ދިވެހީންނަށް ވިސާނެތި، އަޒަރުބައިޖާނަށް ދެވޭ ގޮތް ހަދައިފި

ފޮރިން މިނިސްޓަރު ޚަލީލާއި އަޒަރުބައިޖާން ފޮރިން މިނިސްޓަރު: މިއަދު ވަނީ، ދިވެހީންނަށް ވިސާނެތި އެގައުމަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

ދިވެހީންނަށް ވިސާނެތި، އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތަށް، ދިވެހި ސަރުކާރާއި އެ ގައުމުގެ ސަރުކާރާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ޚަލީލެވެ. އަދި، އަޒަރުބައިޒާން ސަރުކާރުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، މިއީ ރާއްޖެއާއި އަޒަރުބައިޖާނާ ދެމެދު ދަތުރުކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސޮއިކުރި އެއްބަސްވުމެއް ކަމަށެވެ.

ފޮރިން މިނިސްޓަރު ޚަލީލާއި އަޒަރުބައިޖާން ފޮރިން މިނިސްޓަރު: މިއަދު ވަނީ، ދިވެހީންނަށް ވިސާނެތި އެގައުމަށް ދަތުރުކުރެވޭ ގޮތަށް އެއްބަސްވުމެއްގައި ސޮއިކޮށްފައި ---- ފޮޓޯ/ ފޮރިން މިނިސްޓްރީ

އެގޮތުން، މި އެއްބަސްވުމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ވިސާ އާނުލައި އަޒަރުބައިޖާނަށް އެތެރެވުމާއި، ޓްރާންޒިޓްވުން އަދި 90 ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ހުރުމުގެ ހުއްދަ ލިބޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު ވަނީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުފަތުރު ކުރެވޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

https://sun.mv/199141

އަޒަރުބައިޖާން އެއާލައިނުގެ ސީދާ ދަތުރުތައް މިދިޔަ ނޮވެމްބަރު މަހު ވަނީ ރާއްޖެއަށް ފަށައިފައެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ކުރެއެވެ.

އަޒަރުބައިޖާނުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ މި ދަތުރުގެ ދިގުމިނަކީ ގާތްގަނޑަކަށް ހަ ގަޑިއިރެވެ. މި ދަތުރުތަކުގައި އެ އެއާލައިނުން ބޭނުންކުރާނީ ބޮއިން 787 ޑްރީމްލައިނާ އެއާކްރާފްޓެވެ.

މީގެކުރިން އެ މިނިސްޓްރީން ބުނީ، މިހާރު ރާއްޖެއިން 94 ގައުމަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ކަމަށެވެ. ވިސާނެތި ދަތުރު ކުރެވޭ ގައުމުތައް އިތުރުވުމަކީ ޕާސްޕޯޓް ވަރުގަދަ ވާ ކަމެކެވެ.

comment ކޮމެންޓް