ޔަމަނުން ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ 50 މީހުން ޒަޚަމްވެއްޖެ

ޙޫޘީންގެ ޑްރޯން ހަމަލާއެއް އިސްރާއީލަށް އަރާފައި

އީލާތު (25 ސެޕްޓެމްބަރު 2025) : ޔަމަންގެ ހޫޘީން އިސްރާއީލުގެ އީލާތަށް އަނެއްކާވެސް ޑްރޯން ހަމަލާއެއްދީ އިސްރާއީލުގެ 50 މީހަކު ޒަޚަމްކޮށްލައިފިއެވެ.

އިސްރާއީލު ބުނާގޮތުން ޔަމަނުން ފޮނުވާލި ޑްރޯން އަރާފައިވަނީ އީލާތުގެ ސަރަހައްދެއްކަމަށްވާ އުއްމުއް ރަޝްރާޝް އަށާއި ބިއުރުއްސަބްއު އަށެވެ. އިސްރާއީލުގެ އަސްކަރިއްތާ ބުނާގޮތުން ޔަމަނުގެ މިހަމަލާގައި އިސްރާއީލުގެ 50 މީހުން ޒަޚަމްވެފައިވާއިރު، އޭގެތެރޭގައި ހިމެނޭ ތިން މީހުންގެ ހާލަތުވަނީ ފުރާނައަށް ނުރައްކާވާ ހިސާބުގައެވެ. ބޮޑަށް ޒަޚަމްވި އެ ތިން މީހުންގެ ތެރެއިން އެކަކު މަރުވިކަމުގެ ޚަބަރެއް ވެސް ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އަދި ކަށަވަރެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ހޫޘީންގެ މި ޑްރޯން ވައްޓާލުމަށް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުކަމަށްވާ އަޔަންޑޯމް ނިޒާމުން ދެ ރޮކެޓް ފޮނުވާލިއެވެ. ނަމަވެސް އެ ދެރޮކެޓްވެސް ޑްރޯނަށް އަރާފައެއް ނުވެއެވެ.

ޑްރޯނުގެ ހަމަލާ އަމާޒުވި ސަރަހައްދު ވަނީ ވަރަށް ބޮޑަށް ސުންނާފަތިވެފައެވެ. ބޮޑު އަލިފާންގަޑުތަކެއް ވަނީ ފެތުރިފައެވެ. މިއީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލަށް ދިން މި ބާވަތުގެ ދެވަނަ ހަމަލާކަމަށް ޔަމަންގެ ހޫޘީ ޖަމާއަތުގެ ސަރުކާރުން ނެރުނު ބަޔާނެއް ބުނެއެވެ.

ހޫޘީން ބުނާގޮތުން މިހާރު ޔަމަނުން އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރަނީ ވައިގެ ދިފާއީ ނިޒާމުތަކުން ސަލާމަތްވާގޮތަށް އުފައްދާފައިވާ ވަރަށް އެޑްވާންސް ޑްރޯންތަކެކެވެ.

މި ހަފުތާގެ ކުރީކޮޅު ވެސް ހޫޘީން ވަނީ އިސްރާއީލުގެ އީލާތު ސިޓީގެ ހޮޓަލަކަށް ޑްރޯން ހަމަލާއެއްދީ އިސްރާއީލުގެ 22 މީހަކު ޒަޚަމްކޮށްލާފައެވެ. މި 22 މީހުންގެ ތެރެއިން އެކެއްގެ ހާލަތު އަދިވެސް ވަރަށް ސީރިޔަސްއެވެ. އެ މީހުން ޒަޚަމްކޮށްލަން ހަމަލާދިން ޑްރޯން ވައްޓާލުމުގައިވެސް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް ވަނީ ނާކާމިޔާބުވެފައެވެ. އެ ޑްރޯން އަމާޒުވި އީލާތުގެ ހޮޓާ ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ހޫޘީން މިފަހަކަށް އައިސް އިސްރާއީލަށް ދޭ ޑްރޯން ހަމަލާތައް ހުއްޓުވައި ޑްރޯންތައް ވައްޓާލުމުގައި އިސްރާއީލުގެ ދިފާއީ ނިޒާމުތައް ތަކުރާރުކޮށް ނާކާމިޔާބުވަމުންދާތީ އިސްރާއީލުގެ ވެރިންނާއި އާންމުންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ. އަދި އިސްރާއީލުގެ ޑިޓަރެންސް ގެއްލިފައިވާ ކަމުގެ އިހުސާސް އިސްރާއީލުގެ އާންމުންނަށާއި މުޅި އަސްކަރިއްޔާއަށް ވެސް ވަނީ ކުރެވެން ފަށާފައެވެ.

އަލްޖަޒީރާގެ އަސްކަރީ މުހައްލިލު ފާއިޒުއްދުވައިރީ ވިދާޅުވާގޮތުގައި ހޫޘީން އިސްރާއީލަށް ހަމަލާދޭން މިހާރު ބޭނުންކުރަނީ ރާޑަރަށް ނާރާ ޓެކްނޮލޮޖީއެއްގެ ޑްރޯންތަކެކެވެ. މިއީ ވަރަށް މަދު ގައުމަކަށް ލިބިފައިވާ ނާދިރު ޓެކްނޮލޮޖީ އެއްކަން އޭނާ ފާހަގަ ކުރައްވައެވެ.

ހޫޘީންގެ ޑްރޯންތައް އިސްރާއީލުގެ ވައިގެ ސަރަހައްދަށް ވަންނަނީ ގާތްގަނޑަކަށް ދެހާސް ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކޮށްފައެވެ.

comment ކޮމެންޓް