ލޯބިވެރިން ސަލްމާން ދޫކޮށް ދަނީ މިހެންވެ

ސަލްމާން ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި ކަމަށް އަޑު އަރާފައިވާ ފިލްމީ ތަރިން ކަމަށްވާ އައިޝްވާރިޔާ ރާއީ އަދި ސަންގީތާ ބިޖްލާނީ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ބޮލީވުޑްގެ އެކްޓަރު ސަލްމާން ޚާން މިހާތަނަށް ލޯބީގެ ގޮތުން ގުޅުނު އެންމެންވެސް ސަލްމާންއާ ވަކިވީ ކީއްވެގެންކަން އޭނާ ކިޔައިދީފިއެވެ.

ފިލްމީ ތަރިން ކަމަށްވާ ޓުވިންކަލް ކަންނާ އާއި ކާޖޮލްގެ ޓޯކް ޝޯ "ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ، އޭނާގެ ދިރިއުޅުމުގައި ބައިވެރިޔަކު ހަރުނުލަނީ ސަލްމާންގެ ކިބައިގައި މައްސަލައެއް ހުރުމުން ކަމަށް ގަބޫލުކުރާ ކަމަށެވެ.

އެކްޓަރު އާމިރު ޚާން ވެސް ބައިވެރިވި މި އެޕިސޯޑުގައި ސަލްމާން ބުނީ މިހާތަނަށް ސަލްމާން ދޫކޮށް ލޯބިވެރިން ދިއުމުގެ ޒިންމާ އަމިއްލައަށް ނަގާ ކަމަށެވެ.

ސަލްމާން ކައިވެންޏެއް ނުކޮށް ހުސްހަށިބަޔަށް ހުންނާތީ ގިނަބަޔަކު އެކަމާ ކަންބޮޑުވެ, ބަހުސްކުރަމުން ދިޔަ ނަމަވެސް ކައިވެންޏެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ސަލްމާން ވަނީ ތަކުރާރުކޮށް ބުނެފައެވެ.

"ޓޫ މަޗް ވިތު ކާޖޮލް އެންޑް ޓުވިންކަލް"ގެ ފުރަތަމަ ޝޯގެ މަންޒަރެއް--ފޮޓޯ/ހިންދުންސްތާންޓައިމްސް

މި ޝޯގައި ވާހަކަ ދައްކަމުން ސަލްމާން ބުނީ ކޮންމެވެސް ދުވަހަކު އަމިއްލަ ކުއްޖަކު އެކްޓަރު ބޭނުންވާ ކަމަށާއި ކޮންމެވެސް ދުވަހަކުން އެކަން ހަގީގަތަކަށްވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސަލްމާން ދެކޭ ގޮތުގައި ގިނަ ފަހަރަށް ދެ ބައިވެރިންގެ މެދުގައި މައްސަލަޖެހެން މެދުވެރިވަނީ އެކަކަށްވުރެ އަނެކަކުގެ ކެރިއަރު ކާމިޔާބުވެ ކުރިއެރުން ލިބޭތީއެވެ.

އޭގެ ސަބަބުން ޚިޔާލު ތަފާތުވުންތައް އުފެދި ދެ މީހުންގެ ގުޅުން ހީނަރުވެ އޭގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

އެހެންކަމުން މަސައްކަތުގެ މައިދާނުގައި ކުރިއެރުން ލިބެންވާނީ ދެ މީހުންނަށް އެކީގައި ކަމަށާއި އެފަދަ ވަގުތުތަކުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ސަލްމާން ވަނީ ބުނެފައެވެ.

ދެ އެކްޓަރުންގެ އަމިއްލަ ދިރިއުޅުމުގެ ގިނަ ވާހަކަތަކެއް މި ޝޯގައި ހިއްސާކުރިއިރު އާމިރު ވަނީ އެކްޓަރުގެ އަލަތު ކައިވެނި ރޫޅުނު ގޮތާބެހޭގޮތުން ވެސް ވާހަކަ ދައްކާފައެވެ. ހަމައެއާއެކު ސަލްމާންއާ އެކު ގާތް އެކުވެރިކަމުގެ ގުޅުން އުފެދުނީ އެ ދުވަސްވަރު ކަމަށާއި އެއީ ފިލްމު "އަންދާޒް އަޕްނާ އަޕްނާ" ކުޅުނު ދުވަސްވަރު ކަމަށް އާމިރު ވަނީ ބުނެފައެވެ.

ސަލްމާން އަކީ އޭރު ފިލްމު ސެޓަށް ވަރަށް ލަހުން އަންނަ އެކްޓަރެއް ކަމަށާއި ސަލްމާނާ ހެދި ވަރަށް ގިނަ ދަތިތަތަކާ އޭރު ކުރިމަތިލާންޖެހޭތީ އެކަމާ އެކްޓަރު ދެކެ ވަރަށް ފޫހިވި ކަމަށް އާމިރު ވަނީ ބުނެފައެވެ.

ނަމަވެސް ފަހުން ސަލްމާންއާ ގުޅުން ބަދަހިވެ ހަގީގަތުގައި އެއީ މީހުންނަށް ވަރަށް ހިތްހެޔޮ ކަމޭހިތާ އެކްޓަރެއްކަން އެނގުނު ކަމަށް އާމިރު ވަނީ މި ޝޯގައި ބުނެފައެވެ.

comment ކޮމެންޓް