އައިފޯން އެއާ އާއި އެސް 25 އެޖް: އެންމެ ރަނގަޅު ސްލިމް ފޯނަކީ ކޮބާ؟

އައިފޯން އެއާ އާއި އެސް 25 އަޅާކިޔުން ---

ސްލިމް ފޯނުތަކުގެ ޓްރެންޑް އަލުން އަންނަ އިރު، ފޯނު އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ދެ ކުންފުނި ކަމަށްވާ އެޕަލް އާއި ސެމްސަންގް ވަނީ މި މުބާރާތަށް ނިކުމެފައެވެ. އަލަށް އިއުލާންކުރި އައިފޯން އެއާ އާއި ސެމްސަންގެ ގެލެކްސީ އެސް 25 އެޖް އަކީ މި ދެ ކުންފުނީގެ އެންމެ ފަހުގެ ސްލިމް ފޯނުތަކެވެ. މި ދެ ފޯނުގެ ތެރެއިން އެންމެ ރަނގަޅު ސްލިމް ފޯނަކީ ކޮބައިތޯ ބެލުމަށް ޓަކައި، މި ދެ ފޯނުގެ މައިގަނޑު ސިފަތަކާއި ތަފާތުތައް ތިރީގައި މިވަނީ ބަޔާންކޮށްފައެވެ.

ސައިޒާއި ބަރުދަން:

އައިފޯން އެއާގެ ބަރުދަނަކީ 165 ގްރާމް ކަމަށްވާއިރު، ސެމްސަންގް ގެލެކްސީ އެސް 25 އެޖްގެ ބަރުދަނަކީ 163 ގްރާމެވެ. އައިފޯން އެއާ (156.2 x 74.7 x 5.6 މިލިމީޓަރު) އަކީ އެސް 25 އެޖް (158.2 x 75.6 x 5.8 މިލިމީޓަރު) އަށްވުރެ 0.2 މިލިމީޓަރު ހިމަ ފޯނެކެވެ. ނަމަވެސް މި ތަފާތު އާންމުކޮށް ފާހަގަ ނުވާނެ ކަމަށް ލަފާކުރެވެއެވެ. ދެ ފޯނުގައިވެސް ބޭނުންކޮށްފައިވަނީ ޓައިޓޭނިއަމް ފްރޭމްއެވެ. އައިފޯން އެއާގެ ފްރޭމް އަކީ ވިދާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށްވާއިރު، ގެލެކްސީގެ ފްރޭމް އަކީ މެޓް ފިނިޝް އެކެވެ.

ޑިސްޕްލޭ:

ސެމްސަންގް ގެލެކްސީ އެސް 25 އެޖްގައި 6.7 އިންޗީގެ ބޮޑު ޑިސްޕްލޭއެއް ހުރެއެވެ. މިއީ އައިފޯން އެއާގެ 6.5 އިންޗީގެ ޑިސްޕްލޭއަށްވުރެ ބޮޑު ޑިސްޕްލޭއެކެވެ. އެސް 25 އެޖްގެ ޕިކްސެލް ޑެންސިޓީ (513ppi) އަކީ ވެސް އައިފޯން އެއާ (460ppi) އަށްވުރެ މައްޗެވެ. ދެ ފޯނުގައިވެސް 120Hz ރިފްރެޝް ރޭޓްގެ އެލްޓީޕީއޯ އޯލެޑް ޕެނަލްއެއް ހުރެއެވެ. އައިފޯން އެއާގެ ޕީކް ބްރައިޓްނަސް (3000 ނިޓްސް) އަކީ އެސް 25 އެޖް (2600 ނިޓްސް) މަތީ މިންވަރެކެވެ. އައިފޯން އެއާގައި ސެރެމިކް ޝީލްޑް 2 ހުރިއިރު، އެސް 25 އެޖްގައި ކޯނިން ގޮރިއްލާ ގްލާސް ސެރެމިކް 2 ހުރެއެވެ. ދެ ފޯނުގެ ސްކްރެޗް ރެސިސްޓެންސް އެއްވަރުވާނެ ކަމަށް ލަފާކުރެވެއެވެ. އައިފޯން އެއާގައި އެންޓި-ރިފްލެކްޓިވް ކޯޓިންއެއް ހުރެއެވެ.

ޕަފޯމަންސް:

އައިފޯން އެއާގައި ބޭނުންކޮށްފައިވަނީ އެޕަލް އޭ19 ޕްރޯ ޗިޕްސެޓެވެ. މިއީ ދުނިޔޭގެ އެންމެ ބާރުގަދަ ސްމާޓްފޯން ޗިޕްސެޓް ކަމަށް އެޕަލްއިން ބުނެއެވެ. ގެލެކްސީ އެސް 25 އެޖްގައި ހުންނަނީ ކުއަލްކޮމްގެ ސްނެޕްޑްރެގަން 8 އެލިޓް ފޯ ގެލެކްސީ ޗިޕްސެޓެވެ. ދެ ފޯނުގައިވެސް 12ޖީބީ ރެމް ހުރެއެވެ. އައިފޯން އެއާގެ ސްޓޯރޭޖް 1ޓީބީ އަށް އިތުރުކުރެވޭއިރު، އެސް 25 އެޖްގެ ސްޓޯރޭޖް 512ޖީބީ އަށް އިތުރުކުރެވެއެވެ. އެސް 25 އެޖްގައި ހީޓް ޑިސިޕޭޝަންއަށް ވެޕާ ޗެމްބަރެއް ހުރެއެވެ.

