މި ބައްދަލުވުމުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދާއި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރު ހުސައިން ޝަހީމެވެ.

އެމްޑީޕީން ބުނީ، އީޔޫގެ އެކި މަންދޫބުންނާ އެ ޕާޓީގެ ވަފުދުން ބައްދަލުކޮށް، މި ސަރުކާރުގެ އެކި ނިންމުންތަކާއި، ސަރުކާރުން މިނިވަން މުއައްސަސާތަކަށް ސިޔާސީ ނުފޫޒު ފޯރުވަމުން ދިއުމާއި، ރާއްޖޭގެ ސިޔާސީ މަސްރަހަށް ކުރާ ނޭދެވޭ އަސަރާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، މީޑިއާ ކޮންޓްރޯލް ގާނޫނު ތަސްދީގުކޮށް އެ ގާނޫނުގެ ތެރެއިން މިނިވަން މީޑިއާއާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް މި ސަރުކާރުން ހުރަސް އަޅަމުންދާ ކަމަށް ބުނެ، ސަރުކާރަށް ކުރެވޭ ކޮރަޕްޝަންގެ އެކި ތުހުމަތުތަކުގެ މައުލޫމާތުވެސް މި ބައްދަލުވުމުގައި އީޔޫގެ މަންދޫބުންނާ ހިއްސާކޮށްފައިވާނެ ކަމަށް، އެ ޕާޓީން ބުންޏެވެ.

އަދި ރާއްޖެއަށް މީގެ 20 އަހަރުކުރިން ގެނައި ޑިމޮކްރަސީގެ ސިފަތައް މިހާރު އުވެމުން އަންނަ ކަމަށް މި ބައްދަލުވުމުގައި ޝާހިދާއި ފައްޔާޒް ވިދާޅުވިކަމަށް ވެސް، އެމްޑީޕީން މައުލޫމާތުދެއެވެ.

comment ކޮމެންޓް