މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވައިލައިފިއެވެ.
އެ ކޮމިޝަނުން ކުރި އިއުލާނެއްގައި ބުނީ، އެ ފުރުސަތު އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރު 14:00ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
އެގޮތުން ޖުމްލަ ހަތަރު މަގާމަކަށް ވަނީ ކުރިމަތިލާން ހުޅުވައިލައިފައެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރަން ދެ ގޮނޑިއަކަށާއި، މީޑިއާތައް ތަމްސީލްކުރަން ދެ ގޮނޑިއަކަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަންވާނީ އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް ފަސް ވަނަ ފަންގިފިލާ، ހިލާލީމަގު) އަށެވެ.
އަދި އިލެކްޝަންސް ކޮމިޝަނުން މި ތަކެތި ބަލައިގަންނާނީ މިއަދުން ފެށިގެން އަންނަ މަހު ހަތަރެއްގެ ނިޔަލަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 09:00 އިން 14:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަންނާނީ 15:00 އިން 17:00 އަށެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތާއި ކެންޑިޑޭޓުންނަށް އަންގަންޖެހޭ އެންގުންތައް އިލެކްޝަންސް ކޮމިޝަނުން އަންގާނީ އެޕްލިކޭޝަން ފޯމުގައި އެފަދަ އެންގުންތައް ފޮނުވުމަށް ކެންޑިޑޭޓުން ބަޔާންކޮށްފައިވާ އީ-މެއިލަށެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިޚާބު 2025 ގެ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11ވާ ހޮނިހިރު ދުވަހުގެ 09:00 އިން 16:00 އަށެވެ.
އާ ކޮމިޝަނަށް މެންބަރުން އިންތިޚާބުކުރުމުގެ ގަވައިދު އިލެކްޝަންސް ކޮމިޝަނުން އާންމުކުރީ އިއްޔެއެވެ.
އެ ކޮމިޝަނުން ގެޒެޓުކުރި ގަވައިދުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލެވޭނީ އެ ގާނޫނުގައިވާ ގޮތުގެ މަތީން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮންމެ މީޑިއާއަކުން އެކަކަށެވެ.
ގަވައިދުގައިވާ ގޮތުން، އަލަށް އުފައްދާ މީޑިއާ ކޮމިޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 10 ދުވަހުގެ މުއްދަތެއް ދޭންޖެހެއެވެ. އެ މުއްދަތުގައި ކުރިމަތިލާ ފަރާތްތަކުން އިންތިޚާބުގައި ވާދަކުރަން ޝަރުތު ހަމަވާކަން ނުވަތަ ނޫންކަން އެ ފަރާތްތަކުން ކުރިމަތިލާތާ ދެ ދުވަހުގެ ތެރޭ އަންގަންވާނެއެވެ.
އަދި އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުގެ ނަންތައް އާންމުކޮށް އަންގައި އިއުލާންކުރާ ދުވަހުން ފެށިގެން މަދުވެގެން ދެ ދުވަހުގެ ތެރޭ އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށް، ގަވައިދުގައި ބަޔާންކޮށްފައިވެއެވެ.