ކެމެރާ:

ކެމެރާއަށް ބަލާއިރު، ގެލެކްސީ އެސް 25 އެޖް އުޅެނީ ކުރީގައެވެ. އެސް 25 އެޖްގައި 200އެމްޕީ މައިން ކެމެރާއެއް ހުރެއެވެ. މީގެ އިތުރުން 12އެމްޕީ އަލްޓްރާވައިޑް ކެމެރާއެއްވެސް ހުރެއެވެ. އެސް 25 އެޖްއިން 8ކޭ ވީޑިއޯ ރެކޯޑް ކުރެވޭއިރު، އައިފޯން އެއާއިން ރެކޯޑް ކުރެވެނީ 4ކޭ ވީޑިއޯއެވެ. އައިފޯން އެއާގައި 18އެމްޕީ ސެލްފީ ކެމެރާއެއް ހުރެއެވެ. އެސް 25 އެޖްގައި ހުންނަނީ 12އެމްޕީ ސެލްފީ ކެމެރާއެކެވެ.

ބެޓެރީ އަދި ޗާޖިން:

ސެމްސަންގް ގެލެކްސީ އެސް 25 އެޖްގައި 3900މިލީއެމްޕަޔާ ބެޓެރީއެއް ހުރެއެވެ. މިއީ އައިފޯން އެއާގެ 3149މިލީއެމްޕަޔާ ބެޓެރީއަށްވުރެ ބޮޑު ބެޓެރީއެކެވެ. އެސް 25 އެޖްއިން 25ވޯޓް ވައިޑް ޗާޖިންއަށް ސަޕޯޓް ކުރެއެވެ. އައިފޯން އެއާއިން 20ވޯޓް ވައިޑް ޗާޖިންއަށް ސަޕޯޓް ކުރެއެވެ. ވަޔާލެސް ޗާޖިންގެ ގޮތުން ބަލާއިރު، އައިފޯން އެއާއިން 20ވޯޓް ވަޔާލެސް ޗާޖިންއަށް ސަޕޯޓް ކުރެއެވެ. އެސް 25 އެޖްއިން 15ވޯޓް ވަޔާލެސް ޗާޖިންއަށް ސަޕޯޓް ކުރެއެވެ.

އެހެނިހެން ސިފަތައް އަދި އަގު:

ދެ ފޯނުގައިވެސް ވައިފައި 7 އަދި ޔޫޑަބްލިއުބީ ކަނެކްޓިވިޓީ ހުރެއެވެ. އައިފޯން އެއާގައި ބްލޫޓޫތް 6.0 ހުރިއިރު، އެސް 25 އެޖްގައި ބްލޫޓޫތް 5.4 ހުރެއެވެ. އެސް 25 އެޖްގައި ޔޫއެސްބީ ޓައިޕް-ސީ 3.2 ޕޯޓެއް ހުރިއިރު، އައިފޯން އެއާގައި ހުންނަނީ ޔޫއެސްބީ ޓައިޕް-ސީ 2.0 ޕޯޓެކެވެ. އެސް 25 އެޖްގައި ސްޓީރިއޯ ސްޕީކަރު ހުރިއިރު، އައިފޯން އެއާގައި ހުންނަނީ އެއް ސްޕީކަރެކެވެ. އެސް 25 އެޖްގައި ފިޒިކަލް ސިމް ސްލޮޓެއް ހުރިއިރު، އައިފޯން އެއާއަކީ އީ ސިމް އޮންލީ ފޯނެކެވެ. މާނައަކީ ފިޒިކަލް ސިމް ސްލޮޓެއް ނުހުރުމެވެ.

މި ދެ ފޯނު ވެސް އެ ކުންފުނިތަކުން ވިއްކާ އަގަށް ބަލާއިރު، ގެލެކްސީ އެސް 25 އެޖް 840 ޑޮލަރަށް ލިބެން ހުރިއިރު، އައިފޯން އެއާ 1,000 ޑޮލަރުން ފެށިގެން ލިބެން ހުރެއެވެ. މި ތަފާތުތަކާއެކު، ގެލެކްސީ އެސް 25 އެޖް އަކީ އަގުގެ ގޮތުން ބަލާއިރު ފައިދާ ބޮޑު ހޮވުމެކެވެ.

comment ކޮމެންޓް