މަގުން ވިއްކާފައި ހުރި ޒޯންތައް އަންނަ ހަފުތާ އެންމެނަށް ހުޅުވާލަނީ

ވިލިމާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން މާލޭގައި ހެދި ޕާކިންގް ޒޯނު -- ފޮޓޯ/ މާލޭ ސިޓީ ކައުންސިލް

ރައީސް ޑރ. މުޙައްމަދު މުއިއްޒު, މާލޭގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ މަގުމަތިން ހަތަރު ފުރޮޅުލީ އުޅަނދު ތަކަށް, ޕާކިން ޒޯންގެ ގޮތުގައި ވިއްކި ތަންތަން ހުސްކޮށް, އަންނަ ހަފުތާގެ ތެރޭގައި އެންމެނަށް ބޭނުން ކުރެވޭނެ ގޮތަށް އެތަންތަން ހުޅުވާލާނެ ކަމަށް, މޭޔަރު އާދަމް އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ޕާކު ކުރާނެ ޖާގައެއް ނެތް, ތޮއްޖެހިފައިވާ މާލޭގެ މަގުމަތިން, ޕާކިން ސްލޮޓްތައް އޭރުގެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވަނީ ޕްރައިވެޓް ކާރުތަކަށް 1،500 ރުފިޔާއަށް އަދި ޓެކްސީތަކަށް 700 ރުފިޔާއަށެވެ. މަގުތައް ވިއްކަނީ ކަމަށް ބުނުމާއި މި ކަމުގެ ފަހަތުގައި އިތުރަށް ފައިސާ ދޭ މީހުންނަށް އިސްކަން ދިނުން ފަދަ ކަންކަން އޮތް ކަމަށް ބުނެ, އޭރު ވަރަށް ފާޑުކިޔުން އަމާޒުވިއެވެ.

https://www.sun.mv/211020

މާލޭގެ ގިނަ މަގުތަކަކުން ގިނަ އަދަދެއްގެ ޕާކިން ސްލޮޓް ވިއްކާފައިވުމާ އެކު, ބަންޑާރަ މަގުތަކުގައި ހުރި އެ ޒޯންތައް ގިނަ ބަޔަކު ބޭނުންކުރަނީ އެ މީހުންނަށް އެކަނި އެތަން ބޭނުންކުރެވޭ ގޮތަށް އެކި ގޮތްގޮތަށް ބަންދުކޮށް ހަދައިގެންނެވެ. މީގެ ސަބަބުން ޕާކް ކުރާނެ ޖާގަ ހޯދަން ވެރިރަށުން އިންތިހާއަށް ދަތިވެއެވެ.

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީން, މާލޭ ސިޓީ ކައުންސިލަށް މިހާރު އަންގާފައިވަނީ ކުއްޔަށް ދޫކުރާ އުސޫލުން ޕާކިން ޒޯންތައް ދޫނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެެގޮތަށް ނުވިއްކުމަށާއި މިހާރު ވިއްކާފައިވާ ސްލޮޓްތައް ވެސް އެގޮތަށް ދޫނުކުރަން ވަނީ އަންގައިފައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި މިހާރު ހުންނެވި, މޭޔަރު އާޒިމް, މިއަދު "ސަން" އަށް ވިދާޅުވީ މި މަސް ނިމުމުގެ ކުރިން އެ ހުރިހާ ޕާކިން ޒޯނެއް, އެންމެނަށް ބޭނުން ކުރެވޭ ގޮތަށް ހުޅުވާލައްވާނެ ކަމަށެވެ.

"އަންނަ ހަފުތާގެ ތެރޭގައި އަޅުގަނޑުމެންނަށް އެކަން ކޮށް ނިންމާލެވޭނެ." އާޒިމް ވިދާޅުވިއެވެ.

