"ޔަމާލަށް ބެލަންޑިއޯ ނުލިބުނީ އުމުރު ހަމަނުވާތީ"

ބެލޮންޑިއޯ އެވޯޑު ހަފުލާގައި ލަމީން ޔަމާލް --

ފްރާންސްގެ މަޖައްލާއަކުން ދޭ ބެލޮންޑިއޯ އެވޯޑު މިފަހަރު ހޯދީ އުމުރުން 28 އަހަރުގެ އުސްމާން ޑެމްބެލޭއެވެ. އެއާއެކު ގިނަބަޔަކު އުފެއްދި އެންމެ ބޮޑު ސުވާލަކީ މި އެވޯޑު އުމުރުން އަދި ކިރިޔާ 18 އަހަރުވި ލަމީން ޔަމާލަށް ނުދިނީ ކީއްވެތޯއެވެ.

ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް ވަނީ މިކަމާގުޅޭ ގޮތުން މީޑިއާގައި ވާހަކަދައްކާފައެވެ. އޭނާ ދެކޭގޮތުގައި ބާސެލޯނާގެ ފޯވާޑް ލަމީން ޔަމާލް ކިތަންމެ މޮޅަސް، ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް އޭނާއަށް ނުލިބުނީ އުމުރުން މާ ހަގުވުމުންނެވެ.

މީގެކުރިން ލިއޮނަލް މެސީއާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ބެލޮންޑޯ ލިބޭއިރުވެސް އެ ވާހަކަ އެންމެ ބޮޑަށް ދައްކާ އެކަކަކީ ޓެބާސްއެވެ. މިފަހަރު ޔަމާލަށް އެވޯޑު ނުލިބުމުން މީޑިއާތަކުން އެންމެ ފުރަތަމަ ނަޒަރު ހުއްޓުނު އެކަކަކީ ޓެބާސްއެވެ. ނުވަތަ އޭނާގެ ބަހަކަށެވެ.

ސްޕެނިޝް ލީގުގެ ރައީސް ހާވިއޭ ޓެބާސް

ޓެބާސް ބުނީ ޔަމާލަށް 23 އަހަރުވެފައިވާނަމަ މި އެވޯޑު އޭނާއަށް ލިބޭނެކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ. އަދި ކައިރި މުސްތަގްބަލެއްގައި މި އެވޯޑު އޭނާ ހާސިލުކުރާނެކަމަށް ގަބޫލުކުރާ ކަމަށްވެސް ޓެބާސް ބުންޏެވެ.

ޔަމާލަކީ މޮޅު ކުޅުންތެރިއެއް ކަމަށާއި އުންމީދީ ކުޅުންތެރިއެއް ކަމަށް ޓެބާސް ބުންޏެވެ.

ބާސެލޯނާގެ ރައީސް ލަޕޯޓާގެ ވާހަކަތައްވެސް ހުރީ ގާތްގަނޑަކަށް މިކަހަލަ ގޮތަކަށެވެ. އޭނާ ވިދާޅުވީ އޭނާގެ ނަޒަރުގައި ބަލޮންޑޯ އެވޯޑް ޔަމާލްއަށް ނުލިބުނީ ޗެމްޕިއަންސް ލީގުގެ ތަށި ބާސެލޯނާއަށް ނުލިބުމުން ކަމަށެވެ.

ބެލޮންޑިއޯ ލިބުނު ޑެމްބެލޭ ވަނީ ފާއިތުވި ސީޒަނުގައި 53 މެޗުން 35 ލަނޑު ޖަހާފައެވެ. އަދި ފްރާންސްގެ ތިން މުބާރާތް ކާމިޔާބުކުރުމާއި ޗެމްޕިއަންސް ލީގު ހޯދުންވެސް ޑެމްބެލޭއަށް ބެލޮންޑިއޯ ލިބުނު ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ،

ޔަމާލްގެ ލަނޑުޖެހުމުގެ ރޭޓު ދަށެވެ. އެގޮތުން 55 މެޗުން އޭނާ ވަނީ 18 ލަނޑު ޖަހައި، ތިން ތަށި ހޯދައި، ސްޕެއިންގެ ތިން ތަށި ހޯދާފައެވެ. ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓީ ސެމީ ފައިނަލުންނެވެ.

comment ކޮމެންޓް