ކޮރަޕްޝަންގެ ތުހުމަތުގައި ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކޯޓަށް ހާޒިރުކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ. ފޮޓޯ/އޭއެފްޕީ

ރިޝްވަތާއި ސްޓޮކް މެނިޕިއުލޭޝަންގެ މައްސަލައިގައި ހިންގާ ކޮރަޕްޝަންގެ ޝަރީއަތެއްގެ ފުރަތަމަ އަޑުއެހުމަށް ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ކޯޓަށް ހާޒިރުކޮށްފިއެވެ.

އުމުރުން 53 އަހަރުގެ ކިމް، އިއްޔެ ކޯޓަށް ހާޒިރު ކުރީ މިދިޔަ އޮގަސްޓް މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.

ދެކުނު ކޮރެއާގެ ވެރިކަމުން ދުރުކުރި ކުރީގެ ރައީސް ޔޫން ސުކް ޔޮލްގެ ފުރަތަމަ އަނބިކަނބަލުން ކިމްއާ ދެކޮޅަށް ދައުވާ ކުރީ ކެޕިޓަލް މާކެޓްސްގެ ގާނޫނާއި ސިޔާސީ ފަންޑުގެ ގާނޫނާއި ރިޝްވަތު ބަލައިގަތުމާ ބެހޭ ގާނޫނާ ހިލާފުވި ކަމަށް ތުހުމަތު ކުރިވެގެންނެވެ.

ކިމްގެ މައްޗަށް ދައުވާކޮށްފައި ވަނީ ރިޝްވަތާއި ސްޓޮކް މެނިޕިއުލޭޝަންގެ މައްސަލައިގައި. ފޮޓޯ/އޭއެފްޕީ

ކެޕިޓަލް މާކެޓްސް ގާނޫނުގެ ދަށުން ކިމްގެ މައްޗަށް ކުރި ދައުވާ ގުޅިފައިވަނީ ބީއެމްޑަބްލިއު ޑީލަރެއް ކަމަށްވާ ޑޮއިޗް މޮޓޯސްގެ ކުރީގެ ވެރިޔާ އާއެކު އެ ކުންފުނީގެ ސްޓޮކްގެ އަގުތައް މެނިޕުއަލްކޮށް 2010 އާއި 2012 އާ ދެމެދު، ދެ އަހަރު ތެރޭގައި 810 މިލިއަން ވޮން (581،000 ޑޮލަރު) ފައިދާ ހޯދި މައްސަލައެއްގައެވެ.

ކޮރަޕްޝަނާ ގުޅުން ހުރި ކިމްގެ އެންމެ ފަހުގެ ދައުވާ ގުޅިފައިވަނީ 2022 ވަނަ އަހަރު ޔުނިފިކޭޝަން ޗާޗުން ގަތް ލަގްޒަރީ ދަބަހާއި ގަހަނާ ތަކަކާއެވެ.

މީގެ އިތުރުން މިިދިޔަ އަހަރު ޑިސެމްބަރު މަހު ދެކުނު ކުރެއާގައި އަސްކަރީ ގާނޫނު ތަންފީޒު ކުރުމާ ގުޅިގެން ހުށަހެޅި މައްސަލައިގައި ޔޫންގެ ޝަރީއަތް ވެސް ދަނީ ކުރިއަށެވެ.

comment ކޮމެންޓް