އެޕަލްގެ ސީއީއޯ ޓިމް ކުކް މި ހަފުތާގައި ޖަޕާނަށް ވަޑައިގެންފިއެވެ.
އޭނާގެ މިދަތުރުފުޅަކީ، ޓޯކިޔޯގައި ހުންނަ އެޕަލް ގިންޒާ ފިހާރަ އަލުން ހުޅުވުން ފާހަގަކުރުމަށް ހުކުރު ދުވަހު ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
މި ދަތުރުފުޅުގައި ކުކް ވަނީ ޖަޕާނުގެ މަޝްހޫރު ބޯއި ބޭންޑް ނަންބަރު_އައި އާ ބައްދަލުކުރައްވައި، ޕޮކެމޯން ކެރެކްޓަރު ޕިކާޗޫއާ ބައްދަލުކުރައްވާފައެވެ.
ޕިކާޗޫ އަކީ ޕޮކެމޯން ފްރެންޗައިޒްގެ އެންމެ މަޝްހޫރު އެއް ކެރެކްޓަރެވެ. ޕޮކެމޯން އަކީ ވީޑިއޯ ގޭމްތަކާއި، ކާޓޫނު ސިލްސިލާތަކާއި، ކޮމިކް ފޮތްތަކާއި، ކުޅޭ އެއްޗެހި އަދި އެހެނިހެންވެސް ތަކެތި ހިމެނޭ ބޮޑު މީޑިއާ ފްރެންޗައިޒްއެކެވެ.
މިދަތުރުފުޅުގައި ކުކް ވަނީ އެޕް ސްޓޯ ޑިވެލޮޕަރުންނާ ބައްދަލުކޮށް، ބަންޑައި ނަމްކޯއަށް ޒިޔާރަތްކޮށް އައިއޯއެސް ގޭމް ޑްރެގަން ބޯލް ގެކިޝިން ސްކުއާޑް ކުޅެފައެވެ.
އެޕަލް ގިންޒާ އަކީ 2003 ވަނަ އަހަރު ހުޅުވިއިރު، އެމެރިކާގެ ބޭރުގައި އެޕަލްގެ ފުރަތަމަ ރީޓެއިލް ސްޓޯރެވެ. މި ފްލެގްޝިޕް ސްޓޯރުގައި 84 ގޮނޑީގެ ތިއޭޓަރެއް، އަދި ކަސްޓަމަރުންނަށް ޒިޔާރަތްކުރުމަށް އިންޓަނެޓް ކެފޭއެއް ހިމެނެއެވެ.
އެޕަލް ގިންޒާ ހުރި ސަޔެގޫސާ ބިލްޑިންގަށް ބަދަލުތަކެއް ގެންނަން ޖެހުމުން، 2022 ވަނަ އަހަރު އެޕަލް ވަނީ މި ސްޓޯރު ވަގުތީ ތަނަކަށް ބަދަލުކޮށްފައެވެ.
Met Pikachu, connected with developers using our software features in amazing ways, and played Dragon Ball Gekishin Squadra at Bandai Namco… Japan is a gamer's paradise! pic.twitter.com/WIilg7NWrM
— Tim Cook (@tim_cook)
މިހާރު އެޕަލް ގިންޒާ އަލުން ހުޅުވުމަށް ތައްޔާރުވެފައިވާއިރު، އާ ސްޓޯރަށް ގިނަ ބަދަލުތަކެއް ގެނެސްފައިވެއެވެ. އާ ސްޓޯރުގައި އޮންލައިން އޯޑަރު ނެގުމަށް އެޕަލް ޕިކަޕް ސްޓޭޝަނެއް، އެޕަލް ވިޝަން ޕްރޯގެ ޑެމޯތަކަށް ޚާއްސަ ސީޓިން އޭރިއާއެއް، އަދި "ޓުޑޭ އެޓް އެޕަލް ސެޝަންތަކަށް" ވެސް ޚާއްޞަ ޖާގައެއް ވަނީ ހަމަޖައްސާފައެވެ.
ޖަޕާނުގެ ކަސްޓަމަރުންނަށް ހުކުރު ދުވަހު، ހެނދުނު 10:00 ގައި ސްޓޯރު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވޭނެއެވެ. މި ރަސްމިއްޔާތުގައި ކުކް ބައިވެރިވެވަޑައިގަންނަވާނެއެވެ.
ސްޓޯރު އަލުން ހުޅުވުމުގެ ހަފްލާގައި ޚާއްސަ އެޑިޝަންގެ އެޕަލް ގިފްޓް ކާޑު ވިއްކާނެއެވެ.