ބާރުގަދަ ތޫފާން ރަގަސާ ޗައިނާގެ ގުންއަޑޮންގް ޕްރޮވިންސަށް އަރައިފިއެވެ.
އެ ތޫފާންގެ އަސަރު ޓައިވާނަށް ވެސް ކޮށްފައިވާއިރު، ޓައިވާނުން މިހާތަނަށް 17 މީހުން ވަނީ މަރުވެފައެވެ.
ދިހަ މިލިއަން މީހުން ދިރިއުޅޭ ގުއަންޑޮންގް އަށް ތޫފާން ރަގަސާ އަރާފައިވާއިރު، އެ ސަރަހައްދުގައި ހުރި ގިނަ އިމާރާތްތައް ވެސް ވަނީ ބިމާ ހަމަވެފައެވެ.
މިއަދު ހަވީރުގެ ވަގުތެއްގައި ހޮންކޮންގުގެ ކައިރިއަށް ތޫފާން އަރާފައިވާއިރު، އެ ސިޓީގެ މޫސުމާ ބެހޭ ޚިދުމަތުން ވަނީ މިއީ މި އަހަރު ހުޅަނގު އުތުރު ޕެސިފިކް ސަރަހައްދަށް މިހާތަނަށް އައި އެންމެ ބާރު ގަދަ ތޫފާން ކަމަށް ބުނެފައެވެ.
ރަގަސާގެ އަސަރު ޓައިވާނަށްކޮށްފައިވާއިރު، ބޯކޮށް ވާރޭވެހުމުގެ ސަބަބުން އިރުމަތީ ހޫއަލިއެން ކައުންޓީގައި އޮތް ދުވަސްވީ ބެރިއާ ކޯރެއް ބަންޑުންވެ، ގާތްގަނޑަކަށް 17 މީހުން މަރުވެ 18 މީހުން ޒަޚަމްވެފައިވާ ކަމަށް ސަރަހައްދީ އޮފިޝަލުން ހާމަކުރެއެވެ.
ކަމާބެހޭ ފަރާތްތަކުން ކުރިން ބުނި ގޮތުގައި 152 މީހުން ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ. ނަމަވެސް ފަހުން ވަނީ އެ އަދަދު 17 އަށް ދަށްކޮށް، ކުރިން ގެއްލިފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުންނާ ގުޅިފައިވާ ކަމަށް ބުނެފައެވެ.

ޗައިނާއަށް ތޫފާން އަރާފައިވާ ސަރައްދުގެ އޭރިއަލް ފޮޓޯއެއް. ފޮޓޯ/ރޮއިޓާސް
ރަގަސާގެ ސަބަބުން 7،600 އަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާއިރު، ފަޔާ އެޖެންސީން އާންމުކުރި ވީޑިއޯ ފޫޓޭޖުތަކުން ފެންނަ ގޮތުގައި މަގުތަކުގައި ފެންބޮޑުވެ، ކާރުތައް ފެތި، ގަސްތައް ވަނީ ބިންދައިގެން ގޮސްފައެވެ.
ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ގައުމުގެ ދެކުނުގެ މަދުވެގެން 10 ސިޓީއެއްގައި ވިޔަފާރިތަކާއި ސްކޫލްތައް ބަންދުކުރުމަށް އަންގާފައެވެ.
ގުއަންޑޮންގްގެ އެކި ސިޓީތަކުން އަންގާރަ ދުވަހުގެ ރޭގެ ނިޔަލަށް 1.89 މިލިއަނަށް ވުރެ ގިނަ މީހުން ބަދަލުކޮށްފައިވާ ކަމަށް އެ ސަރަހައްދުގެ އިމަޖެންސީ މެނޭޖްމަންޓުން ނެރުނު އޮންލައިން ބަޔާނެއްގައި ބުނެފައިވެއެވެ.
"ރަގަސާ"ގެ އިތުރުން "ބުއަލޮއި"ގެ ނަން ދީފައިވާ އާ ތޫފާނެއް މިއަދު ހެދުނު 5:00 ގައި ފިލިޕީންސްގެ އިރުމަތިން ވެސް ވަނީ އުފެދިފައެވެ. މި ތޫފާނު ހޮނިހިރު ދުވަހުގެ ނިޔަލަށް ދެކުނު ޗައިނާގެ ކަނޑުގެ ސަރަހައްދަށް ވަންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ތޫފާނުގެ ސަބަބުން އުތުރު ފިލިޕީންސުން ވަނީ 10،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައެވެ.