އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް އަންގަން ފަށައިފި

ދިވެހި ހައްޖުވެރިންތަކެއް: އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް ވަނީ އެކަން އަންގަން ފަށާފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އަންނަ އަހަރު ހައްޖުގެ އަޅުކަމަށް ދެވޭ މީހުންނަށް ހައްޖު ކޯޕަރޭޝަނުން އެކަން އަންގަން ފަށައިފިއެވެ.

ހައްޖަށް ދާން ފައިސާ ދައްކައިގެން ގިނަ އަދަދެއްގެ މީހުން ކިޔޫގައި ތިބެއެވެ. އޭގެތެރޭގައި އުމުރުން ވަރަށް ދުވަސްވީ މީހުން ވެސް ހިމެނެއެވެ.

ހައްޖު ކޯޕަރޭޝަންގެ މޭނޭޖިން ޑިރެކްޓަރު، މުހައްމަދު ޝަކީލް 'ސަން'އަށް ވިދާޅުވީ، އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް އެކަން އެންގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

ދިވެހި ހައްޖުވެރިއަކު އެއާޕޯޓުގައި: އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް ވަނީ އަންގަން ފަށާފައި-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރެކޭ އެއްގޮތަށް އިސްލާމިކް މިނިސްޓްރީއާއި ސައުދީގެ ހައްޖު މިނިސްޓްރީއާ ގުޅިގެން ހައްޖުގެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޝަކީލް ވިދާޅުވިއެވެ. އެކަމަކު، އިތުރު ތަފްސީލެއް ނުދެއްވައެވެ.

ހައްޖު ކޯޕަރޭޝަނުން އަންނަނީ އަންނަ އަހަރު ހައްޖަށް ދެވޭ މީހުން މެޑިކަލް ހުށަހެޅުމަށް އަންގަމުންނެވެ.

އަންނަ އަހަރުގެ ހައްޖު ދުވަހަކީ މޭ މަހުގެ 25 ވަނަ ދުވަހެވެ.

ފާހަގަކުރެވޭ ގޮތުގައި، މި އަހަރު ހައްޖަށް ދިޔަ މީހުންނަށް ވަނީ ބޮޑެތި ލުއިތަކެއް ލިބިގެން ގޮސްފައެވެ. މައްކާ ރޫޓު އިނިޝިއޭޓިވްގައި ރާއްޖެ ހިމެނި، ޖިއްދާގެ އެއާޕޯޓްގެ އިމިގްރޭޝަންގައި ހައްޖުވެރިން މަޑުކުރަން ނުޖެހި ހޮޓަލަށް ދެވުމަށް ފަސޭހަވިއެވެ.

https://sun.mv/206558

އެހެންވެ، އަވަހަށް ހޮޓަލަށް ގޮސް ތައްޔާރުވެލައިގެން އުމްރާގެ އަޅުކަމަށް ދިއުމަށް އެހެން އަހަރުތަކަށް ވުރެން މި އަހަރު ފަސޭހަވިއެވެ. އަދި، ދިވެހިން ޙައްޖަށްގޮސް ތިބޭއިރު ޑޮކްޓަރަށް ދެއްކުމަށްފަހު ނަގާ ބޭސް ހިލޭ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނެވެ. މިނާ އަދި ޢަރަފާތުގައި ދިވެހި ޙައްޖުވެރިން ތިބޭ ފޭލިގެތަކުގެ ފެންވަރުވެސް ވަނީ މި އަހަރު މަތިކޮށްފައެވެ.

މިއަހަރު ދިޔަ ދިވެހި ޙައްޖުވެރިން މިނާގައި: އަންނަ އަހަރު ހައްޖަށް ދެވޭ މީހުންނަށް ވަނީ އަންގަން ފަށާފައި -- ފޮޓޯ/ ޙައްޖު މިޝަން

ސައުދީ ސަރުކާރުން ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލިމީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ހައްޖަށް ދެވެއެވެ.

ހައްޖަށްދާ މީހުންނަށް ފުރުސަތު ދިނުމުގައި ސަރުކާރުން ނުފޫޒުފޯރުވާ ކަމުގެ ޝަކުވާ ކުރެއެވެ. އެކަމަށް މިފަހުން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ރައްދުދެއްވާފައެވެ. މިނިސްޓަރު މިދިޔަ މަހު 12ގައި ވިދާޅުވީ، ސައޫދީ ސަރުކާރުން ރާއްޖެއަށް ދޫކުރާ 1،000 މީހުންގެ ހައްޖު ކޯޓާގެ ތެރެއިން ސަރުކާރުން ރިޒާވްކުރާ ކޯޓާގެ އަދަދު ދަށްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

https://sun.mv/209845

އިންސާފުވެރިކަމާއެކު، ކޯޓާތައް ތަރުތީބުކުރުމަށް ޓަކައި އަލަށް ހައްޖުވާ މީހުންނަށް އިސްކަންދިނުމާއި ކޮންމެ ފަސް އަހަރަކުން ނޫނީ ތަކުރާރުކޮށް ހައްޖަށް ނުދެވޭ ގޮތް ހެދުމާއި، 65 އަހަރުންމަތީ މީހުންނަށް ހައްޖު ކޯޓާއިން ވަކި ޕަސެންޓެއް ކަނޑައެޅުން ފަދަ ބަދަލުތައް މި އަހަރުގެ ހައްޖު މޫސުމުގައި ތަންފީޒުކުރާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް