ދައުލަތުން މީޑިއާތަކަށް ދޭ މާލީ އެހީއަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

މިނިސްޓަރު އަސްވާޑު ނޫސްވެރިންނާ ބައްދަލުކުރަނީ: ވިދާޅުވީ، މީޑިއާ ބިލު ހުށަހެޅިއިރު ހުރީ ކޮންޓްރޯލް ކުރުމުގެ ސިފަތަކެއް ކަމަށާއި އެސިފަތައް މިހާރު ބިލުން ކަނޑުވައިފި ކަމަށް ---- ސަން ފޮޓޯ/ މާނިއު މުހައްމަދު

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، މިދިޔަ މަހުގެ 19 ވަނަ ދުވަހު ވަނީ އެކަމާ ބެހޭ އުސޫލެއް އާންމުކޮށްފައެވެ. އެ އުސޫލުގައި ވަނީ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓު އަމިއްލަ މީޑިއާތަކަށް ދޭނެ ކަމަށެވެ.

އެ އުސޫލާ ގުޅުވައި، މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް އިންފޮމޭޝަން އެންޑް އާޓްސްއިން މިދިޔަ މަހުގެ 27ގައި ނެރުނު އިއުލާނެއްގައި ވަނީ، ރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓް ލައިސަންސް ލިބިފައިވާ އަމިއްލަ ބްރޯޑްކާސްޓަރުންނަށް، ދައުލަތުގެ ބަޖެޓުން ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު މާދަމާއިން ފެށިގެން ހުޅުވާލާ ކަމަށެވެ.

އެ އިއުލާނުގައި ވާގޮތުން އެހީތެރިކަމަށް އެދި ހުށަހެޅުމަށްޓަކައި 30 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ. އެއީ އެ ދުވަހުން ފެށިގެން މި މަހުގެ 27ގެ ނިޔަލަށެވެ.

މިއަދު އިންފޮމޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައިވަނީ އެ މުއްދަތު އިތުރުކޮށްފައެވެ. އެގޮތުން އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ 14:00ގެ ނިޔަލަށް، މާލީ އެހީތެރިކަމަށް އެދެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

https://www.sun.mv/210514

މިނިސްޓްރީން ބުނީ، މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އިންތިޒާމުތައް ހަމަޖައްސާފައި ވަނީ، އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމަށްޓަކައި ބޭނުން ކުރާނީ ވަންގަވްގެ ތެރޭގައި ގާއިމު ކޮށްފައިވާ 'މީޑިއާއެޕް' https://mediaapp.one.gov.mv ކަމަށް ވެސް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަރުކާރުން ވަނީ، ދައުލަތުން މީޑިއާތަކަށް މާލީ އެހީ ދިނުމުގެ ބޭނުމަކީ، މީޑިއާތަަކަކީ ބާރުވެރި، މާލީ މިނިވަންކަން ލިބި، ނުފޫޒުން އެއްކިވާބެފައިވާ ޒިންމާދާރު ބަޔަކަށް ހެދުން ކަމަށް ބުނެފައެވެ.

މީގެ އިތުރުން އެހީގެ ގޮތުގައި ލިބޭ ފައިސާގެ އަދަދުތަކާއި ފައިސާގެ މުއާމަލާތްތައް ކުރިއަށް ދާގޮތްވެސް ޕޯޓަލްގެ ތެރެއިން ފެންނަން ހުންނާނެ ކަމަށް ޔޫތު މިނިސްޓްރީން ހާމަ ކުރައްވައެވެ.

މީޑިއާތަކަށް ފައިސާ ދޭއިރު، އަންހެނުންގެ އަދަދަށް ބަލާނެއިތުރަށް ވިދާޅުވުމަށް
މީޑިއާތަކަށް ފައިސާ ދިނުމަށް ޕޮއިންޓްދޭ އުސޫލެއް ކަނޑައަޅައިފައިވާއިރު އެ އުސޫލުން ބަލާ ކަންތައްތަކުގެ ތެރޭގައި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި މިންތީގެ ހަމަހަމަކަމާއި ތަޖުރިބާ ހިމެނެއެވެ.

https://www.sun.mv/211489

ސަރުކާރުން މީޑިއާތަކަށް ފައިސާ ދޫކުރަން ތައްޔާރުވަމުން އަންނައިރު، ސަރުކާރާ ގާތް ގުޅުމެއް ބާއްވަވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލެޝަން ގާނޫނު'ގެ ބިލް ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ވެރިކަން ކުރާ ޕީއެންސީގެ ސުޕަމެޖޯރިޓީން އެ ބިލް ފާސްކޮށް، ރައީސް ބިލް ތަސްދީގު ކުރެއްވީ، ނޫސްވެރިން އެ ބިލާ ދެކޮޅަށް އިހުތިޖާޖު ކުރަމުން ދަނިކޮށެވެ.

މީޑިއާތަކަކީ އަމިއްލަ ބާރުގައި 'ސެލްފް ރެގިއުލޭޓް' ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ނޫސްވެރިން ބުނަމުން އަންނައިރު، ސަރުކާރުން އެ ގާނޫނު ދިފާއުކުރަނީ އެއީ އަބުރު ރައްކާތެރިކޮށްދޭ ގާނޫނެއް ކަމަށް ބުނެއެވެ.

comment ކޮމެންޓް