އިންޑިއާގެ ކާގޯ ބޯޓު "އެމްއެސްވީ ޑައުލާ"އިން ކަނޑަށް ވެއްޓި ހޯދަމުންދިޔަ މީހާގެ ހަށިގަނޑު ދެ ދުވަސް ފަހުން މިއަދު ހޯދައިފިއެވެ.
އެމްއެންޑީއެފުން މިރޭ ބުނީ އެ މީހާގެ ހަށިގަނޑު ހޯދީ، ކ. ފޭދޫފިނޮޅުގެ ދެކުނުން ކަމަށެވެ. އަދި މިހާރު އެ މީހާގެ ހަށިގަނޑު ފުލުުހަށް ހަވާލުކޮށްފައިވާކަމަށް ބުންޏެވެ.
އެމްއެންޑީއެފުން މީގެ ކުރިން ބުނި ގޮތުގައި ވިލިމާލެއާ ދިމާލު ބޭރުގައި އޮތް އިންޑިއާގެ އެ ބޯޓުން އެގައުމުގެ ރައްޔިތަކު ގެއްލިގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ މިދިޔަ ހޯމަ ދުވަހުގެ ރޭ 11:35 ހާއިރެވެ.
އެ މީހާ ހޯދުމުގެ މަސައްކަތް ކުރީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑްގެ ދެވަނަ ސްކޮޑްރަނުންނެވެ.
ކަނޑުމަތީގެ މިފަދަ ހާދިސާތަކެއް މިފަހުން ވެސް ވަނީ ހިނގައިފައެވެ.