ޓީސީ ބަލިކޮށް މާޒިޔާއަށް ލީގުގެ ދެވަނަ މޮޅު

ޓީސީއާ މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން-- ފޮޓޯ: އަދަދު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކުލަބު އަތުން ހޯދި މޮޅާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މޮޅުވުމުގެ ރިކޯޑު ދަމަހައްޓައިފި އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ. މިއީ މި ލީގުގައި ޓީސީގެ ދެވަނަ ބައްޔެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް އަތުން ބޮޑު ތަފާތަކުން ބަލިވެފައެވެ.

އަނެއްކޮޅުން މިއީ މާޒިޔާގެ ދެވަނަ މޮޅެވެ. އެ ޓީމު ވަނީ ފުރަތަމަ މެޗުގައި ކުލަބު އީގަލްސް އަތްދަށުކޮށްފައެވެ.

ޓީސީ އަތުން ހޯދި މޮޅާއެކު މާޒިޔާ ވަނީ ޖުމްލަ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ޖެހިލާފައެވެ. އަދި ލީގުގައި ކުރިއަށްދިއުމުގެ އިތުބާރު ބޮޑުކޮށްފައެވެ.

މާޒިޔާއިން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުގެ ބިދޭސީ ފޯވާޑް ސާޖިޔޯ މެންޑީ ފޮނުވާލި ބޯޅަ ދަނޑިއަށް އަމާޒުވިއެވެ.

މާޒިޔާއިން މެޗުގެ ފުރަތަމަ ލަނޑު ޖެހީ އަށްވަނަ މިނިޓުގައެވެ. މިއީ އޭރިޔާ ބޭރުން ހަމްޒާ ނަގައިދިން ބޯޅައެއް ސާޖިއޯ ބޮލުން ގޯލުތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވެފައި ވަނިކޮށް ނާއިޒް ހަސަން (ދާދު) އޭރިއާތެރެއަށް ވަދެ ހަމްޒާ ހުރަސްކޮށްލުމުން ގޯލު އޭރިޔާ ބޭރުގައި ހުރެފައި ހަސަން ނަޒީމް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާ އެޓޭކުތައް އުފައްދަން މަސައްކަތް ކުރި ނަމަވެސް ގޯލާ އަމާޒުކޮށް ފޮނުވާލެވުނު ހަމަލާތައް މަދެވެ. މެޗުގެ 70 ވަނަ މިނިޓުގައި އޭރިއާ ބޭރުގައި ހުސްކޮށް ހުރެ ހަމްޒާ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މާޒިޔާގެ ތިންވަނަ ލަނޑަކީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނުކުތް ނައްސާހު އިބްރާހީމް ނާސިރު ދިން ބޯޅައަކުން މުޙައްމަދު އިލާން އިމްރާން ކާމިޔާބުކުރި ލަނޑެކެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އަންނަ އަންގާރަ ދުވަހު މާޒިޔާ ނުކުންނާނީ ބުރު ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.

comment ކޮމެންޓް