ސިޔާސީ ދާއިރާގައި ސާބިތުކަމާ އެކު މަސައްކަތް ކުރުންމަތީ ދެމި ހުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އިންޑިއާގެ އެކްޓަރު އަމީތާބް ބައްޗަން ބުނެފިއެވެ.
އަމީތާބް ގެނެސްދޭ "ކޯން ބަނޭގާ ކްރޯޕަތީ"ގެ އެޕިސޯޑެއްގައި ސިޔާސީ ދާއިރާގައި ކުރެވުނު އަމިއްލަ ތަޖުރިބާތައް ކިޔައިދެމުން އެކްޓަރު ބުނީ، ސިޔާސީ ދާއިރާ ދޫކޮށްލީ ވަރަށް ބޮޑަށް ޖަޒުބާތީ ހާލަތެއްގައި ކަމަށެވެ.
އަމީތާބް 1984 ވަނަ އަހަރު ލޯކް ސަބާ އިލެކްޝަންގައި ވާދަކުރީ އެކްޓަރު ނިސްބަތްވާ އައްލަހަބާދު (މިހާރުގެ ޕްރަޔަގްރާޖް)ގެ ގޮނޑި ކާމިޔާބު ކުރުމަށެވެ.
އެ އަހަރު އެ ދާއިރާއަށް ކުރިމަތިލުމާ އެކު އަމީތާބަށް އެއް މިލިއަނަށްވުރެ ގިނަ ވޯޓު އެ ދާއިރާއިން ލިބި މަޖިލީހުގެ ގޮނޑި ކަށަވަރުވިއެވެ.

އަމީތާބް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވި ދުވަސްވަރު ކެމްޕޭން ހަރަކާތެއްގައި ބައިވެރިވަނީ--ފޮޓޯ/ފިލްމުފެއަ
އުއްތަރުޕްރަދޭޝްގެ ސިޓީ ޕްރަޔަގްރާޖްގެ ރައްޔިތުން އޭރުވެސް އަމީތާބް ދެކެ އިންތިހާއަށް ލޯބިވި ކަމަށާއި ރައްޔިތުންނާ އެކު ވަރަށް ގާތުން މަސައްކަތް ކުރަން ފެށުމާ އެކު ސިޔާސީ ދާއިރާގައި މަސައްކަތް ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރި ކަމުގެ އިހުސާސް ކުރެވުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެއްގޮތަށް އާއްމުންގެ ފަރާތުން ހުށަހަޅާ މައްސަލަތަކަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ ކަންކަމަށް ބަލަންޖެހޭ ކަމަށާއި އެގޮތަށް އެކަން ނުކުރެވޭނެ ކަމުގެ އިހުސާސް ކުރެވުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އެހެންނަމަވެސް ސިޔާސީ ދާއިރާގައި އަމީތާބް ހޭދަކުރި ދެ އަހަރުތެރޭ ވަރަށް ގިނަ ކަންކަން ތަޖުރިބާ ކުރެވުނު ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
އިންޑިއާގައި ހަގީގީ ދިރިއުޅުމުގައި ހުރި ގޮންޖެހުންތައް ތަޖުރިބާކުރާ މީހުންނަކީ އެކި ވިލެޖްތަކުގައި ދިރިއުޅެމުން އަންނަ މީހުން ކަމަށާއި އެ މީހުންގެ ފަރާތުން އެ ދާއިރާއަށް ކުރިމަތިލާ މެމްބަރުންނަށް ލިބޭ އިހުތިރާމް ފެނި އަންތަރީސްވި ކަމަށް މިހާރު އުމުރުން 82 އަހަރުގެ އެކްޓަރު ވަނީ ބުނެފައެވެ.
އަމީތާބުގެ ކުރު ސިޔާސީ ހަޔާތުގައި އާއްމު ރައްޔިތުންނަށް ސަގާފީ އިޖްތިމާއީ ގޮތުން ކުރިމަތިވާ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ވަނީ މަސައްކަތްތަކެއް ކޮށްދީފައެވެ.
އަމީތާބް ސިޔާސީ ދާއިރާއިން އިސްތިއުފާ ދިނީ ސިޔާސީ އެހެނިހެން ލީޑަރުންނާ އެކު ޚިޔާލު ތަފާތުވުންތައް އިތުރުވެ 1987 ވަނަ އަހަރު ބޯފޯސްގެ ޚިޔާނާތުގައި އެކްޓަރުގެ މައްޗަށް މާލީ އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުމުންނެވެ. ނަމަވެސް އެކްޓަރުގެ މައްޗަށް ތުހުމަތު ކުރެވުނު އެއްވެސް ކަމެއް މިއަދާ ހަމައަށް ވެސް ސާބިތުވެފައެއް ނެތެވެ.
ސިޔާސީ ދާއިރާއިން އިސްތިއުފާ ދިނުމަށްފަހު ސިޔާސީ ކަންކަމާ ދުރުހެލިވެ އަމީތާބް ވަނީ އެނބުރި ފިލްމު އިންޑަސްޓްރީއާ ގުޅިފައެވެ. ނަމަވެސް މިހާރުވެސް އާއްމު ބައެއް ކެމްޕޭންތަކުގައި އަމީތާބް ބައިވެރިވާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ.
އަމީތާބް ސިޔާސީ ދާއިރާގައި ދުރުގައި އުޅުނު ނަމަވެސް އަނބިމީހާ އަދި ކުރީގެ ބަތަލާ ޖަޔާ ބައްޗަން އަކީ މިހާރުވެސް އިންޑިއާގެ ޕާލަމެންޓްރީ މެމްބަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ.