ރާއްޖޭގެ ގައުމީ އެއާލައިން, މޯލްޑިވިއަންއަށް އެންމެ ޑިމާންޑް ބޮޑު, ރާއްޖެ- ޓްރިވެންޑްރަމް ދަތުރުތައް, އިންޑިއާގެ ބަޖެޓް އެއާލައިނެއް ކަމަށްވާ އިންޑިގޯއިން ފަށަން ނިންމައިފިއެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުން އަންނަ މަހުގެ 26 އިން ފެށިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި, ޓްރިވެންޑްރަމާ ދޭތެރޭ އިންޑިގޯއިން ކޮންމެ ދުވަހަކު ވެސް ދަތުރުތައް ބާއްވާނެއެވެ.
އާއްމުކޮށް ދިވެހީން ބޭސްފަރުވާއަށް ގޮސް އުޅޭ, ކެރެލާ ސްޓޭޓްގެ ވެރިރަށް، ޓްރިވެންޑްރަމާއި ރާއްޖެއާ ދޭތެރޭ ޑައިރެކްޓް ފްލައިޓްތައް މިހާރު ބާއްވަމުން އަންނަނީ މޯލްޑިވިއަންއިން އެކަންޏެވެ. އެ އެއާލައިނުން އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއާއި ޓްރިވެންޑްރަމްއާ ދޭތެރޭ ދަތުރުތައް ކުރަމުންނެވެ.

ވަރަށް ޑިމާންޑް ބޮޑު އެ ދަތުރުތައް މޯލްޑިވިއަންއިން އެކަނި ކުރާތީ އެއީ މާލީ ހާލަތު ދަށްކޮށް އޮތް އެ ކުންފުންޏަށް އެންމެ ފައިދާވާ އެއް މާކެޓެވެ. ރާއްޖެއިން ޓްރިވެންޑްރަމަށް ކުރާ ދަތުރުގެ ދެކޮޅު ޓިކެޓް ވިއްކަމުން އަންނަނީ 5000 ރުފިޔާއަށް ވުރެ ވެސް ބޮޑުކޮށެވެ.
އިންޑިއާގެ އެންމެ ބޮޑު އެއާލައިން އިންޑިގޯއަކީ ބަޖެޓް އެއާލައިނަކަށް ވާއިރު އާއްމުކޮށް އެ އެއާލައިންގެ ޓިކެޓްތައް ހެޔޮ ވާނެއެވެ. ނަމަވެސް ރާއްޖެއާއި ޓްރިވެންޑްރަމާ ދޭތެރޭ ކުރާ ދަތުރުތަކުގެ އަގުތައް އަދި އެ ކުންފުނިން ހާމައެއް ނުކުރެއެވެ.
އިންޑިގޯ މެދުވެރިކޮށް މިހާރު ވެސް ރާއްޖޭން, އިންޑިއާގެ ބެންގަލޫރާއި, ކޮޗިންގެ އިތުރުން މުމްބާއީއަށް ވެސް ދެވެއެވެ.
އިންޑިގޯއިން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ބޭނުން ކުރަން އިއްޔެ ވަނީ ފަށައިފައެވެ.