އިންޑިއާގެ ހިމާލަޔާން ސަރަހައްދުގެ ލަދާކްގައި މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް ގޮވާލައި ކުރަމުން އަންނަ މުޒާހަރާތަކުގައި ފަސް މީހަކު މަރުވެއްޖެއެވެ.
މީގެ އިތުރުން އެ ހަމަނުޖެހުންތަކުގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
މުޒާހަރާ ހޫނުވީ މުޒާހަރާގެ ބައިވެރިން ލަދާކްގެ މައި ސިޓީ ލެހުގައި ފުލުހުންނާ ކުރިމަތިލައި އަސްކަރީ ވެހިކަލަކާއި ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އޮފީހުގައި އަލިފާން ރޯކޮށްލުމުންނެވެ.
ސަލާމަތީ ބާރުތަކުގެ އޮފިސަރުން ވަނީ ކަރުނަ ގޭސް ޖަހައި ދަނޑިބުރި ބޭނުންކޮށްގެން އެއްވެ ތިބި މީހުން ދުރުކޮށްފައެވެ.
"މުޒާހަރާތަކަށް ފަހު ފަސް މީހަކު މަރުވި ކަމަށް ރިޕޯޓްކޮށްފައި ވަނީ. އެތައް ބަޔަކު ވަނީ ޒަޚަމްވެފައި." ނޫސްވެރިންނާ ވާހަކަ ދެއްކުމުގެ ހުއްދަ ލިބިފައި ނުވާތީ ނަން ނުޖެހުމަށް ޝަރުތުކޮށް ލެހްގެ ފުލުހަކު ބުންޏެވެ.
ކަމާބެހޭ ފަރާތްތަކުން ފަހުން ވަނީ އެއްވުންތަކަށް ހުރަސް އަޅައި، އެ ސަރަހައްދުގައި ހަތަރު މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން މަނާކޮށްފައެވެ.
އިއްޔެ ފެށި މުޒާހަރާތައް އިންތިޒާމްކޮށްފައި ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލު ކުރަމުން އަންނަތާ ދެ ހަފުތާ ވެފައިވާ މަޝްހޫރު އެކްޓިވިސްޓް ސޯނަމް ވަންގްޗުކްގެ ތާއީދާއެކުގައެވެ.
އޭނާ ޑިމާންޑް ކުރަނީ ލަދާކްއަށް ފުރިހަމަ މިނިވަން ދައުލަތެއް ނުވަތަ ގަބީލާ ޖަމާއަތްތަކާއި ދުސްތޫރީ ހިމާޔަތްތަކެއް ހޯދައިދިނުމަށެވެ.
"އިޖުތިމާއީ ހަމަނުޖެހުން އުފެދެނީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ނުދީ ޑިމޮކްރެޓިކް ހައްގުތަކުން މަހުރޫމް ކުރުމުން." ސޯޝަލް މީޑިއާގައި އާންމުކުރި ބަޔާނެއްގައި ވަންގްޗުކް ބުންޏެވެ.
ލަދާކްގެ ޗައިނާއާއި އިންޑިއާގެ ބޯޑަރު ހިއްސާވާ ސަރަހައްދުގައި އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރިވެއެވެ.
އެ ދެ ގައުމުގެ ސިފައިންގެ މެދުގައި 2020 ވަނަ އަހަރު އެތަނުގައި ހިނގި ހަމަނުޖެހުންތަކުގައި އިންޑިއާގެ 20 ސިފައިންނާއި ޗައިނާގެ ހަތަރު ސިފައިން ވަނީ މަރުވެފައެވެ.

މުޒާހަރާ ތެރެއިން ރޯކޮށްލި ފުލުހުންގެ ވެހިކަލް އަނދަނީ. ފޮޓޯ/އޭޕީ
ބޮޑުވަޒީރު ނަރެންދްރާ މޯދީގެ ސަރުކާރުން, އިންޑިއާގެ ގަވާއިދާ ހިލާފަށް ހިފާފައިވާ ޖަމް ކަޝްމީރާއި ލަދާކް ވަކިކުރީ 2019 ވަނަ އަހަރުއެވެ. އަދި "ޔޫނިއަން ޓެރިޓަރީ" އެއްގެ ގޮތުގައި ގިންތިކުރިއެވެ. މާނައަކީ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރި ނަމަވެސް، އެ ސަރަހައްދަކީ ސީދާ ނިއުދިއްލީން ވެރިކަން ކުރާ ތަނެކެވެ.
އާބާދީ މަދު، ހަނަފަސްކޮށް އޮންނަ އެ ސަރަހައްދުގައި ގާތްގަނޑަކަށް 300،000 މީހުން ދިރިއުޅެއެވެ. މި ސަރަހައްދު އޮންނަނީ ޗައިނާ އާއި ޕާކިސްތާނު ބޯޑަރުވެސް ހިއްސާވާ ގޮތަށެވެ.
ލަދާކްގެ ރައްޔިތުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ މުސްލިމުންނެވެ. ގާތްގަނޑަކަށް 40 ޕަސަންޓް މީހުންނަކީ ބުޑިސްޓުންނެވެ.
ލަދާކްގެ އިތުރުން ޖަމް އާއި ކަޝްމީރުން ވެސް އަންނަނީ މިނިވަން ދައުލަތެއް ގާއިމުކޮށްދިނުމަށް ގޮވާލަމުންނެވެ.
ކަޝްމީރުގެ މައްސަލައަކީ 1948ވަނަ އަހަރު އިންޑިޔާއާއި ޕާކިސްތާނު އުފެދުނީއްސުރެ ޙައްލުނުވެ އޮތް މައްސަލައެކެވެ. އިންޑިޔާއާއި ޕާކިސްތާނުން ދައުވާކުރާ ގޮތުގައި ކަޝްމީރަކީ އެ ދެ ގައުމުގެ ސަރަހައްދެކެވެ. މިހާތަނަށް އިންޑިޔާއާއި ޕާކިސްތާނުން ކުރި ތިން ހަނގުރާމައިގެ ތެރެއިން ދެ ހަނގުރާމަކޮށްފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ.