"މިއަދު ހޭލެވި ދުނިޔެއަށް ނޭވާލެވުނުކަމަށްޓަކާވެސް ﷲތައާލާއަށް ޝުކުރުކުރާށެވެ. އެންމެ ހިނދުކޮޅަކުންވެސް ތިބާގެ މުޅި ހަޔާތް ބަދަލުވެގެން ހިނގައިދާނެއެވެ."
***
"އަސްތަޣުރިފުﷲ....މަންމަ ތިކަހަލަ ބުހުތާނު ދޮގެއް ނަހަދާނެ...އަދި އާންޓްކައިރީ. އަހަރެން ގަބޫލެއްނުކުރާނަން..."
"ކޮން ޒުވާބެއްގައި ދެކުދިން.."ފަރުޒާނާ ވަނުމުން ޒޭބާގެ މޫނަށް ރަތްކުލަވެރިވިއެވެ.
"އާޒް އަހަރަންގެ ބޮލުގައި ދޮގު އިލްޒާމެއް އަޅުވައިގެން. އަނެއްކާ ބޭސްކެއުން ހުއްޓާލީތަ؟" ޒޭބާ އަވަން ހުޅުވައިލިއެވެ. ފަރުޒާނާ ކަންތައްވީގޮތް އަހާފައި ތަފްސީލުދިނެވެ. އެއީ ހަމަ މާހިރާގެ ދުލުން ދެކެވުނު ވާހަކައެކެވެ. އެކަމަކު އެގަހުގެ އަނެއްފަރާތުގައި އަޒިއެލް އިންކަމެއް ފަރުޒާނާ ނުދެނެހުއްޓެވެ.
މަންމަގެ ފަރާތުން އެފަދަ ނޭއްގާނި ސިފައެއް ފެނި ބޭޒާރުވުމުން އޭނަގެ ހިތް މަސްހުނި އިހުސާސްތަކުން ބަންޑުންވެގަތެވެ. ހިތާމައާއި ރުޅި ފޫހިކަން އަދި ޝަކުވާވެސް އުފެދިގަތަސް އޭނަ އިތުރު އެއްޗެކޭ ނުބުނެ ތަބައްތަކާއި އެހެން ސާމާނުތައް ބަގީޗާތެރެއަށް ގެންނަން ފެށިއެވެ. އިރުކޮޅެއްފަހުން ކައިލާވެސް ބައިވެރިވިއެވެ. ޒޭބާގެ ހުރި ފޯރިއާއި ޖޯޝް މުޅީން ފިނިވެ މޫނުމަތިން އުދާސްކަން ފެނުނެވެ. ކުއްލިއަކަށް އޭނަގެ މިޒާޖަށް އައި ބަދަލު ފެނި ކައިލާވެސް ހީކުރީ ޕީއެމްއެސްކަމުގައެވެ. އަންހެންކުދިންގެ މޫޑު އެދުވަސްކޮޅު ބަދަލުވާނެއެވެ.
ޒޭބާ ގެއަށް ވަދެފައި ޖެެކެޓް ބާލާފައި ހަރުގައި އެޅުވިއެވެ. ގޭތެރެއަށް ވަނުމުން އަރާމު ހޫނުކަމެއް އިހުސާސްވިއެވެ. އޭނަ އިށީދެލީ ސޯފާގައެވެ. ކައިވެނީގެ ހުށަހެޅުން ލިބުމުން އޭނަ މަންމައާއި އެކަން ހިއްސާކުރުމުން މަންމަ ހުރީ ނުލާހިކު އުފަލުންނެވެ. ނަމަވެސް ޒޭބާއަށް މަންމަ ކުރި ކަންތައް ފަޅާއެރުމާއެކު ޒާމިލްއާއި ކައިވެނިކުރުމުގެ އުއްމީދު ގެއްލުނެވެ. ކޮންމެވެސް ސަބަބަކާއިހެދި އޭނަ ޖެހިލުންވިއެވެ. ސަބަބަކީ އޭނަ މިހުރިހާދުވަހު އަޒިއެލް ކުށްވެރިކުރިއެވެ. ނަމަވެސް އަޒިއެލްގެ ކުށެއްނެތެވެ. މަންމަ ބޮޑު ދޮގެއް ހަދައިގެން އަޒިއެލްއަށް އޮޅުވައިލީއެވެ. އެކަމުގެ ސަބަބުން ޖަޒުބާތުގައި ޖެހި ނިންމިގޮތް ގޯސްވީއެވެ. އޭނަ ލިޔަންފަށާފައިވާ ލިޔުން ކިޔަންފެށީ ބާރަށެވެ. އެއީ ކައިވެނީގެ ހުށަހެޅުމަށް ރަސްމީކޮށް ޖަވާބުދޭން ނިންމައިގެން ލިޔަންފެށި ސިޓީއެކެވެ.
"ތި އޯގާތެރިކަމާއި މަޑުމައިތިރިކަމަކީ ވަރަށް އެޕްރިޝިއޭޓްކުރާ ސިފައެއް. އެކަމަކު އަހަންނަށްޓަކާއި ކައިވެންޏަކީ މަތިވެރި އެއްޗެއް.. އެކަމާއި އަހަންނަށް ހަމަ ހީލިންއާއިވެސް ގުޅުވައިލެވޭ...ހިތަށް ނާރާގޮތަަށް އަހަރެންވެސް މިހާރު މިދަނީ ހަލާކުވި ހިތަށް ފަރުވާ ހޯދަމުން.. އެކަމަކު މިހާރު ހިތަށް އަރަނީ އަހަންނަށް މިކަން ކުރެވެން ނެތޭ..."
މާހިރާ ދޮރުމައްޗަށް އެރިއެވެ. ކޮޓްން ޝޯލްއެއް ބޮލާއެކު އޮޅާލައިގެންނެވެ. ފެންނަލެއް ނިކަން ތާޒާއެވެ.
ޔަގީނެއްނޫނޭ؟ ކިހިނެއްވީ މިހާރު؟"
"މަންމާ އޭނަ ރަގަޅުނުވެގެނެެއްނޫން..އެކަމަކު އެހެންމީހެެއްދެކެ ލޯބިނުވެވޭނެހެން ހީވަނީ.. އަހަންނަށް ނުލިބުނު މީހަކާއި އަބަދު އަޅާ ކިޔޭނެހެން ހީވާތީ....."
"ލޯތްބަކީ އެހެންމީހަކު އެއްލާލާފައި ރިޕްލޭސްކުރުމެއްނޫން..ހޮވުން... ކޮންމެހެން ރެސްިކުއަކަށް ނޫން ނޫނީ ސެކަންޑް ޗާންސަކަށް ނޫން.. ހަމަ އިންސާނަކަށް ވުމުން އެބަޖެހޭ މާޒީވެސް ހަނދާން ނައްތާލާފައި ކުރިއަށްދާން..އަދި އެ މާޒީގައި ގޯސް ހެދިފައިވާނަމަ އަލުން ފުރުސަތެއް އެލިބެނީ. ޒާމިލް ހިނގި މަގަކުންވެސް އަޒިއެލްއަކަށް ނުހިނގޭނެ..."
މަންމަގެ މައްސަލައަކީ އެއީއެވެ. އޭނައާއި ޚިޔާލު އެއްގޮތް ނުވުމެވެ.
"މަންމައާއި ބައްޕަ ގެ ކައިވެނި ލޯބިން ދޯ ކުރެވުނީ.."
"ނޫން ފާޑަކަށް އެރެންޖް ކުރެވުނީ..ދެން ދުވަސްވީމަ އަހަންނަށްވެސް ބައްޕަ ކަމުދިޔައީ..ސަޔާއި އެހެން އުފާތަކާއިއެކު...ބިލްތަކާއި ޚަރަދުތަކާއި ނަމާދުތަކާއެި އެކީގައި..."
ޒޭބާ އެ ސިޓީ ފަށްޖަހާފައި ވަތްގަނޑަށް ލިއެވެ. އޭނަ އެ ފޮނުވާނީ އޭނަގެ ޖަވާބު ލޯބިން ލިޔެވުނު ދުވަހަކަކުންނެވެ. ހިތުގައި ނުތަނަވަސްކަމާއި ބިރުވެރިކަން އަދި ޔަގީންކަމެއް ނެތިއެއް ނޫނެވެ.
***
ހަފްތާގެ ބަންދުދުވަސްތަކަށް ވުމުން ދަރިފުޅު ގޮވައިގެން އަނާ އޭނަގެ މަންމަގެ ގާތަށް ދިޔައީވެސް އަޒިއެލްއަށް އަމިއްލަ ވަގުތުކޮޅެއްދިނުމަށެވެ. އަޒިއެލް އަމިއްލައަށް ނުބުނިކަމުގައިވިޔަސް އެންމެ ރަގަޅުގޮތަކީ އެއީކަމަށް އޭނަ ދެކުނީއެވެ. ޔަގީނުންވެސް އެއީ ހަމަ އޭނައަށް ބޭނުންޖެހިފައިވާ ކަމެކެވެ. ދެމައިން ދިޔުމުން އެގެއަށް ވެރިވީ ހިމޭންކަން އަޖައިބެއްހާ ފުންވިއެވެ. ގުގުރީގެ ތޫފާނެއްގައި ދެ ގުގުރި ދޭތެރެއަށް އެ އަންނަ ހިމޭންކަން ފަދައެވެ.
އަޒިއެލް ދެފައި ވަށްކޮށްލައިގެން މުސައްލަމަތީގައި އިންއިރު ކުރިމަތީގައި ހުރި ކުޑަ ގޮނޑިއެއްގެ މަތީގައި ހުޅުވާލެވިފައިވާ މުސްހަފެއް އޮތެވެ.އިރުގެ އަލީގައި އެ ސަފުހާ ވިދަމުން ދިޔައެވެ. އޭނަ ގުރުއާނުގައި އަތްނުލާތާ ކޮން ދުވަހެއްހެއްޔެވެ؟ މައްސަރުތަކެއް ފާއިތުވެއްޖެއެވެ. އަހަރަކަށްވުރެ ގިނަވެދާނެއެވެ. އެކަމަކު މިއަދު އޭނަގެ ހިތުގައި އެހެން ވިންދެއްޖަހަންފެށިއެވެ. ރޭގައި އޭނަ އުޅުނީ ތޫފާނެއްގެ ތެރޭގައެވެ. ޚިޔާލުތައް ރޭސްޖަހަމުން، ޖަޒުބާތުތައްވެސް ދެފަރާތަށް ކިރެމުން ދިޔައެވެ. އޭނަ ފާރާއި ދިމާލަށް ހަޅޭއްލެވިއެވެ. މޫނުގައި އަތް އަޅައިގެން ހުރެ ރޮއިނެގިއެވެ. ނިދިއައުމަށް އެދި އާދޭސްކުރެވުނެވެ.
ފަތިސްދަޅައިގާ އޭނަ ތަޅުންމައްޗަށް ދެމުނީ ވަރުބަލިވެ ނަފުސް ހުސްވެފައިވާ ހާލުގައެވެ.
އެ ހުސްކަމުގެ ތެރޭގައި އޭނައަށް ހެއްދެވި ފަރާތްމަތިން ހަދާންވިއެވެ." ޔާﷲ....ހެލްޕް މީ..."
ދުލުން ބޭރުވި ލަފުޒުތައް އަމިއްލަ ނަފުސަށް ނީވުނަސް އެއީ ފެށުންކަމުގައިވިއެވެ.
މިވަގުތު އޭނަގެ ތުރުތުރުލަމުން ދިޔަ އިނގިލިތަކުން އަރަބި ލަފުޒުތަކުގައި އިނގިލި ޖައްސަލަމުން ދިޔައިރު ބީރައްތެހި އިހުސާސެއް ކުރެވުނެވެ. ހިމޭންކަމެކެވެ. އަމާންކަމެއް ހަމަޖެހުމެއްއަދި ނެތެވެ. އެކަމަކު ހިމޭންކަމެވެ. ހަލަބޮލިކަމެއްނެތް ހިނދުކޮޅެކެވެ.
އޭނަ ކިޔަވަންފެށީ ލަސްލަހުންނެވެ. ލަފުޒުތަކާއިމެދު ވިސްނައިގެންނެވެ. ކޮންމެ ލަފުޒެއްވެސް އޭނަގެ މުޅި ނަފުސާއި ރޫހު ފިނިކަމުގެ ތެރެއަށް ގަންބައިލިއެވެ. ރަހުމަތުގެ އާޔަތްތަކެވެ. ކެތްތެރިކަމެވެ. ހިތްތަކުގައިވާހާ އެއްޗެއް ދެނެވޮޑިގެންވާ ފަރާތާއި ބެހޭގޮތުންނެވެ.
އޭނަގެ ލޮލުން ކަރުނަ އޮހެންފެށިއެވެ. އެޕިސޯޑް އަންނަހިދު އޮޅުމުގެ ތެރޭގައި އޮހޮރޭފަދަ ކަރުނައެއްނޫނެވެ. ކަމަކަށް އެދެވިގެންވާފަދަ ގޮތަކަށެވެ. ފާފަ ފުއްސެއްވުމަށެވެ. ޝިފާއަށެވެ. ރުޚުސާއަށް ފަސޭހަ މަގެއް ދެއްކެވުމަށެވެ. އޭނަގެ ދަރިފުޅަށެވެ. އަމިއްލަ ނަފުސަށެވެ.
އޭނަ ތެދުވެގެންގޮސް ވުޟޫކުރަންފެށިއިރު ހަންގަނޑާއެކު ރޫހަށްވެސް ފިނިކަން ވަނެވެ. ކޮންމެ ހަރަކާތެއްގައި ލަސްކަމެއްވިއެވެ. ކޮންމެ ނޭވާއެއްވެސް ދުޢާއެއްފަދައެވެ. ވުޟޫއަށްފަހު ނަމާދަށް މުސައްލަމަތީގައި ހުއްޓުނުއިރު އަމިއްލަ ހަށިގަނޑާއިމެދު ދެކެވުނީ ބީރައްޓެހި އެއްޗެއްގެ ގޮތުގައެވެ. ޔަގީންކަމެއްނެތެވެ. ނަމަވެސް ސަޖިދައަށް ތިރިވުމާއެކު މުޅިން އެހެން އިހުސާސްތަކާއި ޖަޒުބާތުތަކުން ނަފުސް ހޭލައިގަތެވެ. ހުރިހާ އުދާސްތަކެއް ބޭރުވެގެންގޮސް ސިކުނޑި ހުސްވިފަދައެވެ.
"މި އަޅާއަށް ހިދާޔަތް ދެއްވާދޭވެ.."އޭނަ ތަކުރާރުކޮށް ދެންނެވިއެވެ." އުޅެންވީގޮތް އެންމެ ރަގަޅަށް އަދިވެސް ނޭގޭ......."
އެދުވަހު ހަވީރު އޭނަ ރުޚުސާއަށް ގުޅިއެވެ.
"އަހަރެން ބޭނުން މުޅިން ބަދަލުވާން....ރުޚުސާއަށްޓަކާ އަދި ދަރިފުޅަށްޓަކާ ރަގަޅަށް އުޅެން..އަދި ﷲތައާލާއަށްޓަކާ...."
ރުޚުސާ އެއްޗެކޭ ނުބުނެ އިރުގަނޑެއްވާންދެން ހުއްޓެވެ."އަހަރެންވެސް ބޭނުންވަނީ ތިގޮތް..."
އެތައް މަސްތަކެއްފަހުން އޭނަ އިޚުލާސްތެރިގޮތަކަށް ހިނިތުންވެލިއެވެ. އުއްމީދުން ފުރިފައިއެވެ. އަނދިރީގައިވަނިކޮށް އަލި ރާސްތާ ފެނުމުން ހީލާފަދައިންނެވެ.
***
ކުޑަދޮރުތަކުގެ ފަރުދާތައް ކަހާލާފައި ވުމުން ބޭރުގެ މަންޒަރުތައް ފެންނާން އޮތެވެ. އިރުގެ ހުދު އަލިން ލިވިން ރޫމް އެއްކޮށް ދިއްލާލާފައިވިއެވެ. ކައުޗްގައި ނުގޮތަކަށް އިށީދެލައިގެން އިން އަޒިއެލްގެ އެއް އަތުގައި ބޭސްފުޅި އޮތްއިރު އަނެއް އަތުގައި ތަސްބީހައެކެވެ. އޭނަ ފަހަރަކު އަތަކަށް ބަލައިލިއެވެ.އޭނަ އައީ މަސްޖިދަށްގޮސް ފަތިސް ނަމާދުކޮށްލައިގެންނެވެ. އަދިވެސް ސަޖިދައިގާ ގިނައިރު އޮތުމުން ނިތްކުރިން ވިންދު ޖަހާހެން ހީވިއެވެ. ހިތްވެސް ލުއިކަމުން ކަފަކޮޅެއްފަދައެވެ. އަދިވެސް ސިކުނޑީގައި ހަރުލާފައިވަނީ އެންމެ އާޔަތެކެވެ."ވެރިލީ އިންދަ ރިމްމެބްރަންސް އޮފް ﷲ ޑޫ ހާޓްސް ފައިންޑް ރެސްޓް...أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ"
އެކަމަކު ސިކުނޑިއަށް އަދިވެސް މުޅިން އަރާމެއް ނުލިބެއެވެ.
އަދިވެސް އެންމެ ފަހުގެ އެޕިސޯޑު ހަނދާންވުމުން އޭނަގެ ވުޖޫދުވެސް ތެޅިލާފަދައެވެ، ރުޚުސާ ގެ ބިރާއި ދަރިފުޅުގެ ރުއިމެވެ. އޭނަ އަމިއްލަ ނަފުސަށް އޮޅުނުވަރެވެ. އެ މޭނިއާއިން އަރައިގަންނަން ދުވަސްކޮޅެއް ނެގިއިރު އޭގެ ފަހަތުން އައި ޑިޕްރެޝަންއިން އަރައިގަންނަން އެއަށްވުރެ ދިގު މުއްދަތެއްނެގިއެވެ. މިފަހަރު އޭނަ ދެކޮޅުހެދުމެއް ނެތި ޑޮކްޓަރަށް ދިޔައެވެ. ދެވަނަފަހަރަށްވެސް ޑޮކްޓަރ އޭނަގެ ބައްޔަކީ""ބައިޕޯލާ ޑިސްއޯޑާ" ކަމަށް ބުނުމުން ގަބޫލުކޮށް ބޭސް ސިޓީ އަތުލިއެވެ. މިހާރު އޭނަ ދަސްކުރަމުން މިދަނީ ނަމާދުތަކާއި ބޭހާއެކު އުޅުމަށެވެ.
"ޔާﷲ އައި ޓްރަސްޓް ޔޫ...އަދި ދުނިޔޭގައި ﷲ ތައާލާ އެހެން އަޅުތަކުން މެދުވެރިކޮށް ޝިފާ ލެއްވި ފަރުވާތަކަށްވެސް ޓްރަސްޓްކުރަން....."
މިއީ އޭނައަށް ކުރިމަތިލާން ފަސޭހަ ހާލަތެއްނޫނެވެ. ބައެއް ދުވަސްތަކުގައި އެކަނި އީމާންކަމުން ނުފުދޭނެއޭ ހިތަށް އަރާފައި އޭނަ ލަދުވެތިވެއެވެ. އަދި ބޭހަކީ ބަލިކަށިކަން ކަމުގައި ދެކެއެވެ. އެއާއެކު ހަނދާނަށް އަންނަނީ ރަސޫލު ސައްލަﷲއަލައިހި ވަސައްލަމްގެ ހަދީސްތަކެވެ. ބައްޔަށް ފަރުވާ ހޯދުމަކީ އީމާންކަން ބަލިވުމެއްނޫނެވެ. އެއީވެސް އީމާންކަމުގެ ބަޔެކެވެ. ﷲއަކީ އަލްޝާފީއެވެ. އަދި ބޭސްތަކަކީ އެކަލާނގެ އެކަމަށް ލައްވާފައިވާ ސާމާނެވެ.
