މުޅި ތ. އަތޮޅަށް އާރުޓީއެލް ފެރީގެ ޚިދުމަތް، ހަ މަސް ތެރޭ މުޅި ރާއްޖެއަށް ފުޅާކުރުމުގެ އަމާޒެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު (މ)، ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ލޯންޗްކޮށްދެއްވަނީ، ކަނާތުގައި އެމްޓީސީސީގެ އެމްޑީ އަހްމަދު ސައުދީ އަދި ތިމަރަފުށި ދާއިރާގެ މެންބަރު އަހްމަދު ރިޔާޒު --- ފޮޓޯ: ރައީސް އޮފީސް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީގެ ޚިދުމަތް ތ. އަތޮޅުގައި ރަސްމީކޮށް ރޭ ފަށައިފިއެވެ.

މީހުން ދިރިއުޅޭ 13 ރަށެއް އޮންނަ ތ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފަށްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެ އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެެވެ.

އެމްޓީސީސީން ބުނީ، ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ހަފުތާއަކު ހަ ދުވަހު، ދެ ސްޕީޑް ލޯންޗު މެދުވެރިކޮށް ފަސް ރޫޓަކުން ލިބޭނެ ކަމަށެވެ.

އެ ޚިދުމަތްދޭ ލޯންޗުތަކުގައި 50 މީހުންނަށް ތިބެވޭއިރު އެއީ އޭސީކޮށްފައި ހުންނަ، އަރާމުގައި ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ލޯންޗުތަކެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ވޭމަންޑޫގައި އޮތް އެ ރަސްމިއްޔާތަށްފަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ، ތ. އަތޮޅަށް އާރުޓީއެލް ފެރީ ތައާރަފުކުރީ ތަރައްގީގެ ރާޑަރަށް އެރުވުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، ތ. އަތޮޅަށް އާރުޓީއެލް ތައާރަފުކުރުމުން އެ އަތޮޅުގެ ރައްޔިތުންނަށް ފަސޭހަކަން ލިބި ދަތިތަކުން ސަލާމަތްވާނެ ކަމަށެވެ.

އެއާއެކު، ރައީސް ވިދާޅުވީ، މުޅި ރާއްޖެއަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފުޅާކޮށް ނިމޭ ހިސާބުން، ތ. އަތޮޅަށް ލޯންޗުތަކެއް އިތުރުކުރަމުން ދާނެ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އަމާޒަކީ ކުރިއަށް އޮތް ހަ މަހުގެ ތެރޭ އާރުޓީއެލް ފެރީގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި އެއްކޮށް ގާއިމްކޮށް ނިންމުމެވެ.

އެމްޓީސީސީން ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ ލަފާގެ މަތިން ބާކީ އަށް އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެ ކުންފުނިން ހާމަކުރި މައުލޫމާތަށް ބަލާއިރު އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ދެމުން އަންނަނީ އުތުރުގެ ހަތް އަތޮޅާއި، ތ. އަތޮޅާއި، ހުވަދުއާއި ފުވައްމުލަކާއި އައްޑޫގައެވެ.

އާރުޓީއެލް ފެރީގެ ޚިދުމަތް ރަސްމީކޮށް ފެށީ ޖޫން 12، 2022ގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ސަރުކާރުގައެވެ.

comment ކޮމެންޓް