ޔޫރަޕުގެ އެއާޕޯޓްތަކަށް ދިން ސައިބާ ހަމަލާއަކާ ގުޅިގެން، އިނގިރޭސި ފުލުހުން މީހަކު ހައްޔަރުކޮށްފިއެވެ.
މި ހަމަލާގެ ސަބަބުން އިނގިރޭސިވިލާތުގެ ލަންޑަން، ބެލްޖިއަމްގެ ބްރަސަލްސް، ޖަރުމަނުގެ ބާލިން އަދި އަޔަލެންޑްގެ ޑަބްލިން ފަދަ ބޮޑެތި އެއާޕޯޓްތަކުގެ ޗެކް-އިން ސިސްޓަމްތަކަށް ބުރޫއަރައި، ދަތުރުތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.
ނޭޝަނަލް ކްރައިމް އެޖެންސީ (އެންސީއޭ) އިން ބުނެފައިވާ ގޮތުގައި، އުމުރުން 40 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭ ވެސްޓް ސަސެކްސް، އިނގިރޭސިވިލާތުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޮމްޕިއުޓަރު ނަހަމަގޮތުގައި ބޭނުން ކުރިކަމުގެ ތުހުމަތުގައެވެ. ހައްޔަރުކުރުމަށްފަހު، އޭނާ ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
އެންސީއޭގެ ނޭޝަނަލް ސައިބާ ކްރައިމް ޔުނިޓްގެ ވެރިޔާ ޕޯލް ފޮސްޓާ ވިދާޅުވީ، ހައްޔަރު ކުރި މީހާ ދޫކޮށްލި ނަމަވެސް، މި ހާދިސާގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށެވެ. އަދި ސައިބާ ކުށްތަކަކީ ދުނިޔޭގެ ފެންވަރުގައި އޮތް ނުރައްކަލެއް ކަމަށާއި، އެކަމުގެ ގެއްލުން އިނގިރޭސިވިލާތަށް ވެސް ލިބޭކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ސައިބާ ހަމަލާގެ އަމާޒަކީ އެވިއޭޝަން ކުންފުނި ކޮލިންސް އެއަރޮސްޕޭސް ކަމަށްވެއެވެ. މި ހަމަލާގެ ސަބަބުން ޗެކް-އިން ސިސްޓަމްތައް ހުއްޓި، ދަތުރުވެރިންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވިއެވެ. ބްރަސަލްސް އެއާޕޯޓުން ދަތުރުވެރިން ޗެކް-އިން ކުރުމަށް އައިޕެޑާއި ލެޕްޓޮޕް ބޭނުންކުރިއިރު، ބާލިން އެއާޕޯޓުން ދަތުރުވެރިންނަށް އަތުން ލިޔެފައިވާ ބޯޑިން ޕާސް ދީފައިވެއެވެ.
ބާލިން އެއާޕޯޓުން ބުނެފައިވާ ގޮތުގައި، ޗެކް-އިން އަދި ބޯޑިން މަސައްކަތްތައް އަދިވެސް ގިނައިން ކުރިއަށްދަނީ އަތުން ލިޔެގެން ކަމަށްވާތީ، އިތުރު ދުވަސްތަކެއް ވަންދެން ދަތުރުތަކަށް ދަތިތަކެއް ކުރިމަތިވެދާނެއެވެ. ލަންޑަންގެ ހީތުރޯ އެއާޕޯޓުން ބުނެފައިވަނީ، ގިނަ ދަތުރުތައް އާދައިގެ މަތިން ކުރިއަށްދާ ކަމަށެވެ. ބްރަސަލްސް އެއާޕޯޓުން ވެސް ބުނެފައިވަނީ، ސައިބާ ހަމަލާގެ ސަބަބުން ދަތުރުތަކަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށެވެ.
މި ހަމަލާގެ ފަހަތުގައިވަނީ ކޮން ޖަމައާތެއްކަން އަދިވެސް ސާފެއް ނުވެއެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ގްރޫޕަކުން ނަގާފައެއްނުވެއެވެ.
އެފަދަ ހަމަލާތައް ދެނީ މައުލޫމާތު ވަގަށް ނަގަންކަމަށްވާނަ، އެކަމަށް ޚާއްސަ ރެންސަމްވެއާތައް ބޭނުންކުރާ ޖަމާއަތްތައް ހަރަކާތްތެރިވެއެވެ.
މިފަދަ ގްރޫޕްތައް އާންމުކޮށް މަސައްކަތްކުރަނީ ސިއްރުންނެވެ. އަދި ގިނަ ފަހަރު އެމީހުން މަސައްކަތްކުރަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ސަމާލުކަން ނުލިބޭނެފަދަ އަމާޒުތަކަށް ހަމަލާ ދިނުމަށެވެ.
ކޮލިންސް އެއަރޮސްޕޭސްއަށް ދިން ހަމަލާއަކީ ޔޫރަޕުގައި ދެމުންދާ އޮންލައިން ހަމަލާތަކުގެ ތެރެއިން އެންމެ ފަހުގެ ހަމަލާއެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި ޖަގުއާ ލޭންޑް ރޯވާ އިން ވެސް ވަނީ މި މަހު ދިން އެފަދަ ހަމަލާއަކާ ގުޅިގެން އެ ކުންފުނީގެ ފެކްޓަރީތައް އަންނަ ހަފުތާގެ ބުދަ ދުވަހާ ހަމައަށް ބަންދުކޮށްފައިވާ ކަމަށް ބުނެފައެވެ. މި ހަމަލާގެ ސަބަބުން އެ ކުންފުނީގެ މަސައްކަތްތައް ހުއްޓި، ކުދި ސަޕްލަޔަރުންނަށްވެސް ދަތިތަކެއް ކުރިމަތިވެފައިވެއެވެ.