"އެ ހިސާބުން ފެށިގެން ވަކި ބޭފުޅެއްގެ ޕާކިން ޒޯނެއް ނޯންނާނެ. އެންމެންނަށް ބޭނުން ކުރެވޭނެ ޒޯންތައް ހުންނާނީ. މާލޭގެ ހުރިހާ ޕާކިންއަކީ ވެސް އެންމެންނަށް ވެސް ޕާކް ކުރެވޭނެ ތަންތަނަށް ބަދަލު ވެގެން ދާނެ,"

ކުރިން ޕާކް ކުރާނެ ޖާގަ ނުލިބިގެން އުސްފަސްގަނޑު ސަރަހައްދު ވެހިކަލްތަކުން ފުރާލާފައި --- ސަން ފޮޓޯ: އިބްރާހިމް ޝަމްވީލް

މިއާއެކު ހަތަރު ފުރޮޅުލީ އުޅަނދުތަކަށް 1,000 އެއްހާ ޕާކިން ސްލޮޓް މާލޭ މަގުމަތިން ހުސްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސަރަހައްދަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކިންގެ މައްސަލައެވެ. އާންމުންގެ ޝަކުވާއަކީ މާލޭގައި ޕާކުކުރާނެ ތަންކޮޅެއް ނެތި ވެހިކަލްތައް ގިނަވެ، ތޮށްޖެހުމެވެ. ޚާއްސަކޮށް ވެހިކަލްތަކަށް ގަވާއިދުން ފީތައް ދައްކަމުން ދިޔަ ނަމަވެސް، ޕާކު ކުރާނެ ޖާގަ ނުދައްކައި, ނުގަވައިދުން ޕާކް ކުރުމުން ސްޓިކާ ޖެހުމާއި ޓޯ ކުރުން ފަދަ ކަންކަން ކުރާތީ ޝަކުވާ ބޮޑެވެ. މިއަދާ ހަމައަށް ވެސް އެ މައްސަލައަށް ހައްލެއް ނުލިބެއެވެ.

މާލޭގައި ޕާކިން މައްސަލަ އިންތިހާށް ބޮޑުވެފައިވަނީ ކެރީން ކެޕޭސިޓީއަށްވުރެ އިތުރަށް އުޅަނދު މާލޭ ތެރޭގައި ބޭނުންކުރާތީއެވެ.

މީގެ ކުރިން މާލޭގެ ބައެއް ސަރަހައްދުތަކުގައި މެކޭނިކަލް ޕާކިންތަކެއް ހުރި ނަމަވެސް އެ ބޭނުންކުރެވިފައެއް ނުވެއެވެ. އަދި، މާ ބޮޑު ހައްލެއް ވެސް ލިބިފައެއް ނުވެއެވެ.

މާލޭގައި، ސިޓީ ކައުންސިލުން މިހާރު ޕާކިން ޖާގަ ހަދަނީ ގަބުރުސްތާނުތައް ހުސްކޮށްގެނެވެ. އެގޮތުން އެންމެ ފަހުން ވަނީ މާފަންނު ސަހަރާ ހުސްކޮށް އެ ތަނުގައި ޕާކިން ޖާގައާއި ހިތްފަސޭހަ މައިޒާނެއް ހަދަން މަސައްކަތް ފަށައިފައެވެ. މީގެ އިތުރުން މޯޗަރީ ހުންނަ ގަލޮޅު ސަހަރާގެ ބައެއް ވެސް ސާފުކޮށް ޕާކިން ޖާގަ ހަދައިފައިވެއެވެ.

ނަމަވެސް، ގަބުރުސްތާނުތައް ހުސްކުރާތީ އެކަމުގެ ކަންބޮޑުވުން އާންމު ރައްޔިތުން ކުރެއެވެ. އަދި، އެ ފަދަ ކަންކަމަށް ސަހަރާތައް ހުސް ނުކުރެވޭނެ ކަމަށް ފަތުވާ މަޖިލީހުން ވެސް ވަނީ ބުނެފައެވެ.

comment ކޮމެންޓް