މާލޭ މަސް މާރުކޭޓު ހަދަން އެއްވެސް ލިޔެކިޔުމެއް ނެތި ދެވަނަ ފަހަރަށް، ބޮޑު އަގުގައި ބަޔަކާ ހަވާލުކޮށްފައި އޮތް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވުމާއެކު، އެ ކަން ބަލަން ކައުންސިލުގެ ލީގަލް ސެކްޝަންގެ ވެރިޔާ އަލީ ނަސީރު ގާސިމް, ކައުންސިލުގެ ޖަލްސާއަށް ހާޒިރުކުރަން އެދުނު ތިން ވަނަ ޖަލްސާ ވެސް ކޯރަމް ހަމަނުވާތީ ކެންސަލްވެއްޖެއެވެ.
ރައީސް މުއިއްޒުގެ މޭޔަރުކަމުގެ ދުވަސްވަރު މާލޭގެ މަސްމާރުކޭޓު ތަރައްގީކުރުމުގެ މަޝްރޫއު އޮތީ ކޮމިޝަންކޮށް, ކައުންސިލުން ބިޑަށް އިއުލާނުކޮށް، އިވެލުއޭޓުކޮށް، ވަކި ބަޔަކާ މަސައްކަތް ހަވާލުކޮށްފައެވެ. އެގޮތުން އޭރު އޮތީ 6.1 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ނަމަވެސް ނޮވެމްބަރު 17، 2023ގައި މޭޔަރުކަމުގެ ގޮނޑި ހުސްވެ، އެ މަގާމާ އާޒިމް ހަވާލުވެވަޑައިގަތުމުގެ ކުރިން، އެ ދެމެދުގައި އެ އެއްބަސްވުން އުވާލައި، މުޅިން އެހެން ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އަދި 3.5 މިލިއަން ޑޮލަރު އިތުރުކޮށް، އެ މަސައްކަތް 9.5 މިލިއަން ޑޮލަރަށް އަގު ބޮޑުކޮށް އެ އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ނަސީރެވެ.
އައު އެއްބަސްވުމެއްގައި ސޮއިކުރަން ޖެހުނު ގޮތާއި، އަގަށް 3.5 މިލިއަން ޑޮލަރު އިތުރުކުރަން ޖެހުނު ގޮތް، ތަކުރާރުކޮށް އެދުނު ނަމަވެސް ނަސީރު އޮޅުންފިލުވައިދީފައި ނެތްކަން މިދިޔަ މަހުގެ 20 ވަނަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައި މޭޔަރު ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ ކައުންސިލް މެމްބަރު މުހައްމަދު ސައިފް ފާތިހު ވަނީ މި މައްސަލަ ބަލަން ތިން ފަހަރެއްގެ މަތިން ކައުންސިލްގެ ޖަލްސާއަށް ހުށަހަޅައިފައެވެ. އެންމެ ފުރަތަމަ އެ މައްސަލަ އެޖެންޑާ ކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހަށެވެ. އެއަށް ފަހު މި މަހުގެ ތިން ވަނަ ދުވަހު އޮތް ކައުންސިލް ޖަލްސާއަށެވެ. އެ ދެ ޖަލްސާ ވެސް ކޯރަމް ހަމަ ނުވެގެން ބޭއްވިފައި ނުވާތީ، ޑިމޮކްރެޓްސްގެ މެންބަރު ސައިފް ވަނީ މިއަދު ބާއްވަން އިއުލާން ކުރި ޖަލްސާއަށް އަނެއްކާ ވެސް އެ މައްސަލަ އެޖެންޑާ ކޮށްފައެވެ.
ނަމަވެސް ވެރިކަން ކުރާ ޕީއެންސީގެ ފުލް މެޖޯރިޓީ އޮތް އެ ކައުންސިލްގެ މިއަދުގެ ޖަލްސާގެ ކޯރަމް ވެސް ހަމައެއް ނުވިއެވެ. އެހެންވެ ޖަލްސާ ވަނީ ނުބޭއްވިފައެވެ.
މި މައްސަލަ އެޖެންޑާ ނުކުރާ ދެ ޖަލްސާއެއް، ކޯރަމް ހަމަވެގެން މި ފަހުން ވަނީ ބާއްވައިފައެވެ.
"ސަން" އާ ވާހަކަ ދައްކަވަމުން ސައިފް ތުހުމަތު ކުރެއްވި ގޮތުގައި މި މައްސަލަ އެޖެންޑާ ކުރުމުން ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ އެ ޕާޓީގެ ކައުންސިލަރުންނަށް މިއަދުގެ ޖަލްސާއަށް ނުދިއުމަށް ރޭ އަންގައިފައެވެ.
ކޯރަމް ހަމަނުވިއިރު މޭޔަރު އާދަމް އާޒިމް އުޅުއްވަނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖޭން ބޭރުގައެވެ.
މިދިޔަ މަހު ސައިފް ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅުއްވައިފައެވެ.
އައު އެއްބަސްވުން ހެދި މުއްދަތުގައި ކައުންސިލްގެ މޭޔަރުކަމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މާލެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މީގެ ކުރިން 'ސަން'އަށް ވިދާޅުވީ، ކައުންސިލުގެ ބިޑު ކޮމިޓީން ނިންމާ އަގަކަށް އެއްބަސްވުން ހެދުމަށް ފަހު، ދެވަނަ ފަހަރަށް ވެސް އެކަން ކުރެވޭނީ އެ ކޮމިޓީން ނިންމައިގެން ކަމަށެވެ. އެގޮތަށް އެކަން ނުކޮށް އޮތް ނަމަ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)އަށް އެއްބަސްވުމުގައި ސޮއިނުކުރެވޭނެ ކަމަށް ނަރީޝް ވިދާޅުވިއެވެ.
މީގެ އިތުރަށް، ކައުންސިލްގެ އެއްބަސްވުމެއްގައި ހަމަވާން ޖެހޭ ހުރިހާ ލިޔުމެއް ހަމަނުވަނީސް އެ ކައުންސިލް ބޭފުޅަކު އޭގައި ސޮއިނުކުރާނެ ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ މިހާތަނަށް އެކަން ކުރަމުން އައި ގޮތްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެހެންވެ، މާރުކޭޓު ދެވަނަ ފަހަރަށް ދޫކޮށްފައި އޮތީ ލިޔުންތައް ނެތި ކަމަށް ވިދާޅުވެ، އާޒިމް ދައްކަވަނީ 'ބުއްދި ހަމަޖެހޭ' ވާހަކައެއް ނޫން ކަމަށް ނަރީޝް ވިދާޅުވިއެވެ. އެއީ، އެ ކައުންސިލްގެ އެއްވެސް ބޭފުޅަކު ލިޔުންތައް ހަމަނުވެ، އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ގަބޫލުނުކުރައްވާތީ ކަަމަށް ނަރީޝް ވިދާޅުވިއެވެ.