އަޒިއެލް އޭނަގެ ދުވާލުގެ ތާވަލް ރޭވިއެވެ. ރަގަޅަށް ނިދުމާއި ގަޑިން ކެއުމެވެ. ފަސްއިރު ވަގުތުން ނަމާދުކުރުމެވެ. މަޣުރިބުގެ ފަހުން ގުރުއާން ކިޔެވުމެވެ. އަދި ނިޔަތާއެކު ބޭސްކެއުމެވެ. ކޮންމެ ބޭސްގުޅައެއް ދިރުވައިލާއިރު "ބިސްމިﷲ"އަދި އެއަށްފަހު ޝިފާދެއްވުމަށް އެދި ދުޢާކުރެއެވެ. އޭނަގެ ޖާނަލްގެ އެއްބައި ފުރިފައިވީ ދުޢާއިންނެވެ. އަނެއްބައިގާ ހުންނަނީ ތަބީއަތު ބަދަލުވާގޮތް ލިޔެފައެވެ.
އޭނަ މިސްކިތުގައި އޮންނަ އެފަދަ ކަންތައްތަކަށް އެހީތެރިވާ ޖަމާއަތަކާއި ގުޅުނެވެ. އެންމެންވެސް އެކިކަހަލަ ނަފްސާނީ ބުރަތަކާއެކުގައެވެ. ޑިޕްރެޝަން އެންޒައިޓީ އަދި ލިބިފައިވާ އަނިޔާތަކުގެ ވާހަކަދެކެވެއެވެ. އަދި އެއާއެކު އުއްމީދާއި ތަވައްކުލްވެސްމެއެވެ. ފަރުވާ ލިބެނީ ސިކުނޑިއާއިއެކު ހިތްވެސް އެކަމަށް މުޅިން ދީގެންނެވެ.
އަމްރާންއަށް އޭނައަށް އައި ބަދަލު ފާހަގަކުރެވުނެވެ." މިހާރު ދެން ކިރިޔާ ދިރިއުޅެވެނީއެއްނޫން. އަދި ކިރިޔާ ދިރިއުޅެން ފެށުނީ އަލްހަމްދުލިﷲ..."
"އައިމް ޓްރައިން..ﷲތައާލާގެ ރަހުމަތާއި ސައިންސްގެ ކުޑަ އެހީތެރިކަމާއެކު ޝިފާ ލިބޭނެ އިންޝާﷲ.."
އެވަގުތުކޮޅު އޭނައަށް އިހުސާސްކުރެވުނީ އޭނަ މުޅިން ހަމަޖެހޭކަމެވެ. މުޅިން ރަގަޅުނުވިޔަސް އެންމެ ފުރިހަމަ ނޫނަސް އޭނަގެ ސިކުނޑިއަށް ފުދޭވަރުވެއްޖެއެވެ. ސިކުނޑީގެ ކޮންޓްރޯލް އަތުލެވިއްޖެއެވެ. އިލްހާމާއި ސަބަބުތައްވެސް އެކުލެވޭ ދިއްލިފައިވާ މަގަކުން ހިނގަމުން ދެވޭފަދައެވެ. އޭނައަށް ދަސްވެއްޖެއެވެ. އީމާންތެރިކަމަކީ ތޫފާންތައް ނުވާކަމަށް ގަބޫލުކުރުމެއްނޫނެވެ. އޭގެ މާނައަކީ ހިޔާވަހިކަންވެސް ލިބިގެންވާކަމަށް ގަބޫލުކުރުމެވެ.
***
އަޒިކިއެލްގެ ހަޔާތަށް މިފަހަރު ތޫފާނެއް އައީ ހީނުކުރާފަދަ ގޮތަކަށެވެ.
ނުނިމޭ